ޚަބަރުސިޔާސީ

ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދުވި ފައިސާ އަނބުރާ ދޭނެ ތާރީހު ސާފުކުރަން ހައުސިން މިނިސްޓަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަނީ

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރަން ނިންމީ ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް ހިޔާ ފްލެޓުތަކުގެ ފިނިޝިންއަށް ހަރަދުވި ފައިސާ އަނބުރާ ދޭނެ ތާރީހު ސާފުކުރުމަށެވެ.

ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ހައުސިން މިނިސްޓަރަށް ސުވާލު ފޮނުއްވީ ފްލެޓް ނިންމަން ހަރަދުވި ފައިސާގެ ބަދަލުގެ ގޮތުގައި ދެ ލައްކަ ރުފިޔާ ދޭން ރާވަފައިވާ ގޮތާއި ތާރީހު އޮޅުންފިލުވުމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 76 ވަނަ މާއްދާގައިވާ ގޮތުގެ މަތިން އެ ސުވާލަށް ޖަވާބުދެއްވުމަށް މިނިސްޓަރުގެ އަރިހުން އަލީ ނިޔާޒު ވަނީ އެދިފައެވެ. އެ މާއްދާގައި ބުނާގޮތުން ވަޒީރުންނާ ކުރާ ސުވާލުތަކަށް ޖަވާބުދާރީ ވާންޖެހޭނީ މަޖިލީހަށް ހާޒިރުވެގެންނެވެ.

އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެފައިވާ ގޮތުގައި ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދާ އެއްގޮތަށް، ހިޔާ ފްލެޓުގެ ފިނިޝިންއަށް ހަރަދުވި ފައިސާ އަނބުރާ ދޭންޖެހޭނެއެވެ.

”ރައީސް ޑރ. މުއިއްޒު ވައުދުވި ގޮތަށް، ހިޔާ ފްލެޓު ހަދަން ހަރަދުކުރި ފައިސާ ހިޔާ ފްލެޓުގެ ވެރިންނަށް ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،“ ފަޒުލްގެ އެކްސް އެކައުންޓުގައި ލިޔުއްވާފައިވެއެވެ.

ހިޔާ ފްލެޓުގެ ފިނިޝިންއަށް ހަރަދުވި ފައިސާގެ  ގޮތުގައި ދެ ލައްކަ ރުފިޔާ ދޭނެ ކަމަށް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނުގައި ވަނީ ވިދާޅުވެފައެވެ.

”ވަރަށް ސާފުކޮށް މި ދަންނަވަނީ އެވްރެޖް އަގެއް ދޭނަމޭ. ދޭނަމޭ މި ވިދާޅުވީ ރައްޔިތުން އަތުން ދެއްކި ހަރަދު އަނބުރާ ރިކަވާ ކުރެވޭ ގޮތް، ވީހާވެސް ރަނގަޅަކަށް ކުރެވޭނެ ގޮތް، އެވްރެޖް އަގެއްގައި. ބައެއް ބޭފުޅުން ވަރަށް އަގުބޮޑުކޮށް އެބަހުރި އެޕާޓްމެންޓްތައް ހަދާފައި، އެހެންވީމަ އެއްކޮށް ކަވާ ނުވެދާނޭ. އެހެން ނަމަވެސް އެވްރެޖް އަގެއް ކަނޑައެޅީމައި އޭރު އަޅުގަނޑުމެން ހެދި ހިސާބުން ބަލާނަމަ އެވްރެޖްކޮށް ދެލައްކަ ރުފިޔާ އެއީ. އެހެންވީމަ އެ އަނބުރާ ދޭނަން. ކޮސްޓުން ކަނޑައިދޭނަން،“ ރައީސް މުއިއްޒު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button