އިޤްތިޞާދީ ސަރަޙައްދު ނޭނގޭކަމަށްބުނެ ސިފައިންގެ އިސްވެރިން އިތުރުފުޅު ހައްދަވައިފި

ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ސާފުނުވާ ކަމަށް ވިދާޅުވެ ދިވެހި ސިފައިންގެ އިސްވެރިން އިތުރުފުޅު ހައްދަވައިފިއެވެ.
ރާއްޖެއާއި ޗާގޯސްގެ މެދުގައިވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ ކުރިން ދިވެހި ސިފައިންނަށް ދެކުނުން ދަތުރުކުރެވެނީ ހަމައެކަނި 24 މޭލު ބޭރަށްކަމަށް ވިދާޅުވެ އެމްއެންޑީއެފްގެ އިސްވެރިން އިތުރުފުޅުހައްދަވާފައިވަނީ ރޭ ރާއްޖެޓީވީއަށް އަރާ ދެއްކެވި ވާހަކައިގެ ތެރޭގައެވެ. އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ޢަބްދުﷲ ޝަމާލާއި އިތުރު ބައެއް ވެރިން ހިމެނޭހެން ދެއްކެވި ވާހަކަތަކުގެ ތެރޭގައި ރާއްޖޭގެ ދެކުނުން ދިވެހި ސިފައިންނަށް ކުރިން ކަނޑު ބެލެހެއްޓެނީ 24 މޭލަށްވުރެ ބޭރުނުވާ ސަރަޙައްދުގެ ތެރެއިންކަމަށް ވިދާޅުވެ އިތުރުފުޅު ހެއްދެވިއެވެ.
މިފަދައިން އެމްއެންޑީއެފުގެ ވެރިން ވިދާޅުވި ނަމަވެސް އެމްއެންޑީއެފްގެ ކޯސްޓްގާޑުންވަނީ 24 މޭލަށްވުރެ ބޭރުން ބޭރުގެ މަސްބޯޓުތައް ހުއްޓުވާ އަދި 24 މޭލު ބޭރުގެ ސަރަޙައްދުން ދިވެހި މަސްވެރިންނަށް ކުރިމަތިވާ ކަންކަމުގައިވެސް ހަރަކާތްތެރިވެ އެކަން ރަސްމީކޮށް އިއުލާނުވެސް ކޮށްފައެވެ.
އެގޮތުން އެމްއެންޑީއެފުން އައްޑޫގެ ހުޅަނގު އުތުރުން 30 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުން އައި ގެލަރީ ވިޝަންގެ ފަޅުވެރިއަކަށް ސިއްހީ މައްސަލައެއް ކުރިމަތިވެގެން ކޯސްޓުގާޑުން ހަރަކާތްތެރިވެފައިވާކަން ހާމަކޮށްފައިވެއެވެ. މީގެއިތުރުން އެމްއެންޑީއެފުން ކޮށްފައިވާ ޓުވީޓެއްގައި އައްޑޫގެ 35 ނޯޓިކަލް މޭލު ބޭރުން މަސްވެރިކަން ކުރަނިކޮށް ލަންކާގެ މަސްބޯޓެއް ހިފަހައްޓައި ކޯސްޓުގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށްވެސް މީގެކުރިން އިއުލާނުކޮށްފައި ވެއެވެ.
ޗާގޯސް މައްސަލައިގައި ސަރުކާރަށް ފާޑުކިޔުން އަމާޒުވުމުން މުޅި ސަރުކާރު އެކީގައި ޑިފެންސަށް ފައިބައިގެން ދިވެހި ރައްޔިތުންނަށް ކަމުގެ ޙަޤީޤަތް އޮޅުވާލަން މަސައްކަތްތަކެއް ކުރަމުންދާއިރު ދިވެހި ރާއްޖޭގެ ސިޔާދަތު ހިފަހައްޓަން އަމިއްލަ ފުރާނައިން ޤުރުބާންވާނެ ކަމަށް ހުވާކޮށްގެން ތިބެ، ސިފައިންގެ ވެރިން ސަރުކާރާއިއެކު މިކަމުގައި ބައިވެރިވާތީ ސިފައިންގެ ކުރީގެ ވެރިންނާއި އެތައް އާންމުންގެ ފާޑުކިޔުން ވަނީ ސިފައިންނަށް އަމާޒުވެފައެވެ.
2019 vana aharu ge June mahu Mauritius in Raajjeyge EEZ kudakoh Delimit kuran ITLOS gai dhauvaa kuran dhen raajjeyge dhekunuge EEZ gai “fushu erumeh” neiyy. Adhi Eyge fahun fushu erun oiyy kamah Mauritius in bunikamah viyas 28 April 2023 aai jehen dhen 200 meylu belehettumah…
— Ali Ihusaan (@ali_ihusaan) April 29, 2023
ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ސާފުނުވާކަމަށް ބުނެ ސިފައިންގެ ވެރިން ދެއްކެވި ވާހަކަތަކާއި ގުޅިގެން އެމައްސަލަ، ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމީޓީ (241 ކޮމިޓީ) އަށްވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި، މަޖިލީހުގެ ޤައުމީ ސަލާމަތާ ބެހޭ ކޮމީޓީ އަށް ހުށަހެޅުއްވީ ކުރީގެ ޑިފެންސް މިނިސްޓަރ އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު އެވެ.