ޚަބަރުކުޅިވަރުސިޔާސީ

އެކްސްކޯގެ ގާނޫނީ އަދަދު ހަމަ ނުވާތީ ބައްސާމްގެ މަގާމު ގެއްލިއްޖެ

އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އެކްސްކޯގެ އިތުރު ތިން މެންބަރަކު އިސްތިއުފާ ދެއްވުމުން، އެކްސްކޯގެ ގާނޫނީ އަދަދު ހަމަ ނުވާތީ އޭނާގެ މަގާމު ގެއްލިއްޖެއެވެ.

އެކްސްކޯ މެންބަރުންގެ ތެރެއިން މުހައްމަދު ޝިފާއު އާއި ޓީސީ ސްޕޯޓްސް ކްލަބްގެ މުއައްސިސް އަހްމަދު ނަޝީދު (ޑޭވް) އަދި އެކްސްކޯގެ އަންހެން މެންބަރު އާމިނަތު ޝާނީޒު އިސްތިއުފާގެ ސިޓީ ފޮނުވިކަމަށް މީޑިއާތަކުން މައުލޫމާތު ވަނީ ލިބިފައެވެ.

މީގެ ދެ މަހެއްވަރު ކުރިން ނައިބު ރައީސް ކަމުގައި ހުންނެވި، މާޒިޔާގެ ސީއީއޯ ހުސައިން ޝާފިއު (ކޮކީ) އާއި އެކްސްކޯ މެންބަރު އަދި ގްރީން ސްޓްރީޓްސްގެ ރައީސް މުއާވިޔަތު ހަލީލު ވަނީ އިސްތިއުފާ ދީފައެވެ.

ޖުމުލަ ނުވަ މެންބަރުން ހިމެނޭ، އެފްއޭއެމްގެ އެކްސްކޯއިން ފަސް ބޭފުޅަކު އިސްތިއުފާ ދެއްވުމުން، އެ ކޮމިޓީގެ ސައްހަ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ހަތަރު ބޭފުޅުންނެވެ. އެހެންވެ މިހާރު ގާނޫނީ އަދަދު ހަމަ ނުވާތީ ބައްސާމްގެ މަގާމު މިހާރު ވަނީ ގެއްލިފައެވެ.

މީގެ ކުރިންވެސް އެކްސްކޯގެ ފަސް މެންބަރަކު އެއްފަހަރާ އިސްތިއުފާ ދިނުމުން، އެފްއޭއެމްގެ އޭރުގެ ރައީސް އަހްމަދު ތޯރިގް (ޓޮމް) ގެ މަގާމު ގެއްލުނީ 2016ގައި އޭނާގެ ދައުރަށް ހަތަރު މަސް ވެސް ނުވަނީހެވެ.

ޝާފިއު އާއި މުއާވިޔަތު އިސްތިއުފާ ދެއްވި ފަހުން، އެކްސްކޯ މެންބަރުކަމަށް، ޑެޕިޔުޓީ ޖެނަރަލް ސެކްރެޓަރީ އަބްދުﷲ ޝިބާއު (ޝިބާ) ވަނީ އައްޔަން ކޮށްފައެވެ. ނަމަވެސް ކޮންގްރެސް އަކުން އޭނާ އަށް ރުހުން ދީފައި ނުވާތީ އެކްސްކޯ މެންބަރުކަމުގެ ގާނޫނީ ހައިސިއްޔަތު އޭނާ އަކަށް ނުލިބެއެވެ. އެހެންކަމުން ގާނޫނީ ހައިސިއްޔަތު ލިބިގެން އެފްއޭއެމްގެ އެކްސްކޯގައި މި ވަގުތު ތިއްބެވީ ހަތަރު މެންބަރުންނެވެ. އެއީ:

1. ރައީސް ބައްސާމް އަދީލް ޖަލީލް

2. ނައިބު ރައީސް އަލީ އުމަރު

3. އެކްސްކޯ މެންބަރު މުފާވިޒު ހާޝިމް

4. އެކްސްކޯ މެންބަރު އަހްމަދު ޝަކީބު (ޑޮކް)

Leave a Reply

Your email address will not be published. Required fields are marked *

Back to top button