
ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން އަބްދުލްގައްޔޫމާއި ވ.ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމާއި ގަބޫލުކުރުމުގެ ދައުވާގައި ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ 11 އަހަރުގެ ޖަލު ހުކުމާއި 77 މިލިއަން ރުފިޔާގެ ޖޫރިމަނާ އަދަބު ތަންފީޒުކުރުން ފަސްކުރުމާމެދު އާދީއްތަ ދުވަހު ގޮތެއް ނިންމުމަށް ހައިކޯޓުން ކަނޑައަޅައިފިއެވެ.
އެ މައްސަލައިގައި އިސްތިއުނާފު އަޑުއެހުންތައް ނިންމާލަމުން ފަނޑިޔާރު މުހައްމަދު ސަލީމް ވިދާޅުވީ ޖަލު އަދަބާއި ޖޫރިމަނާ އަދަބު ތަންފީޒުކުރުން ފަސްކުރުމާމެދު އާދީއްތަ ދުވަހު ގޮތެއް ނިންމަވާނެ ކަމުގައެވެ. އަދި ބެންޗުން ނިންމާގޮތް ލިޔެކިޔުމުން ދައުލަތަށާއި، ރައީސް ޔާމީނަށް އަންގަވާނެކަން ފަނޑިޔާރު ފާހަގަކުރެއްވިއެވެ.
މިއަދު ޝަރީއަތުގެ އަޑުއެހުން ދިޔަގޮތަށް ބަލާއިރު، ފަނޑިޔާރު ވަނީ ރައީސް ޔާމީންގެ އިސްގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދު އާއި ބައެއް ސުވާލުތައް ކުރައްވާފައެވެ. އެގޮތުން ކޮން އަސާސީ ހައްގެއް ތޯ ގެއްލުނީ ފަނޑިޔާރު ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ޖަމީލު ވިދާޅުވިގޮތުގައި ގެއްލުނީ ރައީސް ޔާމީންގެ ކަފާލާތުގެ ހައްގެވެ.
”އެ ހައްގު ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައި ގައިދުކުރެވިފަވޭ. އިންޑިއާގެ ސުޕްރީމް ކޯޓުންވެސް ”ރައިޓް ޓު ލައިފް“ މާނަ ކުރަމުން ކަނޑައަޅާފައިވަނީ ކަފާލާތު.“ ޖަމީލު ވިދާޅުވިއެވެ.
ފަނޑިޔާރު: ކޮބައިތޯ ދައުލަތުގެ ސްޓޭންޑަކީ؟
ދައުލަތް: 21 ވަނަ މާއްދާގައި އެބުނާ މިނިވަންކަމާއި، ނަފްސު ރައްކާތެރިކުރުމުގެ ހައްގަކީ ”ޕްރީ ޓްރައިލް“ ޔައުނީ ޝަރީއަތުގެ މަރުހަލާ ފެށުމުގެ ކުރިން ލިބޭ ހައްގެއް ކަމަށް.
ފަނޑިޔާރު: ދިފާއުން އެކަމުގައި ނަގާ ސްޓޭންޑަކީ ކޮބައިތޯ؟
ޑރ.ޖަމީލު: ދެންމެ ވިދާޅުވެއްޖެ ޕްރީ ޓްރައިލް މަރުހަލާގެ ވާހަކަ. ކޮންތާކު އޮތް ވާހަކައެއް ތޯ؟ ކަނޑައެޅިގެން ދޮގެއް. އިއްޒަތްތެރި ކޯޓެއްގަ އެއްވެސް ވަކީލަކު ވާހަކަ ދައްކަން ޖެހޭނީ ގާނޫނީގޮތުން ސައްހަ މަބްދައުގަ ދެއްތޯ؟ އެހެން ނޫނީ ހީވަނީ އިލިޓްރޭޓް (ލިޔަންކިޔަން ނުދަންނަ) މީހުން ހެން އަޅުގަނޑުމެނަށް ހީވަނީ.
ގާނޫނު އަސާސީގެ 21 ވަނަ މާއްދާ އިންޑިއާގެ ސުޕްރީމް ކޯޓުން ސޭމް މާއްދާ މާނަ ކޮށްފަ އޮތީ އެންޓިސިޕޭޓަރީ ބެއިލަށް ދާންދެން އޮވޭ. މާނައަކީ މީހަކު ހައްޔަރުކޮށްފާނެކަމަށް ހީވާތީ ބެއިލް (ކަފާލާތު) ދެވޭ. ޕެންޑިންގ އެޕީލަކީ ގިވިން ރައިޓެއް. މެލޭޝިއާގަވެސް ދީފަ ހުރީ. ޕްރައިމް މިނިސްޓަރު ނަޖީބުގެ މައްސަލައިގައި ބެއިލް ދެއްވާފައޮތީ.
ޑރ.ޖަމީލު ފާހަގަކުރެއްވި އެންމެ މުހިންމު ނުކުތާތައް.
-ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހައިކޯޓުން ކަފާލާތު ދިނުން.
– ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު ފާރިސް މައުމޫނަށް ކަފާލާތު ދިނުން.
– ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމަށް ކަފާލާތު ދިނުން.
ގާނޫނު އަސާސީގެ 21 ވަނަ މާއްދާގައި ބުނާ ދިރިހުރުމުގެ ހައްގުގެ ވާހަކަ އާއި އެ މާއްދާގެ އެކި އަކުރުތައް މާނަކުރުމުގައި ދައުލަތް އުޅެނިކޮށް އަޑުއެހުން ނިމި، ހުކުމް ތަންފީޒުކުރުމާ މެދު ފަނޑިޔާރުން އާދީއްތަ ދުވަހު ގޮތެއް ނިންމަވާނެކަން އިއުލާން ކުރެއްވުމަށްފަހު މިއަދުގެ އަޑުއެހުން ނިންމާލީއެވެ.