ޓްރެފިކް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް ދިރާސާއެއް ކުރަނީ

މާލޭގައި ޓްރެފިކް ތޮއްޖެހޭ މައްސަލައަށް ހައްްލެއް ހޯދުމުގެ ގޮތުން ބޭރުގެ ކުރިއަރާފައިވާ ގައުމުތަކާ ގުޅިގެން ދިރާސާއެއް ކުރަން ޓްރާންސްޕޯޓު ވުޒާރާއިން ނިންމައިފިއެވެ.
މާލޭ ސަރަހައްދުގައި ދުއްވާ އެއްގަމު އުޅަނދުތައް ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަނެ އެކަމުގެ އަމަލީ ފިޔަވަޅުތައް އެޅުމަށް މިނިސްޓަރު އިސްނަންގަވައިގެން މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ.
މިނިސްޓްރީގެ އިތުރުން މި ކަމާ ގުޅުންހުރި ސްޓޭކްހޯލްޑަރުން ހިމެނޭހެން އެކަމަށް ހައްލު ހޯދުމަށް ހާއްސަ ކޮމިޓީއެއް މިދިޔަ ހޯމަ ދުވަހު އެކުލަވާލައި މަސައްކަތްތައް ފަށާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީން ހާމަކުރި ގޮތުގައި މާލެ ސަރަހައްދުގެ ޓްރެފިކް ތޮއްޖެހުމަށް އެންމެ އެކަށީގެންވާ ދާއިމީ ހައްލު ހޯދުމަށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގެ، ކަމާ ގުޅުންހުރި ދާއިރާގެ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ދިރާސާއެއް ކުރަން ވަނީ ނިންމާފައެވެ. އެ ދިރާސާ ކުރުމުގެ މަސައްކަތް އަންނަ ޖެނުއަރީ މަސްތެރޭގައި ފެށޭނެ ކަމަށް ވެސް މިނިސްޓްރީން މައުލޫމާތުދެއްވައެވެ.