ޚަބަރު

“މަސްވެރިންގެ ގުންޒަރު“ ގެ ނަމުގައި ފޯރަމެއް އިފްތިތާހު ކޮށްދެއްވައިފި

43 ވަނަ މަސްވެރިންގެ ދުވަހާ ގުޅިގެން “މަސްވެރިންގެ ގުންޒަރު“ ގެ ނަމުގައި ފޯރަމެއް އިފްތިތާހުކޮށްދެއްވައިފިއެވެ.

މި ފޯރަމަކީ މަސްވެރިކަމުގެ އެކި ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ދެނެގަނެ އެ ކަންކަމަށް ހައްލު ހޯދާނެ ގޮތްތަކެއް ހޯދުމަށް މަޝްވަރާ ކުރުމަށް ބާއްވާ ފޯރަމެކެވެ.

މި ފޯރަމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޝިޔާމް ވިދާޅުވެފައި ވަނީ މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖޭގައި އެންމެ ބޮޑު ގޮންޖެހުން ކުރިމަތިވެފައި އޮންނަ ދާއިރާކަމަށާއި، އެ ގޮންޖެހުތަކުގެ އަޑު އައްސަވާނެ ކަމަށެވެ. އަދި އެ ގޮންޖެހުންތަކަށް ޖުމްލަ ހައްލެއް ހޯއްދަވަން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ވަނީ ދެއްވައިފައެވެ.

“މިއަހަރުގެ މަސްވެރިންގެ ދުވަސް މި ފާހަގަކުރަނީ ގައުމުގެ މާލީ ހާލަތާއި ވެރިކަމާ ހަވާލުވިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި. އަޅުގަނޑު އަދި ވަރަށް އާ. އެހެންނަމަވެސް ތިޔަ ތަޖުރިބާ ހުރި ބޭފުޅުންނާއެކު ކަންކަމާ މަޝްވަރާކޮށް ސަރުކާރުގެ ތެރެއިން ހައްލު ގެނެސް ދެއްވުމަށް މަސައްކަތް ކުރާނަން.“ ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ މަސްވެރިކަމުގެ ސިނާއަތަކީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ދާއިރާއެއް ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް މަސްވެރި ދިވެހި ރައްޔިތުންނަށް މިހާރަށްވުރެ ފަހި ގޮތްތައް މަގުފަހިކޮށްދެއްވުމަކީ އެމަނިކުފާނު ނުހަނު އިސްކަން ދެއްވާ ކަމެއް ކަމުގައި މިނިސްޓަރު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ މި ފޯރަމްގައި ކަނދުފަތި ގާއިމްކުރުމުގައި ބަލަންޖެހޭ މުހިންމު ފަންނީ ކަންތައްތަކާއި ގުޅޭ ގޮތުން އެމްއެމްއާރްއައިގެ ފަރާތުން ޑރ.އަޙުމަދު ރިޔާޒް ޖައުހަރީ ވަނީ ފޯރަމްގެ ބައިވެރިންނަށް މައުލޫމާތު ދެއްވައިފައެވެ. އަދި މާލީ ނިޒާމުގެ ތެރެއިން މަސްވެރިންނަށް ލުއިފަސޭހަތައް ހޯދައިދިނުމަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން ބޭންކް އޮފް
މޯލްޑިވްސްގެ ފަރާތުން ވެސް ފޯރަމްގެ ބައިވެރިންނާ ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button