ޚަބަރު

ލިވާތުގެ މައްސަލައިގެ ތުހުމަތު ކުރެވޭ ރާފިއު ފުލުހަށް ހާޒިރުވާން އަންގައިފި

އެއްޖިންސުން ގުޅުން ހިންގި މައްސަލައިގެ ތުހުމަތު ކުރެވިފައިވާ އިބްރާހީމް ރާފިއު (ރާއްޕެ) ފުލުހަށް ހާޒިރުވާން އަންގައިފިއެވެ.

ފުލުހުން މިއަދު ބުނީ، ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ހާޒިރު ކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދު ކުރެވިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައި ވާގޮތުގެ މަތިން ރާފިއު ތަހުގީގަށް ހާޒިރުވުމަށް އަންގައި އިއުލާނު ކުރާކަމަށެވެ.

އެގޮތުން 11 ސެޕްޓެމްބަރު 2022 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އަށް ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވުމަށް އޭނާއަށް ފުލުހުންވަނީ އަންގާފައެވެ.

ރާފިއު ބަންގުލަދޭސްގެ އަލަމްގިރް އާއިއެކު އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކްވުމާ ގުޅިގެން އެ ވީޑިއޯއިން ފެންނަ ކަމަށް ތުހުމަތު ކުރެވޭ، ކަމަށް ބުނެ އޭނާ ފުރަމުންއައި މަގާމު ކަމުގައިވާ ޤުރުއާނާ ބެހޭ މަރުކަޒުގެ ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރުގެ މަގާމުން ވަނީ ވަކިކޮށްފައެވެ.

ރާފިއުއަކީ އެމްޑީޕީގެ އިސް އެކްޓްވިސްޓެކެވެ. އެ ޕާޓީގެ ގިނަ ޖަލްސާތަކާއި ހަފުލާތަކުގައި ޤުރުއާން ކިޔަވަނީ ރާފިއުއެވެ.

އެހެންކަމުން، އޭނާ އާއި ބެހޭ އެއްވެސް މައުލޫމާތު ލިބިފައިވާނަމަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅާ އެ މައުލޫމާތު ހިއްސާ ކުރުމަށް ވެސް ފުލުހުން ވަނީ އެދިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button