ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދަންމާލައިފި

އަންނަ އޮގަސްޓް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރު ކޮށްފިއެވެ.
ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ސޮއިކުރައްވައި މިއަދު ނެރުނު ގަރާރުގައި ބުނެފައިވަނީ ރާއްޖޭގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތް ކަމަށާއި، ކުރިން އިއުލާންކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމި އޮތް ކަމަށެވެ.
މި ގަރާރުގައި އިތުރަށް ފާހަގަކޮށްފައިވަނީ ކޯވިޑް-19 ގެ ނުރައްކާ ކުޑަކޮށް، ރައްޔިތުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ގަބޫލުކުރެވޭ ކަމަށް ލަފާދީފައިވާ ކަމަށެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރު އެއް މަހަށް ދެމެހެއްޓި ކަމުގައި ވީނަމަވެސް ކޯވިޑް-19 ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް މި ހިނގާ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ވަނީ ލުއިތަކެއް ދީފައެވެ.