ރިޕޯޓް

އަލިފުށްޓަށް އެއަރޕޯޓެއް މުހިންމު ވަނީ ކީއްވެ؟

ރ. އަލިފުށީ ފަޅުން ބިން ހިއްކައިގެން އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ)އާ ޙަވާލުކުރިކަން ސަރުކާރުން ދާދި ފަހުން އިޢުލާންކުރެއްވުން ވެގެންދިޔައީ ގިނަ ބަޔަކަށް އުފާވެރިކަން ގެނެސްދިން ޚަބަރަކަށެވެ. ނަމަވެސް ސަރުކާރުގެ މި ނިންމެވުން ބަލައިނުގަނެވޭ ބަޔަކު މިކަމާ ދެކޮޅަށް އަޑުއުފުލަން ފެށުމާއެކު ވަނީ އަތޮޅުގެ ރަށްތަކާއި އާންމުންގެ މެދުގައި ކޮންމެވެސް ވަރެއްގެ އުދާސްކަމަކާއި ނުތަނަވަސްކަމެއް އުފެދިފައެވެ. މި ސިޔާސަތު ރަނގަޅު ނޫން ކަމަށް ވިދާޅުވާ ފަރާތްތަކުން މިކަމަށް ދެކޮޅު ހައްދަވައި މައިގަނޑު ސަބަބުތަކުގެ ތެރޭގައި އަލިފުށްޓަކީ އެކަހެރިކޮށް އޮތް ރަށަކަށްވުމާއި، އަތޮޅުގެ ނިޞްބަތުން އުތުރު ބިތަށްވުރެ ދެކުނު ބިތުގެ އާބާދީ ބޮޑުވުމާއި، ދެކުނު ބިތުގައި ރިޒޯޓުތައް ގިނަވުމާއި، ސަރުކާރުގެ ސިޔާސަތާ ނުބައްދަލު ކަމަށް ވިދާޅުވުމުގެ އިތުރުން، އިފުރު އެއަރޕޯޓް މިހާރުވެސް ހިންގަމުން އަންނަކަން ފާހަގަކުރައްވައެވެ. ނަމަވެސް ސުވާލަކީ މި ކަންކަމަށް ރިޢާޔަތްކޮށް، އަލިފުށްޓާއި މުޅި އެ ސަރަޙައްދަށް ލިބެން އޮތް އިޤްތިޞާދީ ބޮޑު ނަފާވެރިކަމަކަށް އަދި ދުރު ރާސްތާ ތަރައްޤީއަކަށް ހުރަސް އެޅުމަކީ އެންމެ އެދެވިގެންވާ ކަމެއްތޯ އުފެދޭ ސުވާލެވެ.

އަލިފުށީގައި އެއަރޕޯޓް އަޅަންވީ ކީއްވެ؟

އަލިފުށްޓަކީ އަތޮޅުގެ ނިޞްބަތުން ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށެވެ. ނަމަވެސް ހިތާމަޔާއެކު ފާހަގަކުރަންޖެހޭ ކަމަކީ އަތޮޅުގެ ނިޞްބަތުން ބަލާއިރުވެސް ތަރައްޤީގެ ރޭހުގައި އަލިފުށި އޮތީ ފަހަތުގައި، ވަރަށް ބޮޑަށް ހަވާސާވެފައިކަމެވެ. އަލިފުށްޓަކީ ޒަމާނުއްސުރެ ބޯޓުފަހަރު ބަނުމާއި ކިއްސަރު ވަޑާމާއި، އެހެނިހެން ސިނާޢީ މަސައްކަތްތަކުގައި ނަން މަޝްހޫރު ރަށަކަށްވާއިރު، އެއަރޕޯޓް ފަދަ ބިޔަ މަޝްރޫޢެއް ވެގެންދާނީ އިޤްތިޞާދީގޮތުންނާއި އެހެނިހެން ގޮތްގޮތުންވެސް ސަރަޙައްދަށް ބޮޑު ކުރިއެރުމެއް ގެނެސްދޭނެ ކަމަކަށެވެ. ހަމައެއާއެކު އިޤްތިޞާދީ ވިސްނުމަކުން ބަލާއިރު މި ސަރަޙައްދަށް ޓޫރިޒަމް ތަޢާރަފްވުމަކީ މުހިންމު ކަމެކެވެ. އަލިފުށީ ސަރަޙައްދުގައި މިވަގުތު ރިޒޯޓެއް ނެތް ނަމަވެސް އެއަރޕޯޓް މަޝްރޫޢާއެކު އަލިފުށީ ފަޅުތެރޭގައި ރިޒޯޓް ހެދުމުގެ ޕްލޭންތަކެއްވެސް ކުރެވެމުންދެއެވެ. މިއާއެކު ސަރަޙައްދުގެ އިޤްތިޞާދީ ޙަރަކާތް އިތުރުވެ ވައިގެ ދަތުރުފަތުރަށް އޮތް ޑިމާންޑް އިތުރު ނުކުރެވެންވީ ސަބަބެއް ނެތެވެ. ހަމައެހެންމެ، އުތުރު ބިތުގައި އަލިފުށި ހިމެނޭ ގޮތަށް މީހުން ދިރިއުޅޭ ރަށްރަށުގެ އާބާދީގެ ނިޞްބަތް ގާތްގަނޑަކަށް 7000 ގައި ހުރިއިރު، މިއީ މިފަދަ މަޝްރޫޢަކަށް އެކަށީގެން ނުވާ އާބާދީއެކޭ ދެންނެވޭކަށްވެސް ނެތެވެ. އަދި މިއީ، ދެކުނު ބިތުގެ އާބާދީގައި ހިމެނޭ ގާތްގަނޑަކަށް 12000 މީހުންނަށް މިކަން ހަޖަމު ނުކުރެވެންވީ ސަބަބެއްވެސް ނޫންމެއެވެ.

އިފުރު އެއަރޕޯޓް އޮތުމުން ފުދޭތަ؟ 

އިފުރުގައި އެއަރޕޯޓެއް އެޅުން ވެގެންދިޔައީ އަލިފުށި ހިމެނޭގޮތަށް އެ ސަރަޙައްދުގެ ރަށްތަކަށް ލިބިގެންދިޔަ ފަސޭހައަކަށެވެ. ނަމަވެސް އަލިފުށިން ފުރައިގެން ސްޕީޑް ފެރީގައި 40 މިނެޓުގެ ދަތުރަކުން ދެވޭ ދުރުމިނުގައި އިފުރު އޮތްކަމީ ކުޑަ ތަކުލީފެއް ނޫނެވެ. މޫސުން ގޯސް ދުވަސްތަކުގައި، ސްޕީޑް ފެރީގައި އަލިފުށިން އިފުރަށް ދާން 50 މިނެޓު ހޭދަވެއެވެ. އަދި އަލިފުށިން އިފުރަށް ދިޔުމަށް ލޯންޗެއް ކުއްޔަށް ހިފަންޖެހެނީ އިތުރު 2200 ރުފިޔާ ޚަރަދުކޮށްގެނެވެ. ޚަރަދު ކުޑަ އިޚްތިޔާރަކަށް އޮތީ ދެ ގަޑިއިރާ ބައިގެ ދަތުރެއް ކޮށްގެން އަތޮޅު ފެރީގައި އިފުރަށް ދިޔުމެވެ. މިއީ މިހާރުވެސް ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ވަރަށް ބޮޑު ތަކުލީފެކެވެ.
ހަމައެހެންމެ އިފުރަކީ ޕްރައިވެޓް އައިލެންޑަކަށްވެފައި، ދާދިފަހުންވެސް ދެ ފަހަރެއްގެ މަތިން ވިއްކާލުމަށް އިޢުލާނުކޮށްފައިވާ ތަނަކަށްވާއިރު، މިއީ ދުރު ރާސްތާ މުސްތަޤުބަލަކަށް ވިސްނާއިރު ބަރޯސާވެވެން އޮތް ކަމެއް ކަމަކަށް ނުފެނެއެވެ. އިފުރު އެއަރޕޯޓް ދިގު މުއްދަތަކަށް އެގޮތުގައި އޮޕަރޭޓްވުމަކީ ވުމަށްވުރެ ނުވުން ގާތް ކަމެކެވެ.

ސަރުކާރުގެ ސިޔާސަތާ ފުށޫއަރާތަ؟

އަތޮޅުތެރޭގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ސިޔާސަތަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަރުކާރުން ފެށިގެން މިހާތަނަށްވެސް ތަންފީޒުކުރެވެމުން އަންނަ ސިޔާސަތެކެވެ. އަދުގެ ސަރުކާރުންވެސް ތާޢީދުކުރައްވާ ސިޔާސަތެކެވެ. އެގޮތުން މިއަހަރު ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ރ އަތޮޅުގައި އިތުރު އެއަރޕޯޓެއް ތަރައްޤީކޮށްދެއްވާނެކަމުގެ އުއްމީދު ރައްޔިތުންނަށް ދެއްވާފައެވެ. އަލިފުށީގައި އެއަރޕޯޓެއް އަޅަން ނިންމުމަކީ، ރ އަތޮޅުގެ ދެކުނު ބިތުގައި އެއަރޕޯޓެއް އަޅުއްވާނެ ކަމަށް ރައީސް ވިދާޅުވި ވިދާޅުވުމާ ޚިލާފުވާ ކަމެއް ނޫނެވެ. ދެކުނު ބިތުގައި އެއަރޕޯޓް އެޅުމުގެ ވަޢުދު ބަދަލުނުވެ ހަމަ އެގޮތުގައި އެބައޮތެވެ.
އަތޮޅުތެރޭގައި އެއަރޕޯޓްތައް ތަރައްޤީކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރުން މައިގަނޑު ގޮތެއްގައި ގެންގުޅުއްވާ އަމާޒަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކުންވެސް އެންމެ ގިނަވެގެން 20 މިނިޓު ތެރޭގައި ދަތުރުކުރެވޭ ދުރުމިނުގައި އެއަރޕޯޓެއް ޤާއިމްކުރުމެވެ. އަލިފުށިން ފުރައިގެން 20 މިނެޓުގެ ދަތުރަކުން އިފުރަށް ނުދެވޭއިރު، އަލިފުށީގައި އެއަރޕޯޓެއް ޤާއިމްކުރުމަކީ ސަރުކާރުގެ މި ސިޔާސަތާވެސް ފުށޫއަރާ ކަމެއް ނޫނެވެ.

އުއްމީދީ މަޝްރޫޢެއް!

ޒަމާންތަކަކަށްފަހު އަލިފުށްޓަށް މިފަދަ މުހިންމު މަޝްރޫޢެއްގެ ކުލަވަރު ފެނިގެންދިޔުމަކީ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެކެވެ. އިޤްތިޞާދީ ތަރާދުން ކިރާ، ދުރު މުސްތަޤުބަލުގައި ލިބެން އޮތް ފައިދާއަށް ވިސްނާއިރު އަލިފުށީގައި އެއަރޕޯޓް ނާޅާންވީ ސަބަބެއް ނެތެވެ. އާބާދީގެ ނިޞްބަތުން ބަލާއިރު، އަދި އިފުރު އެއަރޕޯޓުގެ ފަނޑު މުސްތަޤުބަލަށް ވިސްނާއިރު މި މަޝްރޫޢު ކުރިއަށްނުގެންދާންވީ ސަބަބެއް ނުވިސްނެއެވެ. ވަކި ރަށެއް ޠަބީޢީގޮތުން އެކަހެރިކޮށް އޮތުމަކީ ސަރުކާރުން އެރަށަކަށް ގެނެސްދެއްވާ ތަރައްޤީއަށް ހުރަސް އެޅެންވީ ހުއްޖަތެއް ނޫނެވެ. ސަރުކާރުގެ ސިޔާސަތުތަކާ ފުށޫނާރާހާ ހިނދަކު، އަދި އެ މަޝްރޫޢަކުން ރައްޔިތުންނަށް ނާފާވާހާ ހިނދަކު ސަރުކާރުން ރައްޔިތުންގެ ޙައްޤުގައި މިފަދަ މަޝްރޫޢުތައް ނުހިންގަންވީ ސަބަބެއް ނެތް ނޫންތޯއެވެ؟

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button