ޚަބަރުސިޔާސީ

ޖޭޕީގެ ރިޔާސީ ޓިކެޓް ޤާސިމަށް އަރުވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ޓިކެޓް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް އެ ޕާޓީއިން އަރުވައިފިއެވެ.

މިރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތެއްގައި ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމަށް އެރުވީ ޖޭޕީގެ ސެކްރެޓަރީ ޖެނެރަލް އަލީ އާރިފާއި ދެ ޒުވާނުންނެވެ.

އެ ރަސްމިއްޔާތުގައި ދެ ޒުވާނުން ޤާސިމަށް އަރުވާފައި ވަނީ ދިވެހި ރާއްޖޭގެ ފެހި ޤާނޫނުއަސާސީއެވެ. އަދި އަލީ އާރިފް ވަނީ ޖޭޕީގެ ރިޔާސީ ޓިކެޓް ޤާސިމާއި ހަވާލުކުރައްވާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މިއީ ޖޭޕީގެ ރިޔާސީ ޓިކެޓު ޤާސިމަށް އެރުވި ތިން ވަނަ ފަހަރެވެ. މީގެ ކުރިން، 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވެސް ޖޭޕީގެ ރިޔާސީ ޓިކެޓު އަރުވާފައިވަނީ ޤާސިމް އިބްރާހިމަށެވެ. އެ ދެ އިންތިޚާބުގައި ވެސް ޤާސިމަށް ދެވަނަ ބުރަށް ދެވޭ ވަރަށް ވޯޓު ހަމަނުވުމުން ޤާސިމް ވަނީ ދެވަނަ ބުރަށް ހޮވުނު ކެނޑިޑޭޓުންގެ ފަހަތްޕުޅަށް ވަޑައިގެން ކޯލިޝަން ހައްދަވާފައެވެ.

ޤާސިމަށް ޓިކެޓް އެރުވި ރަސްމިއްޔާތު ފެށުމުގެ ވަގުތު ޖެހުނުއިރުވެސް ޖަލްސާއަށް މާގިނަބަޔަކު ނުދިޔުމުގެ ސަބަބުން ޖަލްސާ ފެށީ ކަނޑައެޅިވަގުތަށް ވުރެ ފަހުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުން މި ޖަލްސާއަށް މީހުން ގެނައުމަށްޓަކައި ޖޭޕީން ވަނީ ބޮޑެތި ޚަރަދުތައް ކޮށްފައެވެ. އެގޮތުން ކްލަބް ޖަމިއްޔާތަކާއި، ގުރޫޕުތަކާއި ގޭންގުތަކުން މީހުން ނެރުމަށް އެ ޕާޓީން ވަރަށް ބޮޑަށް ޓާގެޓް ކުރިއެވެ. ޚާއްސަގޮތެއްގައި މާލެ ސަރަހައްދަށް ނިސްބަތްވާ ބައެއް ގޭންގުތަކާ ޤާސިމްގެ އަނބިކަނބަލުން އަދި ޓްރާންސްޕޯޓު މިނިސްޓަރު އާއިޝަތު ނަހުލާ ބައްދަލުކުރައްވައި 200,000 (ދެ ލައްކަ ރުފިޔާ) ހުށަހަޅާފައިވެއެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ޖޭޕީއިން ވަނީ ފައިސާދީގެން ޖަލްސާއަށް ގިނަ އަދަދެއްގެ މީހުން ޖަމާކޮށްފައެވެ.

މިރޭގެ ޖަލްސާގައި ސަރުކާރުގައި ތިއްބެވި ޖޭޕީގެ ބައެއް ވަޒީރުންނާއި ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ޖޭޕީގެ ލީޑަޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއީ ޖުމްހޫރީ ޕާޓީން މި ފާއިތުވި 5 އަހަރުގެ ތެރޭގައި ބޭއްވި އެންމެ ބޮޑު ސިޔާސީ ޖަލްސާކަން ފާހަގަ ކޮށްލެވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button