ޚަބަރުސިޔާސީ

ކުޑަ ކުޑަ ގާދިއްފުއްޓަށް ރައީސް ކުރެއްވި ދަތުރުފުޅު އަބާން ސިފަކުރެއްވީ އަހައްމިއްޔަތުކަމުގެ މައްޗަށް!

ތ.އަތޮޅުގެ ރަށްތަކަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިމުނު ހަފްތާގައި ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ގާދިއްފުއްޓަށް އެމަނިކުފާނު ވަޑައިގެންނެވުމުން ކުޑަ އާބާދީއަށް ނުބައްލަވައި އެރަށުގެ ރައްޔިތުން އެދޭ ކުރިއެރުމަށް އެމަނިކުފާނު ދެއްވާ އަހައްމިއްޔަތުކަން ހާމަވެގެން ދިޔަކަމުގައި އެރަށަށް ނިސްބަތްވެވަޑައިގަންނަވާ ރައީސް އޮފީހުގެ ޒުވާން އަންޑަރ ސެކެޓްރީ އިބްރާހީމް އަބާން އަބްދުއްލަތީފް ވިދާޅުވެއްޖެއެވެ.

ގާދިއްފުށީ ރައްޔިތުންނާއި މުހާތަބުކުރައްވައި އަބާން ދެއްވި ވާހަކަފުޅުގައި ފާހަގަކުރެއްވިގޮތުގައި ރައީސް މުއިއްޒުއަކީ ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި ހިދުމަތް ކުރައްވަން ބޭނުންފުޅުވާ ބޭފުޅެކެވެ.

”އެއްވެސް ރައްޔިތަކު ބާކީ ކުރުމެއް ނެތި، އެއްވެސް ރަށެއް ބާކީ ކުރުމެއް ނެތި، ރައީސް ކުރިއަށް ވަޑައިގަންނަވާނެކަން އަޅުގަނޑުމެނަށް ހާމަވެގެންދިޔަ.“ އަބާން ވިދާޅުވިއެވެ.

އަބާން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތްފަހުން މިވީ މަދު ދުވަސްކޮޅުގެ ތެރޭގައި ސިޔާސަތުތައް ކަނޑައެޅުމުގައި އެމަނިކުފާނުގެ ހަރުދަނާ ކަމާއި، މަސައްކަތުގެ މާހައުލުގައިވެސް އެމަނިކުފާނުގެ ހަރުދަނާކަން ހާމަވެގެން ގޮސްފައިވާ ކަމުގައެވެ.

އެކަމުގެ ހެއްކެއްގެ ގޮތުގައި އަބާން ފާހަގަކުރެއްވީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ދާދިފަހުން ނެރުނު ރިޕޯޓެއްގައި ރައީސް މުއިއްޒުގެ ސިޔާސަތުތަކުގެ ހަރުދަނާކަން ބަޔާންކޮށްފައި އޮތުމެވެ.

”އަދި ރައީސް ކުރައްވާ މަސައްކަތާއިގެން ކުރިއަށް ވަޑައިގަތުމަށް އެ ރިޕޯޓުގަ އެބަވޭ.“ އަބާން ވިދާޅުވިއެވެ.

ޒުވާނުންގެ ދާއިރާގެ ކަންކަން ފާހަގަކުރައްވައި އަބާން ވިދާޅުވީ ޒުވާނުންގެ ބޯޑު އެކުލަވައިލުމުގެ މަސައްކަތްޕުޅާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ޕްލެޓްފޯމް ހެއްދެވުމަށް ރައީސް ކުރައްވާ މަސައްކަތްޕުޅުތަކަށް ޝުކުރު ހައްގު ކަމުގައެވެ.

މި ޖަލްސާގައި އަބާނަށް ފަހު ރައީސް މުއިއްޒު ރައްޔިތުންނާ މުހާތަބުކުރައްވައި ވަނީ ގާދިއްފުށީ ރައްޔިތުން އެމަނިކުފާނަށް ކީ ހޫނު މަރުހަބާއަށް ޝުކުރު ދަންނަވައި އެރަށުގެ ރައްޔިތުން އެދޭ ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ގާދިއްފުށީ ބަނދަރުގެ މަސައްކަތާއި ސްކޫލްގެ މައްސަލަ ހައްލުކޮށް، އެ މަސައްކަތަށް ހާއްސަ އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button