ޚަބަރު

ރާއްޖޭގައި އިންޑިއާއިން ހިންގާ މަޝްރޫއުތަކާ ގުޅިގެން އެގައުމުގެ 5 ކުންފުންޏެއްގެ އަތުން އިންކަމް ޓެކްސް ނުނަގަން ނިންމައިފި

އިންކަމް ޓެކްސް ގާނޫނަށް އަމަލުކުރުމުން، ދިވެހިރާއްޖޭގައި އިންޑިއާއިން އެކި މަޝްރޫއުތައް ހިންގާ އިންޑިއާގެ 5 ކުންފުންޏަކުން އިންކަމް ޓެކްސް ދައްކަން ނުޖެހޭގޮތަށް، އެ ކުންފުނިތައް އިސްތިސްނާކޮށްފައިވާކަން ފިނޭންސް މިނިސްޓްރީއިން އިއުލާނުކޮށްފިއެވެ.

އިންކަމް ޓެކްސް ގާނޫނުން މި ކުންފުނިތައް އިސްތިސްނާކުރަން ފިނޭންސް މިނިސްޓްރީއިން ނިންމީ، އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އިންޑިއާގެ އެގްޒިމް ބޭންކާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އެ ކުންފުނިތަކުން ހިންގާ މަޝްރޫއުތަކާ ގުޅިގެން ޓެކްސް ނެގުމުން އިސްތިސްނާކުރަންޖެހޭތީ ކަމަށް އެ މިނިސްޓްރީއިން ބުނެއެވެ.

އެ ކުންފުނިތަކުގެ ތެރޭގައި އެލް އެންޑް ޓީ އިންފްރަސްޓްރަކްޗާ އިންޖިނިއަރިން ލިމިޓެޑްއާއި ލިއާ އެސޯސިއޭޓްސް ސައުތު އޭޝިއާ ޕްރައިމެޓް ލިމިޓެޑް ޖޭވީ ހިމެނެއެވެ. މި ދެކުންފުންޏަކީ އައްޑޫ ސިޓީ ޑިވެލޮޕްމަންޓު މަޝްރޫޢަށް ކޮންސަލްޓެންސީ ދޭ އިންޑިއާގެ ދެ ކުންފުންޏެކެވެ. 26 މޭ 2021 އިން ފެށީގެން 31 ޑިސެންބަރު 2025 އާ ހަމައަށް މި ދެކުންފުނިވަނީ އިންކަމް ޓެކްސް ގާނޫނުން އިސްތިސްނާކޮށްފައެވެ.

އައްޑޫ މަގު ހެދުމާއި، ތިލަމާލެ ބުރިޖުގެ މަޝްރޫއު ހިންގާ އެފްކޯންސް ކުންފުނިވެސް އިންކަމް ޓެކްސް ގާނޫނުން އިސްތިސްނާކޮށްފައިވެއެވެ. އެގޮތުން އައްޑޫ މަގު ހެދުމާ ގުޅިގެން 26 މޭ 2021 އިން ފެށީގެން 31 ޑިސެންބަރު 2024އަށް މި ކުންފުނިން އިންކަމް ޓެކްސް ނުނަގަން ނިންމާފައިވާއިރު، ބުރިޖު މަޝްރޫއާ ގުޅިގެން 16 ސެޕްޓެންބަރު 2021 އިން 17 މޭ 2024 އަށް އިންކަމް ޓެކްސް ނުނަގަންވަނީ ނިންމާފައެވެ.

ވިޝްވަރާޖު އެންވަރަމެންޓް ޕްރައިވެޓް ލިމިޓެޑަކީވެސް މި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކުންފުންޏެކެވެ. އެއީ ރާއްޖޭގެ 6 ރަށެއްގައި ނަރުދަމާގެ މަސައްކަތްކުރާ ކުންފުންޏެކެވެ. މި ކުންފުނި އިންކަމް ޓެކްސް ގާނޫނުން އިސްތިސްނާކޮށްފައިވަނީ 27 ޖުލައި 2021 އިން 31 މާޗް 2025 ގެ ނިޔަލަށެވެ. މީގެ އިތުރުން 10 ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތްކުރާތީ އަދި ހަނިމާދޫ އެއާޕޯޓުގެ މަސައްކަތާ ގުޅިގެން ޖޭއެމްސީ ޕްރޮޖެކްޓްއަށްވެސް އިސްތިސްނާދީފައިވެއެވެ.

20 ޖުލައި 2021 ވަނަ ދުވަހުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު އިސްލާހުކޮށް ވަކި މަޝްރޫއުތަކެއް ހިންގާ ކުންފުނިތައް ޓެކުހުން އިސްތިސްނާކުރެވޭ ގޮތަށް ގާނޫނު އިސްލާހުކޮށްފައިވެއެވެ. އެ އިސްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މުއްދަތަކަށް، ބައެއް މަޝްރޫއުތައް ހިންގާ ކުންފުނިތައް އެ ގާނޫނުނަށް އަމަލުކުރުން އިސްތިސްނާކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button