ޚަބަރުސިޔާސީ

ޑިމޮކްރެޓްސްގެ ރިޔާސީ ޓިކެޓު އިލްޔާސަށް ކަށަވަރުވާނީ ފެންނަ ނުފެންނަ ވޯޓަކަށްފަހު

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ޕްރައިމަރީއަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި އެ ކަމަށް ހަމައެކަނި ކުރިމަތިލެއްވި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ޓިކެޓު ކަށަވަރުވާނީ ފެންނަ ނުފެންނަ ވޯޓަކަށްފަހުގައިކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ޑިމޮކްރެޓްސްގެ އަސާސީ ގަވާއިދުގައިވާގޮތުން އެންމެ ބޭފުޅަކު ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމެވިޔަސް ވޯޓަކަށް ދާން ޖެހެއެވެ. އެއީ ފެންނަ ނުފެންނަ ވޯޓެކެވެ.

އެ ޕާޓީން ބުނާގޮތުގައި އެކަމާގުޅޭ އިތުރު ތަފްސީލް މިއަދު ނޫސްވެރިންނާ ހިއްސާ ކުރާނެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އުފެއްދެވި ޑިމޮކްރެޓްސް އާއި އެމަނިކުފާނު ގުޅިވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނުވެސް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުވެސް ވެރިކަމަށް ވަޑައިގަތުމުގެ ބަދަލުގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓަކަށް ޖާގަ ދިނުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައެވެ.

އިދިކޮޅު ޕީޕީއެމާއި އެއްބަސްވެވޭ ކަންކަމުގައި ޑިމޮކްރެޓްސްއިން އަންނަނީ ޕީޕީއެމާއެކު ސިޔާސީ މަސައްކަތްތަކެއް ކުރަމުންނެވެ. އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ބަލިކުރުމާއި، ރާއްޖޭގެ ދެކުނުގެ މަސްކަނޑު ން ގެއްލުނު ބައި އަނބުރާ ހޯދުން ހިމެނެއެވެ. އެކަމަކު ރާއްޖޭގައި ގަވާއިދާ ހިލާފަށް ހަރަކާތްތެރިވާ އިންޑިއާގެ ޖާސޫސުންނާއި ސިފައިންގެ މައްސަލައާއި، ގޮތް ނޭނގޭ އަސްކަރީ އެއްބަސްބުންތަކާ ދެކޮޅަށް ޕީޕީއެމުން ކުރިޔަށްގެންދާ އިންޑިއާ އައުޓު ހަރަކާތާއި ގުޅޭގޮތުން ދެ ޕާޓީގެ މެދުގައި ބޮޑެތި ޚިޔާލު ތަފާތުވުންތަކެއް އެބަހުއްޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button