ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ނުބައިވެގެންވާ ފާފައެއް: ޚުޠުބާ

ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ކަށްވަޅުގައި ޢަޛާބު ލިބޭ ނުބައިވެގެންވާ ބޮޑު ފަފާއެއް ކަން މިއަދުގެ ޚުތުބާގައި ހަނދާންކޮށްދީފިއެވެ.
ދުލުގެ އާފާތްތައް މިމައުޟޫއަށް އިއްވި ޚުތުބާގައި ބުނީ ޣީބަ ބުނުމަކީ ތިމާގެ އަޚާ ނުރުހޭ ސިފަޔަކާ ބެހޭ ގޮތުން ވާހަކަ ދެއްކުން ކަމަށާއި، ނުވަތަ މީސްތަކުންގެ ގާތުގައި ތިމާގެ އަޚާގެ ކިބައިގާ ހުރި އައިބެއްގެ ވާހަކަދެއްކުން ކަމަށެވެ. އަދި ދޭތެރެ ޖެއްސުމާއި ފިތުނަ ފަސާދަ އުފެއްދުމަކީ ނުބައިވެގެންވާ ފާފައެއް ކަމަށެވެ.
”ތިޔަބައިމީހުން ނެތިމޮށުމާއި، ދޭތެރެ ޖެއްސުމާއި ފިތުނަފަސާދަ ފެތުރުމާއި ދުރުހެލިވާށެވެ! ކަށްވަޅުގައި ޢަޛާބު ލިބޭ ޢަމަލުތަކުގެ ތެރޭގައި މިފަދަކަންކަން ހިމެނެއެވެ. ދެބައޮޑުވަމުން، ދޭތެރެ ޖައްސަމުން ހިނގުމާއި މީސްތަކުންގެ އަބުރަށް އަރައިގަންނަ މީހުންނަށް، ޤިޔާމަތް ދުވަހުން ގަދަފަދަ ޢަޛާބު ލިބޭނެއެވެ. މުސްލިމުންގެ ޣީބަ ބުނެ، ހުތުރު ބަސްތައް ރައްދުކޮށް އުޅޭ މީހުންނަށް ޤިޔާމަތް ދުވަހުން އެމީހުން ކޮށްއުޅުނު ފާފަތަކާ އެއްފަދަ ޢަޛާބު ދެއްވާނެއެވެ.“ ޚުޠުބާގައި ބުނެފައިވެއެވެ.
މިއާއެކު ޚުތުބާގައި ބުނީ، ބައެއް ފަހަރު މީސްމީހުންނާ ބެހޭގޮތުން ފެތުރިފައި ހުންނަ ވާހަކަތަކުގެ ޙަޤީޤަތް ނުހޯދައި އެމީހުން ބަދުނާމުކުރުމުގެ ނިޔަތުގައި އެވާހަކަތައް އާއްމުކޮށް ފަތުރާ މީހުން އުޅޭ ކަމަށެވެ. ނަމަވެސް އެކަމުގެ ނުރައްކާތެރިކަން ކީރިތި ޤުރުއާނުން އެނގޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.
”އެކަމުގެ ނުރައްކާތެރިކަން ބަޔާންކުރައްވައި މާތް الله ވަހީކުރައްވާފައިވެއެވެ. މާނައީ “އަދި ތިބާޔަށް އެކަމަކާމެދު އެނގުމެއް ނުވާކަމަކަށް ތިބާ ތަބަޢަ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި މިއިން ކޮންމެ ކަމަކީ އެއާމެދު ސުވާލު ކުރައްވާނެ ކަމެއްކަމުގައި ވިއެވެ.“ ޚުތުބާގައި ބުނެފައިވެއެވެ.
މީގެ އިތުރުން ޚުތުބާގައި ބުނީ ދުލުގެ އާފާތްތަކުގެ ތެރޭގައި ދޮގު ހެކި ދިނުމާއި ދޮގުހުވާ ކުރުން ހިމެނޭ ކަމަށެވެ.
ދޮގު ހެކި ދިނުމުގެ ސަބަބުން ފޫނުބެއްދޭ ފަދަ ބޮޑެތި ގެއްލުންތައް ލިބޭ ކަމަށާއި، އެކަންތައްތަކުގެ ތެރޭގައި ގާޟީއަށް ޙައްޤު އޮޅި، ބާތިލަކީ ޙައްޤު ކަމުގައި ހީވުމާއި އޭގެ ސަބަބުން އެހެން މީހުންގެ ޙައްޤުތައް ގެއްލިގެން ދިއުމާއި މުޖުރިމުން ކުށުން ބަރީއަވުމާއި ކުށެއް ނެތް މީހުންނަށް ޙައްޤަކާނުލައި އަނިޔާލިބުން ހިމެނޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.