
އެމްއެމްޕީއާރުސީ ހިޔާނާތުގެ އަސްލަކީ ރައީސް މުޙައްމަދު ނަޝީދު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ތުހުމަތު ކުރައްވައިފިއެވެ.
ޝަރީފު ކުރެއްވި ޓުވީޓެއްގައި މި ހިޔާނާތުގެ ފުރަތަމަ ފެށުމަކީ ރައީސް ނަޝީދުގެ ވެރިކަމުގައި ގެންގުޅުއްވި ’ކްރޮސް ސަބްސިޑީ‘ ސިޔާސަތުކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ފަހަކަށް އައިސް ޝަރީފް ވަނީ ރައީސް ނަޝީދާއި އެމަނިކުފާނަށް ތާއީދު ކުރައްވާ މެންބަރުންނަށް ފާޑު ވިދާޅުވެ، ޓުވީޓްތައް ކުރައްވާފައެވެ.
ހާއްސަކޮށް އެމްއެމްޕީއާރުސީ ހިޔާނަތުގެ މައްސަލައިގައި އެތައް އަހަރެއް ފާއިތުވެ ދިޔަ އިރުވެސް މީގެ ކުރިން އިވިފައި ނުވާ ފަދަ ތުހުމަތުތަކެއް ޝަރީފް ދަނީ ކުރައްވަމުންނެވެ.
މިގޮތުން ކުރެއްވި ބައެއް ތުހުމަތުތަކުގެ ތެރޭގައި:
- އެމްއެމްޕީއާރުސީ ފައިސާ އެމްޑީޕީގެ މަޖިލިސް މެންބަރުން ނަގާފައިވަނީ ނަޝީދު ޖަލުން ސަލާމަތްކުރަން ހެދި ޑީލެއްގެ ދަށުންކަން.
- ރައީސް ނަޝީދުގެ ވެރިކަމުގައި ކްރޮސް-ސަބްސިޑީގެ ނަމުގައި 418 ރަށެއް އެމަނިކުފާނުގެ އެކުވެރިންނަށް ދޫކުރިކަން.
- ރައީސް ނަޝީދު ހިލޭ ރަށްތައް ދޫކުރެއްވުމާއި، އެ ރަށްތައް އަނބުރާ ދައުލަތަށް ނެގުންކަން.
- ރައީސް ނަޝީދު ދޫކުރި ރަށްތައް ރައީސް ވަޙީދު ދައުލަތަށް ނުނެންގެވިނަމަ، އެއިން އެއްވެސް ރަށަކުން ދައުލަތަށް އެއްވެސް ފީއެއް ފައިސާއެއް ނުލިބޭނެކަން.
ރައީސް ނަޝީދުގެ ވެރިކަމުގައި ގިނަ ރަށްތަކެއް ކުޑަ އަގެއްގައި ނުވަތަ ހިލޭ ދޫކުރި އިރު އެކަންކަން ޤާނޫނީ ގޮތުން ބަލަހައްޓަވައި، މަޖިލީހުގައި އެ ޤާނޫނުތަކަށް އިސްލާހު ގެނެސް ތަންފީޒީ މަރުހަލާގައި އިސްކޮށް ހުންނެވީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
ރައީސް ނަޝީދުގެ ބޮލުގައި އެތަކެއް ތުހުމަތެއް އެޅުވޭ ފަދަ ޝަރީފްގެ މި ވާހަކަތަކުން ސޯޝަލްމީޑިއާގައި ސުވާލު އުފައްދަނީ އެމްއެމްޕީއާރުސީއާ ބެހޭ މިހާ ގިނަ ސިއްރު މައުލޫމާތުތަކެއް ޝަރީފަށް އެނގެނީ ކިހިނެއް އަދި ކީއްވެ ކަމާ، އަދި މިހާ ގިނަ ދުވަސްތަކެއް ވަންދެން މިފަދަ ’ބޮޑު ސިއްރެއް‘ ސިއްރު ގޮތުގައި ޝަރީފް ހިފާއްޓަވާފައިވަނީ ކީއްވެކަމާމެދުއެވެ.
ޝަރީފްގެ މި ވާހަކަތަކުން ރައްޔިތުން އުފައްދާ ސުވާލަކީ މިހެން މިކަންކަން އޮތް އިރު، އެމްއެމްޕީއާރުސީ މައްސަލައިގައި ރައީސް ޔާމީންގެ ކުށަކީ ކޮބައިތޯއާއި ރައީސް ޔާމީންގެ މައްޗަށް ކޮށްފައިވާ ހުކުމަކީ ރައީސް ނަޝީދުގެ މައްޗަށް ނުވަތަ މެންބަރު ޝަރީފްގެ މައްޗަށް ކުރަންޖެހޭ ހުކުމެއްތޯއެވެ.