ޚަބަރު

ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ކުއްޔާއި ޖޫރިމަނާ ފަސްކޮށްދޭ ގަވާއިދު އާއްމުކޮށްފި

ދިވެހިރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނުގެ 52 ވަނަ މާއްދާގެ ދަށުން ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ބާރުގެ ދަށުން ފަތުރުވެރިކަމުގެ ބޭނުންތަކަށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ތަރައްޤީކުރުމަށް ދީފައިވާ މުއްދަތު އިތުރުކޮށްދިނުމާއި ކުއްޔާއި ޖޫރިމަނާ ފަސްކޮށްދިނުމުގައި އަމަލުކުރާނެގޮތުގެ ގަވާއިދު އާއްމުކޮށްފިއެވެ.

މި ގަވާއިދަކީ ފަތުރުވެރިކަމުގެ ބޭނުމަށް ޓޫރިޒަމް މިނިސްޓްރީން ތަންތަން ކުއްޔަށް ދޫކުރުމާ ގުޅޭގޮތުން ވެފައިވާ އެއްބަސްވުންތަކާ އެއްގޮތަށް، އެއްބަސްވުމުގައި ބަޔާންކުރާ މުއްދަތުގައި ތަރައްޤީކޮށް ނުނިމިހުރި ތަންތަން ނިންމައި ހިންގަން ފެށުމަށް ލުއިތަކެއް ދިނުމަށާއި، ތަރައްޤީކޮށް ނިމި ހިންގަން ފަށާފައިވާ ތަންތަން މަރާމާތުކުރުމުގައި ނުވަތަ އާބާތުރަފިލުވައިލުމުގައި ލުއި ދިނުމުގެ ގޮތުގުން ކުލިފަސްކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަށް ހަދާފައިވާ ގަވާއިދެކެވެ.

މި ގަވާއިދުގެ ދަށުން ލުއިތައް ދެވޭނެގޮތްތައް ބަޔާންކުރައްވާފައިވެއެވެ.

ގަވާއިދުގެ ދަށުން ލުއިތައް ދެވޭނެ ގޮތް:

ތަން ތަރައްޤީކޮށް ނިންމައި ހިންގަން ފެށުމަށް އިތުރު މުއްދަތެއް ދިނުން
– ތަން ކުއްޔަށް ދީފައިވާ އެއްބަސްވުމުގެ ދަށުން ކުއްޔާއި ޖޫރިމަނާގެ ފައިސާއެއް ނުދައްކާ އޮތް ނަމަ، އެ ފައިސާއެއް ދެއްކުން ފަސްކޮށްދިނުން
ހިންގަމުންގެންދާ ތަނެއް، މި ގަވާއިދުގެ 4 ވަނަ މާއްދާއާ އެއްގޮތަށް އަލުން ތަރައްޤީކުރުމަށް ނުވަތަ އާބާތުރަފިލުވުމަށް ބަންދުކުރާ މުއްދަތަށް ކުލީގެ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާ ފައިސާއެއް ނުދައްކާ އޮތް ނަމަ ، އެ ފައިސާ އެއް ދެއްކުން ފަސްކޮށްދިނުން

ޓޫރިޒަމް މިނިސްޓްރީ އާއިއެކުގައި ވެފައިވާ އެއްބަސްވުމުގައި ދީފައިވާ މުއްދަތަށް ތަރައްޤީކޮށް ނިމިފައިނުވާ ތަންތަނުގެ ކޮންސްޓްރަކްޝަން ޕީރިއަޑް، އެ ޤަވާއިދުގައި ކަނޑައަޅާފައިވާ ހަމަތަކާ އެއްގޮތްވާ ގޮތުގެ މަތިން އިތުރުކޮށްދިނުމުގެ ބާރު ޓޫރިޒަމް މިނިސްޓްރީއަށް ލިބިގެންވާ ކަމަށް އެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، އަންނަނިވި ހަމަތައް ބަޔާންކޮށްފައިވެއެވެ:

(1) ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަށުގައި ތަން އެއްކޮށް ތަރައްޤީކޮށް ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން ނުވަތަ ފޭސްތަކަކަށް ބަހައިލައިގެން ތަރައްޤީކުރަން ހުށަހަޅާނަމަ، މަދުވެގެން 1 ފޭސް، އެ ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ނިންމައި ހިންގަން ފެށުމަށް އެއްބަސްވުން،
(2) ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރ) ގެ ގޮތުގައި، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށްވާ ފައިސާ، ތަން ތަރައްޤީކޮށް ނިމި ހިންގަން ފަށާ ތާރީޙުން ފެށިގެން 3 އަހަރުދުވަހުގެ ތެރޭގައި ކޮންމެ އަހަރަކު 4 ކުއާޓަރަށް ހަމަހަމައަށް ބަހައިލައިގެން ފިނޭންސް މިނިސްޓްރީގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޓްރަސްޓް ފަންޑުގެ އެކައުންޓަށް ދެއްކުމަށް އެއްބަސްވުން

ހިނގަމުންދާ ކޮންސްޓްރަކްޝަން ޕީރިއަށް ހަމަވާ ތާރީހުންފެށިގެން، ކޮންސްޓްރަކްޝަން ޕީރިއަޑްގެ ގޮތުގައި ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އެ މުއްދަތު އިތުރުކުރުމަށް އެދި ހުށަހަޅާ ފަރާތްތަކަށް ކޮންސްޓްރަކްޝަން މި ގަވާއިދުގެ މަތިން އިތުރުކޮށްދެވޭނެއެވެ.

ކޮންސްޓްރަކްޝަން ޕީރިއަޑް އިތުރުކޮށްދެވޭ ތަންތަނާ ގުޅިގެން ގަވާއިދުގައި ބަޔާންކޮށްފައިވާ ތާރީހާއި ހަމައަށް އަރާފައިވާ ކުއްޔާއި ޖޫރިމަނާއާއި ގަވާއިދުގެ ދަށުން އިތުރުކޮށްދެވޭ ކޮންސްޓްރަކްޝަން ޕީރިއަޑުގައި ދައްކަންޖެހޭ ކުލިއް ދެއްކުން ދަސްކޮދޭންވާނެކަމަށްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން، ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދެކިދާނެ ގޮތްތައް:

މިނިސްޓްރީން އެ ތަނެއް ހިންގުމަށް އޮޕަރޭޓިންގ ލައިސަންސް ދޭ ތާރީހުން ފެށިގެން 2 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ފައިސާ ދައްކަން ފަށާ ތާރީހުން ފެށިގެން 5 އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ކޮންމެ އަހަރެއްގެ ވެސް 4 ކުއާޓަރަށް ހަމަހަމަޔަށް ބަހާލާގެން އިންޓްރެސްޓެއް ނެތި ދެއްކުން،
ރަށް ތަރައްޤީކޮށް ނިމިގެން ހުޅުވާ ތާރީހުން ފެށިގެން 2 އަހަރުދުވަހުގެ ގްރޭސް ޕީރިއަޑަކަށްފަހު، އަރާފައިވާ ކުއްޔާއި ޖޫރިމަނާ ދައްކަން ފަށައި، ކުލީގެ އެއްބަސްވުމުގެ ބާކީ އޮންނަ މުއްދަތުގެ ތެރޭގައި އަހަރަކު 4 ކުއާޓަރަށް ހަމަހަމަޔަށް ބަހާލައިގެން އަހަރަކު 3 އިންސައްތަ ސިމްޕަލް އިންޓަރެސްޓާއެކު ކުއްޔާއި ޖޫރިމަނާ ދެއްކުން

ފަސްކޮށްދެވޭ ކުއްޔާއި ޖޫރިމަނާ ދައްކާނި މި ދެ ގޮތުގެ ތެރެއިން، ތަން ކުއްޔަށް ހިފައިފައިވާ ފަރާތުން އިހްތިޔާރުކުރާ ގޮތަށްކަމަށް  ގަވާއިދުގައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button