ޚަބަރު

މާލެ ސިޓީ ކައުންސިލަކީ ވަރަށް އެކްޓިވް ކައުންސިލެއް: ތ.ގުރައިދޫ ކައުންސިލް

މާލެ ސިޓީ ކައުންސިލަކީ ވަރަށް އެކްޓިވް ކައުންސިލެއް ކަމަށާއި، މާލެ ސިޓީ އަކީ ރީތި ސިޓީއަކަށް ހެދުމަށްޓަކާ ސިޓީ ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ޝުކުރުވެރި ކަމާއިއެކު ބަލައިގަންނަކަމަށް ތ.ގުރައިދޫ ކައުންސިލުން ބުނެފިއެވެ.

މާލެ ސިޓީ ކައުންސިލަކީ ވަރަށް އެކްޓިވް ކައުންސިލެއް. މާލެ ސިޓީ ރީތި ސިޓީ އަކަށް ހެދުމަށް ކައުންސިލުން ތިކުރާ މަސައްކަތްތައް ޝުކުރުވެރިކަމާއިއެކު ބަލައިގަންނަން

މާލެ ސިޓީ ކައުންސިލާއި ތ. ގުރައިދޫ ކައުންސިލާއި ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭ ގޮތުން މިއަދު ކުރިއަށް ގެންދެވުނު މަޝްވަރާ ބައްދަލުވުމުގައި ގުރައިދޫ ކައުންސިލްގެ ރައީސް ޢަލީ ރަޝީދު ވިދާޅުވީ ގުރައިދޫގެ ތަރައްޤީއާއި މުހިންމު މަޝްރޫޢުތަކަށް މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާކަމަށެވެ.

އަޅުގަނޑުމެން މި ފަދަ އެހީތެރިކަން މާލެ ސިޓީ ކައުންސިލްގެ ފަރާތުން ބޭނުންވަނީ މާލެ ސިޓީ ކައުންސިލަކީ ވަރަށް ތަޖުރިބާހުރި ކައުންސިލަކަށްވާތީ

މިއަދުގެ ބައްދަލުވުމުގައި ގުރައިދޫ ކައުންސިލްގެ ފަރާތުން ވަނީ އެ ރަށުގެ ލޭންޑް ސްކޭޕިންގް ހެދުމަށާއި، ރަށުގެ ކުނި މެނޭޖް ކުރުންފަދަ ކަންކަމުގައި މާލެ ސިޓީ ކައުންސިލްގެ އެހީތެރިކަމަށް އެދިލައްވާފައެވެ. މީގެ އިތުރުން ތ. ގުރައިދޫ ފެހި ކުރުމުގެ މަސައްކަތުގައި މާލެ ސިޓީ ކައުންސިލްގެ ގަސް ކޮމެޓީގެ އެހީތެރިކަން ބޭނުންވާކަމަށާއި، ރަށް އަލިކުރުމުގެ މަސައްކަތުގައިވެސް ވެވެންއޮތް އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ގުރައިދޫ ކައުންސިލްގެ ފަރާތުން އެދިލެއްވިއެވެ.

ގުރައިދޫ ކައުންސިލްގެ ފަރާތުން އެދިލެއްވި ކަންކަމާއި ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވަނީ ގުރައިދޫ ކައުންސިލުން އެދިލެއްވި ފަދައިން ރަށުގެ ތަރައްޤީ އާއި ގުޅުންހުރި މަޝްރޫޢުތަކަށް މާލެ ސިޓީ ކައުންސިލުން ދެވެންއޮތް ހުރިހާ އެއްބާރުލުމެއްވެސް އުޞޫލުގެ ތެރެއިން ދެމުންގެންދާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ކައުންސިލްގެ ގަސް ކޮމެޓީގެ އެހީތެރިކަންވެސް އެދިލެއްވިފަދައިން ލިބިގެންދާނެ ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ. މީގެ އިތުރުންވެސް ވަކި ޚާއްސަކަމެއްގައި އެހީތެރިކަން ބޭނުންވާނަމަ މާލެ ސިޓީ ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ލިބިގެންދާނެ ކަމަށް މޭޔަރު މުޢިއްޒު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ފަރާތުން ލިބޭނެ ހަމަ، ފަންނީ މާހިރުންނާއި ޓެކްނިކަލް އެހީތެރިކަންވެސް. އަދި ތަރައްޤީގެ ކަންކަމުގައިވެސް އެއްބަސްވުން ހެދި އުޞޫލުގެ ތެރެއިން މެކްސިމަމް ސަޕޯޓް ލިބޭނެ

ތ. ގުރައިދޫ ކައުންސިލްގެ ފަރާތުން ވަނީ މާލެ ސިޓީ ފެހިކުރުމުގެ ގޮތުން ކައުންސިލުން ކުރިއަށްގެންދާ ”އެއްލައްކަ ގަސް“ ޕްރޮގްރާމަކީ ވަރަށް ކާމިޔާބު މަޝްރޫޢެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަސައްކަތުގެ ތެރެއިން މާލޭގައި ކަދުރު ރުއްތައް އިންދާ ބެލެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ވަރަށް ބަލައިގަންނަ ކަމެއް ގޮތުގައި ފާހަގަކުރެއްވިއެވެ.

ގުރައިދޫ ކައުންސިލްގެ އިތުރުން މާލެ ސިޓީ ކައުންސިލުން މިއަދު ވަނީ ވ. ކެޔޮދޫ ކައުންސިލާއިއެކުވެސް މިފަދަ މަޝްވަރާ ބައްދަލުވުމެއް ބާއްވާފައެވެ.

މާލެ ސިޓީ ކައުންސިލްގެ ހަތަރުވަނަ ދައުރުގެ ކައުންސިލުން ދަނީ ރާއްޖޭގެ އެކިއެކި ކައުންސިލްތަކާއި މަޝްވަރާކޮށް ގިނަ ކައުންސިލްތަކާއި ގުޅިގެން ކައުންސިލްތަކުން އެދިލައްވާ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button