ޚަބަރުސިޔާސީ

ދިވެހިން އެއްބައިވަންތަކުރުވީ، އެއްބައެއްގެ ގޮތުގައި އުޅެމުން އައި ދިރިއުޅުން: ރައީސް

ދިވެހިން އެއްބައިވަންތަކުރުވީ، އެއްބައެއްގެ ގޮތުގައި އުޅެމުން އައި ސާދާ ދިރިއުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ މިރޭ ދަރުބާރުގޭގައި ބޭއްވި ގައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސްގެ ވާހަކަފުޅުގައި އިސްލާމްދީނުގައި އެއްބައިވަންތަކަމާއެކު ތިބެވުމަކީ ދިވެހިންނަށް ދެއްވާފައިވާ މަތިވެރި ނިޢުމަތެއްކަން ހަނދާން އައު ކޮށްދެއްވަމުން ބައިބައިވުމާއި، އިސްލާމީ އަހުވަންތަކަން ފުނޑުފުނޑުވެގެން ދިއުމަށް ފުރުސަތު ނުދެއްވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. އަދި ދިވެހިންނަކީ އެއްދީނެއްގެ، އެއް ބަހަކުން ވާހަކަދައްކާ އެތައް ނަސީބެއްގެ ވެރި ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”އެއް އަކުރަކުން ލިޔެކިޔައި އުޅުމުގެ އުފާ. އެއް ސަގާފަތެއް ހިއްސާކުރުމާއި، އެއް ނަސްލަކުން ގުޅިފައި ވުމުގެ އަމާންކަން. ހަމަ އެހެންމެ، އެއްސޫރައެއްގައި އޮތް އެއްކަހަލަ ރަށްތަކަކުން ދިވެހީންގެ ވެށި ސިފަވެގެން ދިޔުމުގެ ޒީނަތްތެރިކަން. ދިވެހީން އެއްބައިވަންތަކުރުވީ މި އެއްގޮތްވަންތަކަން. މީ އެއް ޤައުމެއް. އެއް ބައެއް“ ރައީސް ވިދާޅުވިއެވެ.

ރައީސް ވާހަކަފުޅުގައި ސުނާމީ ކާރިސާގެ ތެރޭގައި އަދި އެ ކާރިސާއާ ގުޅިގެން އެކިރަށްރަށަށް ހިޖުރަކުރި މީހުންނަށް އެހީތެރިވުމުގައި ދިވެހިންނަކީ އެއްބައިވަންތަ އަދި އެއްބައެއްކަން ދައްކުވައިދިންކަމުގައި ވިދާޅުވިއެވެ.

”މި ހުރިހައި ކަމެއް ބުނެދެނީ ހަމަ އެންމެ ކަމެއް. އެއީ އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެއްކަން. އެއްބައިވަންތަކަމަކީ އަޅުގަނޑުމެން ދިވެހީންގެ ރަމްޒެއްކަން. އަޅުގަނޑުމެން ކުރިޔަށް ފިޔަވަޅު އަޅާނީ އެއްބައިވަންތަކަމުގެ ރޫޙުގައިކަން.“ ރައީސް ވިދާޅުވިއެވެ.

ރާއްޖެއަށް އަދި ދިވެހިންނަށް ލިބިފައިވާ މި ނަސީބާއި ނިޢުމަތްތައް ދަމަހައްޓަންޖެހޭކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި ޖަލްސާގައި ގައުމީ ދިދައަށް އިޙްތިރާމު އަދާކުރުމުގެ ގޮތުން ގައުމީ ދިދައަށް އިއްޒަތް އެރުވުންވެސް އޮތެވެ. މިޖަލްސާގައި ސަރުކާރުގެ އިސްބޭފުޅުންނާއި ވަޒީރުންނާއި ބޭރުގެ ބައެއް ގައުމުތަކުގެ ސަފީރުން ބައިވެރިވެވަޑައިގެންނެވިއެވެ. ސުނާމީ ކާރިސާއަށްފަހު ރާއްޖޭގައި ކޮންމެ އަހަރެއްގެ ޑިސެންބަރުމަހުގެ 26 ވަނަ ދުވަސް ފާހަގަކުރަނީ ޤައުމީ އެއްބައިވަންތަކަމުގެ ދުވަހުގެ ގޮތުގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button