
ރައްޔިރައްޔިތުންގެ އަޑުއަހާ، ޖަވާބުދާރީވުމުގެ ޤާބިލުކަން ސަރުކާރުގެ ނެތް ނަމަ، ރައްޔިތުންގެ މަޖިލީހުގައި ތަޅުއަޅުވައިގެން ހުންނެވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހު އިސްތިއުފާދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީން ގޮވާލައްވައިފި އެވެ.
މިއަދަކީ އާންމުކޮށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އޮންނަ ދުވަހެއް ނަމަވެސް، މިއަދަށް ޖަލްސާއެއް އެޖެންޑާ ކޮށްފައެއް ނުވުމާއި އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޤާމުން ވަކިކުރުމަށް ހުށަހެޅި މައްސަލަ ނުބެލި އިތުރު މަސައްކަތްތައް މަޑުޖެހި މަޖިލިސް މަރުތަޅު އެޅިފައިވާތީ، އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުން ވަނީ މިއަދު މަޖިލިސް އިދާރާގައި ތިއްބަވާ ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
އެ ބައްދަލުވުމުގައި އިދިކޮޅު މެމްބަރުން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހުގެ ސަރުކާރުން ރާވައިގެންކަމަށެވެ. އަދި ރައްތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރުނެތް ކަމުގެ މަައްސަލައަކީ އެއްފަހަރާ ހުށަނޭޅޭނެ މައްސަލައެއްކަން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިޙަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވީ މީގެ ކުރިންވެސް މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއް ފަހަރާ މަޖިލީހަށް ހުށައަޅާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ މައްސަލަތަކަކީ އެއްފަަހަރާ ކުރިއަށް ގެންދެވޭނެ މައްސަލަތަކަށް ނުވާތީ، އެކަމަށް ޙައްލު ހޯއްދަވައިގެން ކުރިއަށް ގެންގޮސްފައިވާކަން ޚުދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞޯލިހަށް ވެސް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
”މަޖިލީހުގައި މީގެކުރިން އުޅުއްވި ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އެއްފަހަރާ ހުށަނޭޅޭނެކަން. ޚާއްސަކޮށް ރައީސުލްޖުމްހޫރިއްޔާ އަކީ މީގެ ކުރިން ދެ ދައުރު މަޖިލީހުގައި މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެއް، އޭގެ ކުރިންވެސް އުޅުއްވި ބޭފުޅެއް. އަދި ގާނޫނު އަސާސީ ހެދިއިރުގަޔާއި، މަޖިލީހުގެ ގަވައިދު ހެދިއިރުގައިވެސް މަޖިލީހުގައި އުޅުއްވި ބޭފުޅެއް. އެހެންވީމަ ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ މަޖިލީހުގެ ކަންކަން ހިނގާ ގޮތް“ ސަލީމް ވިދާޅުވިއެވެ.
އިދިކޮޅުން ބުނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ މިއަދު ކޮންޓްރޯލު ކުރައްވަނީ ރައީސުލް ޖުމްހޫރިއްޔާ ކަމަށެވެ.
އިދިކޮޅު ޕާލަމެންޓްރީ ގުރޫޕުން ވަނީ ރައްޔިތުންގެ އަޑުއަހާ، ޖަވާބުދާރީވުމުގެ ޤާބިލުކަން ސަރުކާރުގެ ނެތް ނަމަ، މަޖިލީހުގައި ތަޅުއަޅުވައިގެން ހުންނެވުމުގެ ބަދަލުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު އިސްތިއުފާދެއްވުމަށް ގޮވާލާފަ އެވެ.
އަދި މިހާރުން މިހާރަށް މަޖިލީހުގައި ކުރަންހުރި މުހިންމު މަސައްކަތްތައް ކުރެވޭނެ ގޮތަށް ކަންކަން ފަހިކޮށްދިނުމަށް ވެސް ސަރުކާރަށް ގޮވާލާފަ އެވެ.