ޚަބަރު

ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވީ ވޮޑުމުލާގެ ފައިސާކަން ސާބިތުކޮށްދޭން ޖެހޭ: ކުރީގެ އުއްތަމަ ފަނޑިޔާރު

ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަނީ ލޯންޑާ ކުރެއްވިކަން ސާބިތު ވާނީ އެމަނިކުފާނުގެ އެކައުންޓަށް ޖަމާވީ ގއ.ވޮޑުމުލާގެ ފައިސާކަން ދައުލަތަށް ސާބިތު ކޮށްދެވިގެން ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ.އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އެންމެ ފަހުން ސުްޕްރީ ކޯޓުގައި ބޭއްވުނު ރައީސް ޔާމީންގެ އިސްތިއުނާފުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވެފައިވަނީ ވޮޑުމުލާގެ ފައިސާކަން ސާބިތު ކޮށްދޭން ނުޖެހޭނެ ކަމަށް ބުނެފައެވެ.

ޑރ.ދީދީ ވިދާޅުވިގޮތުގައި އެ ކުށުގެ ގާނޫނީ ސްޓްރަކްޗަރ ބިނާވެގެންވަނީ އެ ކުށް ތަޖްރީމް ކުރެވިފައިވާ ގާނޫނީ ނައްސުތަކުގެ މައްޗަށް ކަމުގައިވާއިރު، މަނީ ލޯންޑަރިންގ ގެ ކުށުގެ އެންމެހައި ރުކުންތަކާއި އުންސުރުތައް އެ ކުށުގައި ފުރިހަމަވުން ލާޒިމު ވާން ޖެހޭނެއެވެ. މީގެ އިތުރުން އެކުށުގައި ފުރިހަމަވުން ލާޒިމުވެގެންވާ މާއްދީ ރުކުނާއި މައުނަވީ ރުކުނުގެ އިތުރުން އެކުށުގައި އިފްތިރާޟީ ރުކުނެއް ވެސް ފުރިހަމަ ވާންޖެހޭނެކަމުގައެވެ. އެ ރުކުނަކީ ލޯންޑަރ ކުރެވޭ މުދާ ނުވަތަ ފައިސާގެ މަޞްދަރަކީ ކުށުގެ ޢަމަލެއް ކަމުގައި ވުމެވެ.

”ރައީސް ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާޔަކީ ގއ. ވޮޑަމުލާ ކުށްޔަށް ދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމުގައި ދައުލަތުން ދަޢުވާކުރާނަމަ، އެ ކަން ސާބިތު ކުރުމުގެ އިތުރުން އެ ފައިސާޔަކީ ޤާނޫނު ނަންބަރު 10/2014 ގެ 7 ވަނަ މާއްދާ އާ ޙަވާލާދީ ކޮން ކުށެއް ކޮށްގެން ހޯދާފައިވާ ފައސާއެއް ކަން ވެސް ސާބިތުކޮށް ދިނުމަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މައްޗަށް ލާޒިމްވެގެންވާ ކަމެއް.“ ޑރ.ދީދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދައުލަތަށް އެކަން ސާބިތު ކޮށް ނުދެވޭ ކަމުގައި ވާނަމަ ހަވާލާދެވޭ ދައުވާ އަކީ އުންސުރު ފުރިހަމަ ނުވާ ދައުވާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button