ޚަބަރު

ޕެންޝަން ސްކީމްގެ އިދާރީ ފީ ކުޑަކުރަން ނިންމައިފި

މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމް (އެމް.އާރް.ޕީ.އެސް) ހިންގުމަށް ނަގަމުން އަންނަ އިދާރީ ފީ, ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެން ކުޑަކުރަން ޕެންޝަން އޮފީހުގެ ބޯޑުން ނިންމައި އެކަން 25 ޑިސެމްބަރު 2023ގައި ދިވެހި ސަރުކާރުގެ ގެޒެޓުގައި އިޢުލާނުކޮށްފިއެވެ.

އެމް.އާރް.ޕީ.އެސް ހިންގުމަށް އިދާރީ ފީ ނަގަނީ ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނު (8/2009) ގެ 7 ވަނަ މާއްދާގެ (ހ) ގެ ދަށުންނެވެ.

އެމް.އާރް.ޕީ.އެސް އިން މައުލޫމާތު ލިބޭ ގޮތުގައި މިހާތަނަށް ޕްރީ ރިޓަޔަރމަންޓް ފަންޑުންނާއި, ޕޯސްޓް ރިޓަޔަރމަންޓް ފަންޑުން, އިދާރީ ފީ ގޮތުގައި ނަގަމުން ދަނީ 0.6 އިން ސައްތައެވެ. އަލަށް ގެނައި ބަދަލާ އެކު, ދެ ފަންޑުން އިދާރީ ފީ ގެ ގޮތުގައި ނަގާނީ ދެ މިންވަރެކެވެ.

އެގޮތުން ޕްރީ ރިޓަޔަރމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން ނަގާނީ އަހަރަކު 0.5 އިން ސައްތައެވެ. އަދި ޕޯސްޓް ރިޓަޔަރމަންޓް ފަންޑުތަކުން ޖަނަވަރީ 1 އިން ފެށިގެން އަހަރަކަށް ނަގާނީ 0.3 އިން ސައްތައެވެ.

ޕްރީ ރިޓަޔަރމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަނުވާ މެންބަރުންގެ ފައިސާ އިންވެސްޓް ކުރާ ފަންޑުތަކެކެވެ. މި ފަންޑުތަކުގައި އިސްކަންދެނީ އިންވެސްޓްމަންޓްތަކުން ނެރޭ ނަފާ އިތުރުކޮށް ފައިސާގެ އަގު ހިފެހެއްޓުމަށް ކަމަށާއި ޕޯސްޓް ރިޓަޔަރމަންޓް ފަންޑުތަކަކީ ޕެންޝަން ލިބޭ އުމުރު ހަމަވެފައިވާ މެންބަރުންގެ ފައިސާ އިންވެސްޓްކުރާ ފަންޑުތަކެއް ކަމުން، މި ފަންޑުތަކުގައި އިސްކަންދެނީ ކޮންޒަވެޓިވްކޮށް އިންވެސްޓްކޮށްގެން ފައިސާގެ އަގު ހިފެހެއްޓުމަށް ކަމުގައި އެމް.އާރް.ޕީ.އެސް އިން ބުނެފައިވެއެވެ.

އޭގެ އިތުރުން އިދާރީ ފީ ނެގުމުގެ މަގުސަދަކީ، އެމް.އާރް.ޕީ.އެސް ހިންގުމުގެ ހަރަދުތައް ހަމަޖެއްސުންކަމާއި އެ ހަރަދުތަކުގެ ތެރޭގައި ހިސާބު ބެލެހެއްޓުމުގެ ހަރަދާއި, އިންވެސްޓްކުރުމުގެ ކަންކަމަށްދާ ހަރަދާއި، މާލީ ގޮތުން ކުރެވޭ މުއާމަލާތްތަކާ ގުޅިގެން ހިނގާ ހަރަދާއި، ކަސްޓޯޑިއަންގެ ހަރަދު, އަދި އޯޑިޓްކުރުމަށް ހިނގާ ހަރަދުތައް ހިމެނޭކަމަށް ވެސް ބުނެފައިވެއެވެ.

އިދާރީ ފީ ގެ ގޮތުގައި ނަގާ އަދަދު ވީހާ ވެސް ކުޑަކުރުމަކީ ޕެންޝަން އޮފީހުން އަބަދުވެސް ވަރަށް ބޮޑަށް ސަމާލުކަންދޭ ކަމެއްކަމާއި އެގޮތުން މިއީ ޕެންޝަން ގާނޫނު ވުޖޫދުވި ފަހުން މި އަދަދު ކުޑަކުރާ ހަތަރު ވަނަ ފަހަރުކަމަށް މައުލޫމާތު ވަނީ ލިބިފައެވެ. މީގެ ކުރިން ކުޑަކުރީ 2015، 2017 އަދި 2018ގައެވެ.

އިދާރީ ފީ ގެ ގޮތުގައި ނަގާ އަދަދުގެ ތަފްސީލު މެންބަރުންގެ ރިޓަޔަރމަންޓް ސޭވިންގްސް އެކައުންޓުގެ ސްޓޭޓްމަންޓުން އެނގެން ހުންނާނެއެވެ. ސްޓޭޓްމަންޓާއި, އެކައުންޓުގައި ހުރި ފައިސާގެ އެހެން ތަފްސީލުތައް ކޮޝާރު އެޕްލިކޭޝަނުންނާއި, ވެބްސައިޓުން ފެންނާނެއެވެ.

ރިޓަޔަރ ކުރުމަށް ފަހު އެހެން މީހަކަށް ބަރޯސާނުވެ އަބުރުވެރިކަމާ އެކު އުޅެވޭނެ މަގު ފަހިކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމަކީ، ރާއްޖޭގައި ވަޒީފާއަދާކުރާ އުމުރުން 16 އަހަރާއި، 65 އަހަރާ ދެމެދުގެ ދިވެހިން ގާނޫނުން މަޖުބޫރުކަމެކެވެ. އަމިއްލަ މަސައްކަތްކުރާ މީހުންނާއި، މަސްވެރިންނާއި، ދަނޑުވެރިން އަމިއްލަ އިހުތިޔާރުގައި އެމް.އާރް.ޕީ.އެސްގައި ބައިވެރިވުމުގެ ފުރުސަތު އޮވެއެވެ.

އެމް.އާރް.ޕީ.އެސް އަށް ޖަމާވާނީ އެ މުވައްޒަފެއްގެ ޕެންޝަނަށް ބަލާ މުސާރަ ކަމަށްވާ އަސާސީ މުސާރައިގެ 7 އިން ސައްތައެވެ. އެ އަދަދު ވަޒީފާދޭ ފަރާތުން ވެސް ޖަމާކުރަން ޖެހޭނެ އެވެ. މާނައަކީ ކޮންމެ މަހަކު ވެސް އެ މުވައްޒަފެއްގެ ނަމުގައި އެމް.އާރް.ޕީ.އެސް އަށް އަސާސީ މުސާރައިގެ 14 އިން ސައްތަ ޖަމާވަމުން ދިއުމެވެ. އަމިއްލަ އިހުތިޔާރުގައި، މިއަށް ވުރެ ބޮޑު އަދަދެއް ޖަމާކުރުމުގެ ފުރުސަތު ވެސް ގާނޫނުން ވަނީ ފަހިކޮށްދީފައެވެ.

އެމް.އާރް.ޕީ.އެސްގައި ހުންނަ ފައިސާ ކޮންމެ މީހަކަށް ވެސް ލިބޭނީ އުމުރުން 65 އަހަރު ފުރި ރިޓަޔަރވުމުންނެވެ. ނަމަވެސް ވަކި ޝަރުތުތަކެއް ހަމަވާ ނަމަ 55 އަހަރުގައި އާލީ ރިޓަޔަރމަންޓް ނެގެއެވެ.

ރިޓަޔަރކުރުމުގެ ކުރިން އެ ފައިސާ ބޭނުން ކުރެވޭނެ އޮންނަނީ ދެ ހާލަތެކެވެ. އެއީ ހައުސިން ޑައުންޕޭމަންޓް ދެއްކުމަށާއި, ފަރުޟު ހައްޖު އަދާކުރުމަށަށެވެ. ނަމަވެސް އެ ދެ ހާލަތުގައި ވެސް އެ ފައިސާ ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ވަކި އުސޫލެއްގެ ދަށުން, ވަކި ޝަރުތުތަކާއެކު ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button