ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިއްޖެ

ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކެނޑިފައިވާކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން މިއަދު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ދިމާވި ޓެކްނިކަލް މައްސަލަތަކަކާއި ގުޅިގެން ޕާސްޕޯޓު ހެދުމުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ޙައްލުކުރުމަށް އެ އިދާރާއިން މަސައްކަތް ކުރަމުންދާ ކަމަށާއި، މައްސަލަ ޙައްލުވިހާ އަވަހަކަށް ޚިދުމަތް ދިނުން އަލުން ފެށިގެންދާނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.
Due to some technical issues, we are facing difficulties in providing passport services at this moment. Our technical team is at full-stretch and we are optimistic that it will be resolved by noon today. Thank you all for your patience.
— Maldives Immigration (@ImmigrationMV) May 10, 2023
އިމިގްރޭޝަނުން ބުނީ މި ދުވަސްވަރު ދުވާލަކު އެވްރެޖުކޮށް 300 ޕާސްޕޯޓު ހަދަން ހުށަހަޅާއިރު 200 އަށް ވުރެ ގިނަ ޕާސްޕޯޓު ދޫކުރާކަމަށެވެ. ޕާސްޕޯޓް ޚިދުމަތް މެދުކެނޑިފައި މިވަނީ ޕާސްޕޯޓު ހަދަން ހުށަހަޅާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.