ޚަބަރުދުނިޔެ

ރައްޓެހިންނާއި ޓީޗަރުންގެ ނަފުރަތުގެ ސަބަބުން އިންޑިއާގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމް ދަރިވަރުން މާޔޫސްވެފައި!

އިންޑިއާގެ މުސްލިމު ދަރިވަރުންނަށް އެކުދިންގެ ކުލާސްރޫމްތެރެއިން، އެކުވެރިންގެ ފަރާތުންނާއި ހާއްސަކޮށް މުދައްރިސުންގެ ފަރާތުން ނަފުރަތު ލިބެމުންދާކަމަށް މުސްލިމު ދަރިވަރުން ބުނެފިއެވެ.

މިދިޔަ ހަފުތާގައި ކަރްނާޓަކާގެ މަނިޕާލް ޔުނިވާސިޓީގެ މުސްލިމް ދަރިވަރަކު އޭނާގެ ޓީޗަރާ ކުރިމަތިލާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވުމާ އެކު، އުމުރުން 21 އަހަރުގެ ހުމްޒާ ސިއްދީގުގެ ހިތުގައި ވަނީ ނުތަނަވަސް ހަނދާނެއް އުފެދިފަ އެވެ.

ސޯޝަލް މީޑިއާގައި ބޮޑު ހަލަބޮލިކަމެއް އުފެދުނު މި ވީޑިއޯގައި, އިންޖިނިއަރިންގެ ޒުވާން ދަރިވަރަކު އޭނާގެ މުދައްރިސާ ދިމާލަށް އޭނާގެ ދީނީ އައިޑެންޓިޓީއާ މެދު ޖޯކު ޖެއްސުމަކީ މަޖާ ކަމެއް ނޫން ކަމަށް ބުނެފައިވެ އެވެ. އެ ޓީޗަރު އޭނާގެ މުސްލިމް ދަރިވަރާއި، 2008 ވަނަ އަހަރު މުމްބާއީއަށް ހަމަލާދިން ޕާކިސްތާނުގެ ޓެރަރިސްޓް އަޖަމްލް ކަސަބާއާ އެއްވަރުކޮށް ވާހަކަ ދައްކާފައިވާކަމަށް ވެއެވެ.

ސިޓިޒެންޝިޕް އެމެންޑްމަންޓް ގާނޫނާ ދެކޮޅަށް 2019 ވަނަ އަހަރު ކުރި މުޒާހަރާތައް އެންމެ ގަދައަށް ހިނގަމުން ދަނިކޮށް 2019 ވަނަ އަހަރު މީރަތުގައި ފުލުހުން ހިންގި ބަޑީގެ ހަމަލާއެއްގައި ފަސް މުސްލިމަކު ޝަހީދުވުމާ ގުޅިގެން ސިއްދީގަށް ވެސް އެފަދަ ހިތާމަވެރި ތަޖުރިބާއެއް ކުރެވުނެވެ. އިންޑިއާގެ ރަށްވެހިކަމުގެ ގާނޫނަށް ފުރަތަމަ ފަހަރަށް ދީނީ އަސާސެއް ތައާރަފްކުރި މި ގާނޫނާ އެކު މުޅި ގައުމުގައި ވަނީ މުޒާހަރާތައް ފަށައިފަ އެވެ.

ހަމަނުޖެހުންތަކުގެ ޚަބަރު އޭނާގެ ކްލާސްރޫމާ ހަމައަށް އައުމުން ސިއްދީގު ހަނދާންވީ އޭނާގެ މުދައްރިސް އޭނާއާ ދިމާލަށް ބުނެލި ހިތްދަތި ބަސްތަކެވެ. ސްކްރޯލް އިން އާ ވާހަކަ ދައްކަމުން ސިއްދީގު ބުނެފައިވެއެވެ. ”އަޅުގަނޑުގެ މުދައްރިސް ވިދާޅުވި، ”މި މީހުން [މުސްލިމުންނަށް އިޝާރާތްކޮށް] އެއްވެސް ގާނޫނެއް ގަބޫލެއް ނުކުރާނެ،“ އަދި އެހެން ބުނުމަށްފަހު ސިއްދީގުއަށް އިނގޭނީ ހިލަ އުކަން ކަމަށްވެސް އެ މުދައްރިސު ބުނެފައިވާކަމަށް އޭނާ ބުނެއެވެ. އެވަގުތު އޭނާގެ ރައްޓެހި، ކްލާސްކުދިންވެސް އެއީ އެއްވެސް ކަމެއް ނޫންކަމަށް ހަދާފައި ފާޑަކަށް ހޭންތިބީ ކަމަށް ސިއްދީގު ކިޔައިދީފައިވެއެވެ.

ސިއްދީގް ފަދައިން ސްކޮރޯލް އިންއާ ވާހަކަ ދެއްކި ގިނަ ޒުވާން މުސްލިމުން ވެސް ބުނަމުން ދިޔައީ، އެމީހުންނަށްވެސް އެފަދަ ހާދިސާތަކާ މަނިޕާލް ޔުނިވާސިޓީއިން ކުރިމަތިވެފައިވާ ކަމަށެވެ. އިންޑިޔާގެ މުޖުތަމައުއާއި ސިޔާސީ މައިދާނުގައި ހަރުކަށި ފިކުރު އިތުރުވަމުންދާ ދަނޑިވަޅެއްގައި، ކުލާސްރޫމްތެރޭގައި އެކުދިންނަށްވެސް ވަނީ ނަފްރަތާއި ކުރިމަތިލާން ޖެހިފައެވެ.

މަނިޕާލްގެ ހާދިސާ ފެންމަތިވުމުގެ ދުވަސްކޮޅެއް ކުރިން ރާޖަސްތާނުގެ ބަލޮތުރާގެ ކޮލެޖް ގައި ކިޔަވަމުން އަންނަ އުމުރުން 21 އަހަރުގެ ހަސީނާ ބާނޯއަށް، އޭނާގެ ޓީޗަރު ކުލާހުގައި އިސްލާމް ދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކުމުގެ ތަޖުރިބާއެއް ކުރެވުނުކަމަށް ބުނެފައިވެއެވެ. ބާނޯ ބުނި ގޮތުގައި މިދިޔަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު އޭނާގެ ހިސްޓްރީ ޓީޗަރު ވަނީ، ދިއްލީގައި ހިނގި ހަމަނުޖެހުންތަކުގެ މައްސަލަ ނަގައި އެވާހަކަ ކްލާސްރޫމްތެރޭގައި ދައްކާފައެވެ. އެ ހާދިސާގައި ބުނެވޭ ގޮތުން ތުހުމަތުކޮށްފައިވަނީ މުސްލިމެއްގެ މައްޗަށެވެ.

”އޭނާ ބުނީ މި މުސްލިމުންގެ ކިބައިގައި ރަޙްމަތުގެ އެއްވެސް އިހުސާސެއް ނެތް ކަމަށް،“ ސްކްރޯލް އިންގައި ބާނޫ ބުނެފައިވެއެވެ. އަދި ”މުސްލިމުން ޤަބޫލުކުރާ ގޮތުގައި އެއް ހިންދޫ އަކު މަރައިފިނަމަ އެއް ޙައްޖުގެ ސަވާބު [ލިބޭކަމަށާއި، ދެމީހަކު މަރައިފިނަމަ ސުވަރުގެ ލިބޭނެކަމަށް މުސްލިމުން ޤަބޫލުކުރާކަމަށްބުނެ ބާނޫއާ ދިމާލަށް ނަފުރަތުގެ ބަސްތައް އެ މުދައްރިސު ބުނެފައިވެއެވެ. އަދި ހިންދޫން އެކުދިންނާ ދުރުގައި ތިބުމަށް ވެސް އޭނާ ވަނީ ދަރިވަރުންގެ ކިބައިން އެދިފައިކަމަށް މައުލޫމާތު ލިބެއެބެ. އަދި މުސްލިމުންނަކީ ޕާކިސްތާނު މީހުންނާއި ޓެރަރިސްޓުން ކަމަށާއި، ހިންދޫންނަކީ ހިންޏެއް މަރާލުމަށްފަހުވެސް އެކަމާ ދެރަވާ ބައެއް ކަމަށް އެ ޓީޗަރު ބުނެފައިވެއެވެ. ބާނޯ ބުނީ މި އިސްލާމްފޯބިއާ އިތުރަށް ކެތް ނުކުރެވިގެން އޭނާ ޓީޗަރާ ކުރިމަތިލި ކަމަށާއި އަދި އެފަދަ ވާހަކަ ދައްކަނީ ކިހިނެއްތޯ އެހުމުން އެއީ ގްރުއާނުގައި ލިޔެފައިވާ އެއްޗެއްކަމަށް އެ ޓީޗަރު ބުނިކަމަށް ބާނޫ ބުނެފައިވެއެވެ.

މިފަދަ އެތައް ވާހަކައެއް އަދި އެތައް ބައިވަރު މުސްލިމް ދަރިވަރުންގެ އިހްސާސްތަކާއި ތަޖުރިބާތައް ސްކްރޯލް އިން ގައި ޝާއިރުކޮށްފައިވެއެވެ. ކްލާސްރޫމްގައި އިސްލާމް ދީނަށް ފުރައްސާރަކުރުމުގެ މައްސަލަ މުޅި އިންޑިއާގައި އުފެދިފައިވާއިރު، ބައެއް ސަރަޙައްދުތަކުގެ ޙާލަތު އެހެން ސަރަޙައްދުތަކަށްވުރެ ގޯހެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button