ޚަބަރު

މާލޭގެ މަގުތަކަށް ކުނިއަޅާ މީހުންނަށް ފިޔަވަޅު އަޅަނީ

މާލޭގެ މަގުތަކަށް ކުނިއަޅާ ފަރާތްތައް ދެނެގަނެ އެފަރާތްތަކާއި މެދު އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހިނގާ ޖެނުއަރީ 20 ވަނަ ދުވަހުން ފެށިގެން ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

މި ފިޔަވަޅުތައް އެޅުމަށް ނިންމާފައިވަނީ ޤާނޫން ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމު ޤާނޫނު) ގެ 39 ވަނަ މާއްދާއިން ލިބިދޭ ބާރުތަކާއި 40 ވަނަ މާއްދާގެ (ހ) ގެ ދަށުން ދޭންޖެހޭ ޚިދުމަތްތައް ދިނުމުގައި ޤާނޫނު ނަންބަރު 2010/11( އާންމު އިޖްތިމާޢީ މިންގަނޑުތަކާއި ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ 4 ވަނަ މާއްދާގެ (ށ) އަށް ރިޢާޔަތްކޮށް މާލެ ސިޓީއަކީ އަމާންކަމާއި، ރައްކާތެރިކަން އަދި ސާފުތާހިރު ތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކައި ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު) ގެ 152 ވަނަ މާއްދާގެ ދަށުން ހަދަންޖެހޭ ޤަވާއިދުތަކާއި، އުސޫލުތައްހަދައި، ހންގުމަށް މާލޭ ސިޓީކައުންސިލްގެ އިދާރާއަށް ލިބިދީފައިވާ ބާރުގެދަށުން ”މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިންގ ސެކިއުރިޓީ ޚިދުމަތް“ ފޯރުކޮށްދިނުމަށްޓަކައި ހަދާފައިވާ އުޞޫލު https://www.gazette.gov.mv/iulaan/209008ގެ ދަށުންނެވެ.

މި އުޞޫލު އާންމުކޮށް އަންގާ ޢިއުލާން ކުރެވިފައިވަނީ 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. އުޞޫލު އާންމުކުރިތާ 5 މަސްވެގެން ގޮސްފައިވާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ ރައްޔިތުންނަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި ނަޞޭޙަތްތެރިވެގެން މައްސަލަ ހައްލުކުރެވޭތޯ ގިނަގުނަ މަސައްކަތްތަކެއް ކޮށްފައެވެ. މީގެ އިތުރުން މިފަދަ ޢަމަލުތައް ތަކުރާރުކުރާނަމަ އުޞޫލުގެ ތެރެއިން ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ދެވިފައިވެއެވެ. އެހެންނަމަވެސް މިކަމަށް ދާއިމީ ހައްލެއްނައިސް ތަކުރާރުކޮށް މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއެޅުން ވަނީ އާންމުވެފައެވެ.

27 ޑިސެންބަރު 2022 ވަނަ ދުވަހުން ފެށިގެން މާލެ އާއި ވިލިމާލޭގެ މަގުތަކާއި ހުސްބިންތަކާއި މައިޒާންތައް ސާފުކޮށް ބަލަހައްޓަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ. އެގޮތުން ކުނީގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލުން ކުނި އެޅުން މަނާ ސަރަޙައްދުތައް ފާހަގަވާނެހެން ބޯޑުތައް ހަރުކުރި ނަމަވެސް އެސަރަޙައްދުތައް ހިމެނޭހެން މާލޭގެ އެކި ސަރަޙައްދުތަކަށް ކުނިއަޅާ މިންވަރު އިތުރުވަމުންދާކަން މާލެ ސިޓީ ކައުންސިލަށް ފާހަގަވުމާއިއެކު ގެޒެޓް ކުރެވިފައިވާ “ މާލޭ ސިޓީގައި ކޮމިއުނިޓީ މޮނިޓަރިން ސެކިއުރިޓީ ޚިދުމަތް“ ދިނުމުގެ އުޞޫލު ގެ ދަށުން ޕޮލިސް ކޮންސްޓަބިއުލަރީ ފުލުހުންނާއި ގުޅިގެން މަގުތައް މޮނިޓަރކޮށް މަގުތަކަށް ކުނި އަޅާފަރާތްތައް ދެނެގަނެ ޖެނުއަރީ 20 ވަނަ ދުވަހުންފެށިގެން ޖޫރިމަނާކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުނިއަޅާ ފަރާތްތަކާއި މެދު ފިޔަވަޅު އެޅުމަށްފަހު ޖޫރިމަނާ ކުރަންޖެހޭ ފަރާތްތައް ޖޫރިމަނާ ކުރުމުން، އެފަރާތަކުން މާލެ ސިޓީ ކައުންސިލުން ހޯދަންޖެހޭ އެއްވެސް ޚިދުމަތެއް ހޯދޭނީ ޖޫރިމަނާ ފައިސާ މާލެ ސިޓީ ކައުންސިލަށް ދެއްކުމަށްފަހުގައެވެ.

މީގެ އިތުރުންވެސް އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ މި އުޞޫލުގެ ދަށުން ފިޔަވަޅު އަޅަމުންދާނެއެވެ.

މާލެ ސިޓީ އަކީ ސާފުތާހިރު އަމާން ސިޓީ އަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ މި މަސައްކަތުގައި އާންމުންގެ ފަރާތުން މިހާރުވެސް އެހީތެރިކަން ލިބެމުންދާކަން ފާހަގަކޮށްލެވެއެވެ. މި ކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމުގެގޮތުން އެއްވެސް ސަރަޙައްދަކަށް ކުނި އަޅަނިކޮށް ފެނިއްޖެނަމަ ނުވަތަ އާންމު އިޖްތިމާޢީ މިންގަނޑާއި ޚިލާފު އެއްވެސް ޢަމަލެއް ހިންގާނަމަ ކައުންސިލްގެ ހޮޓްލައިން 1622 އަށް ގުޅައި ރިޕޯޓް ކުރެވޭނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button