ޚަބަރު

ދެ ޝެއިޚުންނާއި މުހައްމަދު އިސްމާއިލްގެ މައްސަލަ އިސްތިއުނާފް ކޮށްފި

ޖޫން 21 ވަނަ ދުވަހުގައި ގަލޮޅު ދަނޑުގައި ކުރިޔަށް ދިޔަ ޔޯގާ ހަރަކާތާއި ދެކޮޅަށް ކުރި އިހުތިޖާޖުގައި ހިނގައިދިޔަ ކަންކަމާ ގުޅިގެން ހައްޔަރު ކުރި ޝެއިޚް އާދަމް ނިޝާން އާއި ޝެއިޚް ފަޟްލޫން ބިން މުހައްމަދުގެ އިތުރުން ޕީޕީއެމްގެ އެކްޝަން ޑިޕާޓްމެންޓުގެ ޗެއަރ މުހައްމަދު އިސްމާއިލްގެ ބަންދުގެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.

ޔޯގާ ހައްޔަރީންގެ ވަކީލުންގެ ފަރާތުން ރޭ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝެއިޚް ނިޝާންގެ ގާނޫނީ ވަކީލު އަހުމަދު ސިއްދީގު ވިދާޅުވީ ޝެއިޚް ނިޝާން ހައްޔަރުކޮށް ފުލުފުލުގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަމުގައެވެ. އަދި ނިޝާން އަށް އެންމެ ފަހުން ޖެހި 16 ދުވަހުގެ މުއްދަތާ ގުޅޭ ކޯޓު އަމުރު އަދިވެސް ކޯޓުން ދިފާއީ ވަކީލަށް ނުދޭކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޯޓުން އެފަދަ ކަންކަން ޑިލޭ ކުރުމަކީ ސަރުކާރުން މި މައްސަލައަށް ނުފޫޒު ފޯރުވާ ކަމުގެ އިހުތިމާލެއް އޮތް ކަމުގައި ބެލެވޭ ކަމެއްގެ ގޮތުގައި ސިއްދީގު އެކަން ސިފަކުރިއެވެ. ސިއްދީގު ވިދާޅުވިގޮތުގައި ޝެއިޚް ނިޝާންގެ މައްޗަށް ޖުމްލަ 15 ތުހުމަތެއް ކުރެއެވެ. އޭގެ ތެރޭގައި ޔޯގާ ހަރަކާތް ހުއްޓުވުމަށް އަމަލީގޮތުން ބައިވެރިވުމާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ހިތްވަރު ދިނުމާއި، ގަލޮޅު ބޯޅަ ދަނޑަށް ވަނުމަށް އިރުޝާދު ދިނުން ހިމެނެއެވެ.

”އާދަމް ނިޝާން ދެއްކީ ކޮން ވާހަކައެއްތޯ ބުނާއިރު، ދީނީ ނަސޭހަތް ދީ، އިސްލާމް ދީނުގައި ކަމެއް އޮންނަ ގޮތް ސާފު ކޮށްދިނުމަށް އާޔަތެއް ބުނެދީ ހަދީޘް ކިޔައިދިނުމަކީ ދަނޑަށް މީހުން ވަނުމަށް ދެއްކި ވާހަކައަކަށް މިވީ. ހެޔޮގޮތް ބުނެދިނުމަކީ މުޖުތަމައުގައި ބިރުވެރިކަން އުފެދޭ ކަމެއްގެ ގޮތުގައި ތަހުގީގު ކުރަން ހުންނަ މުއައްސަސާއަކުން ބުނާ ހިސާބަށް މިކަން ގެންގޮސްފައި މިއޮތީ.“ ސިއްދީގު ވިދާޅުވިއެވެ.

ނިޝާން ހައްޔަރުކޮށް ދިގު މުއްދަތަކަށް ބަންދުކޮށްފައިވާ މައްސަލައިގެ އިތުރުން ޝެއިޚް ފަޟްލޫން ހައްޔަރު ކުރި މައްސަލަވެސް ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ. ޝަރުތު ކުރުމަށްފަހު ފަޟްލޫން މިހާރު ދޫކޮށްލާފައިވާއިރު، މުހައްމަދު އިސްމާއިލްގެ ބަންދަށް އެންމެ ފަހުން 30 ދުވަސް ޖެހި މައްސަލަވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button