އައު ސަރުކާރުގެ ޚާރިޖީ ސިޔާސަތު ކަމަށްވާ ”ޕްރޯ މޯލްޑިވްސް“ ސިޔާސަތުގެ އަސާސަކީ ރާއްޖޭގެ މަސްލަހަތު ރައްކާތެރިކޮށް ކުރިއެރުވުންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
”ޓައިމްސް އޮފް އިންޑިއާ“ ނޫހަށް ރައީސް ދެއްވި ބަސްދީގަތުމެއްގައި އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތަކީ ވަކި ޤައުމަކާ ”އެއްކޮޅު“ ނުވަތަ ”ދެކޮޅު“ ސިޔާސަތެއް ނޫން ކަމަށެވެ.
”އަޅުގަނޑުމެން އެއްވެސް ޤައުމަކާ ”ދެކޮޅު“ ނުވަތަ ”އެއްކޮޅު“ ނުވާނަން. އަޅުގަނޑުގެ ސަރުކާރުން ދަމަހައްޓާނީ ”ޕްރޯ މޯލްޑިވްސް“ ނުވަތަ ރާއްޖެއާ އެއްކޮޅު ސިޔާސަތެއް،“ ރައީސް ވިދާޅުވިއެވެ.
ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގައި އެމަނިކުފާނު އިއުލާނުކުރެއްވި ”ޕްރޯ-މޯލްޑިވްސް“ ޚާރިޖީ ސިޔާސަތުގެ އިތުރު ތަފުސީލުތައް ދެއްވަމުން ރައީސް ވިދާޅުވީ އެ ސިޔާސަތުގެ މައިގަނޑު އަސާސަކީ ރާއްޖޭގެ މަސްލަހަތުތައް ރައްކާތެރިކޮށް ކުރިއެރުވުން ކަމަށެވެ.
އަދި އެ ސިޔާސަތު ސީދާ ކުރައްވާނީ ދުނިޔޭގެ ފެންވަރުގައި އަދި ސަރަހައްދީ ފެންވަރުގައި ސުލްހައާއި ސަލާމަތް ކަށަވަރުކުރުމުގެ ބައިނަލްއަޤުވާމީ އާންމު މަސްލަހަތާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ދެމެހެއްޓެނެވި ޝާމިލު ގޮތެއްގައި ތަރައްޤީއާއި ތަނަވަސްކަން ޤާއިމުކުރެވޭނެ ގޮތްތަކަށް ރާއްޖެއިން ތާއީދުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވަނީ ސަރަހައްދީ އަދި ބައިނަލްއަޤުވާމީ ސިޔާސީ މަސްރަހުގައި މިހާރަށްވުރެ އަމަލީ ގޮތެއްގައި ރާއްޖެއިން ހަރަކާތްތެރިވާނެކަން ހާމަކުރައްވައި އެކަން ކުރުމަށް ރާއްޖެއިން ހާސިލުކުރަންޖެހޭ ބައެއް ކަންކަމަށް އަލިއަޅުވައިލައްވާފައެވެ.
އެގޮތުން ރައީސް ފާހަގަކުރެއްވީ އިންޑިއާ ކަނޑުގެ ޞުލްޙަ ދެމެހެއްޓުމުގައި ބައިނަލްއަޤުވާމީ ބައިވެރިންނާއެކު އަމަލީ ގޮތެއްގައި މަސައްކަތްކުރުމަށް، ރާއްޖޭގެ އިޤުތިޞާދީ އަދި ދުސްތޫރީ ވިލުންތެރިކަން އިތުރުކުރަންޖެހޭ ކަމަށެވެ.