ކުރީގެ ރައީސުލްޖުމްހޫރިއްޔާ، ރައީސް އަބްދުالله ޔާމީން އަބްދުލް ގައްޔޫމް، ޕީޕީއެމްއިން ވަކިވެވަޑައިގެން އަލަށް އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ މިއަދު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދެއްވައިފިއެވެ.
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވަނީ ތިން މަސް ދުވަހުގެ ތެރޭގައި 3,000 މެމްބަރުން ހަމަކުރުމުގެ ހުއްދަ ޕީއެންއެފްއަށް ދެއްވާފައެވެ.
ޕީއެންއެފްގެ މުއައްސިސެއްގެ ގޮތުގައި ހުންނަވާނީ އެމަނިކުފާނުގެ ދަރިކަލުން ޒޭން ޔާމީން އަބްދުލްގައްޔޫމެވެ. ޒޭންގެ އިތުރުން ޕީއެންއެފް އުފެއްދުމަށް އެންމެ އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ ގޮތުގައި ރައީސް ޔާމީނާއި, އެމަނިކުފާނުގެ ވެރިކަމުގައި ނައިބު ރައީސަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ސީޕީ ހުސައިން ވަހީދާއި މުލިއާގޭގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާގެ އިތުރުން އަދްލީ އިސްމާއީލް އާއި ޑރ. ޖިހާދު ހަސަން އަދި ކަކާގޭ އަލީ އާދަމް ހިމެނެއެވެ.
ޕީއެންއެފް އުފެއްދުމަށް ރައީސް ޔާމީން ނިންމެވީ ޕްރޮގުރެސިވް ކޯލިޝަނުގެ ލީޑާޝިޕުން އެމަނިކުފާނު އެއްފަރާތް ކޮށްފައިވާ ކަމަށް ބުނެއެވެ. ޕީޕީއެމާއި ޕީއެންސީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުން ވަނީ ޔާމީނާ އެކު ސިޔާސީ މަސައްކަތް ކުރުމުން ދުރަށް ޖެހިވަޑައިގެންފައެވެ.
ރައީސް ޔާމީނުގެ އެންމެ ބޮޑު އަމާޒަކީ އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މި ޕާޓީއާއެކު ނުކުމެ ކާމިޔާބު ކުރުމެވެ.