ރިޕޯޓް

ކުޑައިރު ރޫޅާލި މޯޓަރުން ޒުވާން އިންޖިނިއަރަކަށް!

ރާއްޖޭގެ ތައުލީމީ ނިޒާމު ބައްޓަންވެފައި ވާގޮތުން ކޮންމެ ކުއްޖަކީވެސް ގްރޭޑް 10 ނުވަތަ 12 އާއި ހަމަޔަށް ވަކި މަންހަޖެއްގެ ތެރެއިން ފޮތްތަކެއްގެ ތެރޭގައި ކިޔަވާ ނިންމާލާ ކުއްޖެކެވެ. އިތުރު ހަރަކާތްތައް ރަނގަޅު ގޮތުގައި ކުރިޔަށް ގެެންދަނީވެސް މަދު ސްކޫލަކުންނޭ ދެންނެވިދާނެއެވެ. މިނިޒާމުގެ ތެރެއިން ހުނަރުވެރި އެތައް ދަރިވަރުންތަކެއްގެ ހުނަރުތައް ވަޅުލެވިގެންދާކަމީ މިއަދުގެ ހަގީގަތެވެ.

ގއ.ގެމަނަފުއްޓަށް އުފަން އަހްމަދު އައުޒަމް، ނުވަތަ މަޝްހޫރު ނަމުންނަމަ ”ޒުވާން އިންޖިނިއަރ“ އަކީ މަދަރުސީ ހަޔާތުން ފެށިގެން، އައުޒަމްގެ ޝައުގުވެރިކަން ހުރި ދާއިރާއިން ހުނަރުތައް ކުރިއެރުވުމަށް މަސައްކަތްކުރި ކުޅަދާނަ ޒުވާނެކެވެ.

”ކުޑައިރުއްސުރެން ވެސް އަބަދުވެސް އުޅޭނީ ކޮންމެވެސް އެއްޗެއް ރޫޅުމުގަ. އަބަދުވެސް ގޭތެރޭގައި ކޮންމެވެސް ކުޅޭ އެއްޗެއް ހޯދައިގެން އޭގެން އެކިކަހަލަ އެއްޗެހި ހެދުމުގަ އުޅޭނީ“

އައުޒަމް މިދާއިރާއަށް ހިތްޖެހުނު ސަބަބު ކިޔައިދެމުން ބުންޏެވެ.

އައުޒަމްގެ ކުޑައިރުގެ ބައެއް މަސައްކަތް | ފޮޓޯ:އައުޒަމް

އައުޒަމްއަކީ ކުޑައިރު ވާހަކަ ދެއްކުމުގައި އުނދަގޫތަކެއް ހުރި ކުއްޖެކެވެ. އެގޮތުން ބައެއް ލަފްޒު އަދި އަކުރު ކިޔުމުގައި ހުންނަ އުނދަގޫކަމެއްގެ ސަބަބުން ބައެއް މީހުންގެ މަލާމާތް ރައްދުވި ކަމަށާއި، އެކަމުގެ ސަބަބުން މާގިނައިން މީހުންނާއި ބައްދަލުވެ ނޫޅެ، ގޭގައި ގިނަ ވަގުތު ހޭދަކުރާ ކަމަށް އައުޒަމް ބުންޏެވެ.

އައުޒަމްގެ މަދަރުސީ ހަޔާތް ނިންމާލީ ގްރޭޑް 10 އަކާއި ހަމައިންނެވެ. އެއަށް ފަހު މާލެ އައުމަށް ފަހު 2018 ވަނަ އަހަރު މޯލްޑިވްސް ޕޮލިޓެކްނިކުން އިންޖީން ރިޕެއަރ އެންޑެ މެއިންޓެނެންސްގެ ސެޓްފިކެޓް ލެވެލް 3 ގެ ކޯހެއް ހެދި ކަމަށް އައުޒަމް ބުންޏެވެ.

ޕޮލިޓެކްނިކްގެ ކްލާހެއްގައި އައުޒަމް މަސައްކަތް ކުރަނީ| ފޮޓޯ: އައުޒަމް

އައުޒަމް ވަނީ އުފަންރަށް ގެމަނަފުށީގައި 2015 އިން 2019 އަށް އަމިއްލަ ގަރާޖެއްގެ ޚިދުމަތްވެސް ދީފައެވެ. އެއިރުވެސް ބައެއް އިލެކްޓްރޯނިކް ސާމާނާއި އެކި ކަހަލަ އުޅަނދުފަހަރާއި އިންޖީން ހެދުމުގެ މަސައްކަތް ކުރާ ކަމަށް އައުޒަމް ބުންޏެވެ. އައުޒަމް މިކަން ސިފަކުރަނީ ރަށަށް ކޮށްދެވުނު ރަނގަޅު ޚިދުމަތެއްގެ ގޮތުގައެވެ. ގަރާޖް ހިންގި ދުވަސްވަރު ރަށުން ބޭރު ބައެއް ފަރާތްތަކަށްވެސް ޚިދުމަތް ދިން ކަމަށް އައުޒަމް ބުންޏެވެ.

ގެމަނަފުށީގައި ހިންގި އައުޒަމްގެ ގަރާޖުގައި މަސައްކަތް ކުރަނީ | ފޮޓޯ: އައުޒަމް

އައުޒަމްވަނީ 2020 ވަނަ އަހަރު އެމްޓީސީސީގައި ވަޒީފާ އަދާކުރަން ފަށާފައެވެ. އައުޒަމް މިހާރު ބޮޑަށް ހާއްސަވެފައިވަނީ މެރިން އިންޖިިއަރިންގެ ދާއިރާއަށް ކަމަށް އައުޒަމް ބުންޏެވެ.

އައުޒަމް އެމްޓީސީސީގެ މަސައްކަތުގައި | ފޮޓޯ: އައުޒަމް

އައުޒަމް ބުނި ގޮތުގައި ރާއްޖޭގައި މިދާއިރާއަކީ ޑިމާންޑް ބޮޑު ދާއިރާއެކެވެ.

އައުޒަމްގެ މަސައްކަތް ބޮޑަށް އާންމުންނަށް ފެންނަން ފެށީ ”ޒުވާން އިންޖިނިއަރ“ ގެ ނަމުގައި ސޯޝަލް މީޑިއާގެ މަންސަތަކުގައި އައުޒަމްގެ މަސައްކަތައް ހިއްސާ ކުރަން ފެށި ހިސާބުންނެވެ. އައުޒަމް ބުނި ގޮތުގައި މި ހިޔާލު އައީ ގެމަނަފުއްޓަށް އުފަން، ސާޖިން ނުވަތަ ”ޒުވާން މަސްވެރިޔާ“ ގެ ފަރާތުންނެވެ.

”މިދާއިރާއަކީ ރާއްޖޭގައި ވަރަށް މީހުން މަދު ދާއިރާއެއް. މިދާއިރާއަށް ވަނީ ޒުވާނުންގެ ބޭނުން އިންތިހާއަށް ޖެހިފައި. ރަނގަޅު އާމްދަނީއެއް ހޯދޭނެ، ރަނގަޅު ކުރިމަގެއް މިދާއިރާގައި އެބަ އޮތް“

ޒުވާނުންގެ ކިބައިން އައުޒަމް އެދޭ އެދުން ހާމަކޮށްދިނެވެ. އައުޒަމް ވަނީ ޒުވާނުންނަށް ރަނގަޅު މެސެޖެއް ދޫކޮށްލާފައެވެ. އެއްވެސް މަސައްކަތަކީ ހަޑި މަސައްކަތެއް ނޫން ކަމަށާއި ހަލާލް ގޮތުގައި އާމްދަނީ ލިބޭ ކޮންމެ މަސައްކަތަކީ ރަނގަޅު މަސައްކަތެެއް ކަމަށް ބުނެ، އައުޒަމް ޒުވާނުންނަށް ނަސޭހަތްތެރިވިއެވެ.

އައުޒަމްގެ މަންމަ އަދި ބައްޕައާއި އެކު | ފޮޓޯ: އައުޒަމް

މިއަދު މިގައުމަށް ބޭނުންވަނީ އައުޒަމް ފަދަ މަސައްކަތްތެރި ޒުވާނުންނެވެ. މަސައްކަތެއް ނުކޮށް އުޅެ، ރަނގަޅު މަގުން ކަސިޔާރުވުމުގެ ބަދަލުގައި ހަލާލުގޮތުގައި މަސައްކަތްކުރަން ކޮންމެ ޒުވާނަކުވެސް ވިސްނަން ޖެހެއެވެ. ގައުމު އާރާސްތު ކުރުމުގަ މޭސްތެރިންނަކީ ތިޔަ ޒުވާނުންނެވެ.

 

 

One Comment

  1. ޒުވާން އިންޖީނިއަރ އައުޒަމް ތި ކުރާ ބުރަ މަސައްކަތައް އައްސެރިބަހާ ސާބަސް ތީ މުޅި ރާއްޖެ ފަހުރުވރިވާ ދަރިއެއް.!

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button