އެމްއެންޔޫގައި ހަރުކަށި ފިކުރެއް ނެތް: ޝަރީފް
މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގައި ހަރުކަށި ފިކުރަށް ތާއީދުކުރާ ދަރިވަރުން ތިބި ކަމަށް އެމްޑީޕީން ބުނުމުން އެކަން އެ ޔުނިވާސިޓީން ދޮގުކޮށްފިއެވެ.
މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްގެން ދިން ހަމަލާގެ ތަހުގީގު ކުރިއަށްދާގޮތް ބެލުމަށް އެމްޑީޕީން އުފައްދާފައިވާ ”މެއި ހައެއް“ ކޮމިޓީގެ މުގަރިރު އަދި ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ އެމްއެންޔޫއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާފައެވެ.
އޮނަލްއިން ނޫހެއްކަމުގައިވާ ”އަވަސް“ އަށް މައުލޫމާތު ދެއްވަމުން އެމްއެންޔޫގެ ވައިސް ޗާންސެލާ މުހައްމަދު ޝަރީފު ވިދާޅުވީ ޔުނިވާސިޓީގެ ތަސައްވުރަށް ކިލަނބުކަން ލިބޭ ގޮތަށް އަދި ތަނަށް އޮންނަ އިތުބާރަށް އަސަރު ކުރާ ގޮތަށް ޔުނިވާސިޓީގެ ދަރިވަރުންނާ ގުޅޭ ގޮތުން ވާހަކަ ދައްކާތީ ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ ޔުނިވާސިޓީގެ ދަރިވަރުންގެ ތެރޭގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުންތަކެއް ތިބި ނަމަ، ޔުނިވާސިޓީގެ އިސްވެރިންނަށް ވެސް އެކަމުގެ ކަންބޮޑުވުންތައް ޝަކުވާގެ ގޮތުގައި ލިބޭނެ ކަމަށެވެ. ނަމަވެސް އެފަދަ ޝަކުވާތަކެއް އަދި އެފަދަ މައްސަލަތަކެއް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށް ޝަރީފް ވިދާޅުވިއެވެ.
އެމްއެންޔޫ ފަދަ ދަރިވަރުންނަށް ކިޔަވައިދޭ ތަންތަނާއި މެދު ބޭފުޅަކު ވާހަކަފުޅު ދައްކާއިރު ވިސްނާލުން މުހިއްމު ކަމުގައި ޝަރީފް ވިދާޅުވިއެވެ.
”އަނެއް ކަމަކީ ޔުނިވަސިޓީއާ ހަރުކަށި ފިކުރާ ގުޅުވައިގެން ވާހަކަ ދައްކާއިރު އެކަމުގެ މައުލޫމާތެއް އަޅުގަނޑުމެން ކައިރީ އަހާލާފައި ވެސް ނެތް. މިއީ ވެސް އަޅުގަނޑުމެން ކަންބޮޑުވާ ކަމެއް،“ ޝަރީފް ވިދާޅުވި އެވެ.
އެމްއެންޔޫގައި ހަރުކަށި ފިކުރަށް ތާއީދު ކުރާ ދަރިވަރުން ނެތް ކަމަށް އެ ޔުނިވާސިޓީ އިން ބުނެފައި މިވަނީ އެތަނުގެ ކުރީގެ އެސިސްޓެންޓް ޕްރޮފެސަރު އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް ވަޒީފާ އިން ވަކިކޮށްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަކޮށްލެވެއެވެ.