ޚަބަރުސިޔާސީ

ވޮލަންޓްރީ ޕެންޝަނެއްގައި ރަޖިސްޓްރީ ނުކުރުމުގެ މާނައަކީ 104 ހާސް ވަޒީފާ ނުއުފެއްދުމެއް ނޫން: ރައީސް ޔާމީން

ވޮލަންޓްރީ ޕްނެޝަނެއްގައި ރަޖިސްޓްރީ ނުކުރުމުގެ މާނައަކީ އެއްލައްކަ ހަތަރު ހާސް ވަޒީފާ އެމަނިކުފާނުގެ ވެރިކަމުގައި  ނުއުފެދުމެއް ނޫން ކަމުގައި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއަށް މިރޭ ދެއްވި އެކްސްކުލޫޒިވް އިންޓަވިއުއެއްގައި ރައީސް ޔާމީން ވިދާޅުވީ ޕެންޝަން ސްކީމަކީ މުޅި ދައުލަތުގެ ހުރިހާ ކުންފުނިތައް ހިމަނައިގެން ހިސާބުކުރާ އެއްޗެއް ނޫން ކަމުގައެވެ. އެއީ ސީދާ ސަރުކާރުގެ ތެރެއިން ޕެންޝަނަށް ޝަރުތު ހަމަވާ މީހުންގެ ހިސާބު ބަލަހައްޓާ އޮފީހެއްކަން އެމަނިކުފާނު ފާހަގަކުރައްވައިފިއެވެ.

”ސަރުކާރު ހުރިހާ ކުންފުނިތަކުގަ އަދި ވޮލަންޓްރީ ޕެންޝަނެއް މިހާރު މި އޮންނަނީ. ސީދާ ސިވިލް ސާވިސް މުވައްޒަފުން ފިޔަވައި އެހެން މީހުންނަކީ ވޮލަންޓްރީ ޕެންޝަނެއް. އެހެންވީމަ ވޮލަންޓްރީ ޕެންޝަނެއްގެ މީހުން ޕެންޝަން އޮތޯރިޓީގަ ރަޖިސްޓްރީ ނުކޮށްވެސް ހިނގައިދާނެ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ޔާމީން ފާހަގަކުރެއްވިގޮތުގައި ސިވިލް ސާވިސް އާއި ތަފާތުކޮށް ކުންފުންޏަކުން ޕެންޝަންގައި ރަޖިސްޓްރީ ކުރަން އޮޕްޝަނެއް އޮންނަ ކަމަށް ވާނަމަ، ނުވަތަ ޕެންޝަންގައި ބައިވެރިވުމާއި ނުވުން އިހުތިޔާރެއްގެ ގޮތުގައި އޮންނަ ނަމަ، އެކަން ހިނގާނީ އެމަގުންނެވެ.

ޕެންޝަން ސްކީމުގެ ހިސާބުތަކުން ދައްކާ ގޮތުގައި ރައީސް ޔާމީންގެ ވެރިކަމުގައި އުފެދުނީ ގާތްގަނޑަކަށް 17،000 ވަޒީފާކަމުގައި އަދުގެ ސަރުކާރުން ދައްކާ ވާހަކައަށް ރައްދު ދެއްވައި އެމަނިކުފާނު ވިދާޅުވީ އޭރު ބެލެހެއްޓީ ސަރުކާރުގެ އެކި މިނިސްޓްރީ ތަކާއި އެކިއެކި ޑިޕާޓްމެންޓު ތަކުން ބަލަހައްޓަމުން ދިޔަ ހިސާބުތަކެއް ކަމުގައެވެ. އެ ހިސާބުތަކުން ދައްކާގޮތުގައި 104 ހާސް ވަޒީފާ އުފެއްދިފައި ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

”ސަރުކާރު ކުންފުނިތަކުން އުފައްދާފަ ހުރި ވަޒީފާތަކަކީ ޕެންޝަން ދިނުމަށްޓަކައި ގުނާނެ ތަފާސްހިސާބު ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އޭގެ އިތުރުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުންފުނިތަކުން ހިންގި މަޝްރޫއުތަކުގެ ފުރިހަމަ ތަފާސްހިސާބެއް މަރުކަޒީ ގޮތުން ބެލެހެއްޓިފައި ނުހުންނާނެ ކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ ތަފާސްހިސާބު ނެގުމުގައި އެފަދަ ކަމެއް ހުރެދާނެ ކަމުގައެވެ. އެހެން ކަމުން އެވަރުގެ ބޮޑު ފަރަގެއް ހުރެދާނެކަން ގަބޫލު ނުކުރައްވާ ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button