ލިވާތު ކުރި ކަމަށް އަލަމްގީރު އިއުތިރާފް ވެއްޖެ
ލިވާތުކުރި މައްސަލައާ ގުޅިގެން ދައުވާ އުފުލާފައިވާ އަލަމްގީރްގެ ޝަރީއަތް އޮތީ އިއްޔެ ހަވީރު ހަތަރެއްޖެހި އިރުއެވެ. މި އަޑުއެހުން ކުރިއަށް ގެންދިޔައީ ސިއްރު ކޮށްގެންނެވެ.
ދައުލަތުން އަލަމްގީރުގެ މައްޗަށް ވަނީ ތިން ދައުވާއެއް އުފުލާފައެވެ. މިތިން ދައުވާއަކީ ވެސް އެއްޖިންސުން ގުޅުންހިންގުމުގެ ތިން ދައުވާއެވެ. އޭނާ ވަނީ މިތިން ދައުވާ އަށް ވެސް އިންކާރު ނުކޮށް އިއުތިރާފް ވެފައެވެ.
ކްރިމިނަލް ކޯޓުގައި އިއްޔެ ހަވީރު ކުރިއަށް ގެންދިޔަ މައްސަލައިގެ ޝަރީޢަތުގައި ދައުވާތަކަށް އިއުތިރާފުވެ އަލަމްގީރު ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފު ދެމެހެއްޓުމުން މައްސަލަ ބައްލަވާ ޤާޟީ އަލީ އާދަމް ވަނީ އަލަމްގީރްގެ އިއުތިރާފު ބަލައިގަނެ ކުށް ސާބިތުވާކަމަށް ކަނޑައަޅާފައެވެ.
އިއްޔެގެ ޝަރީޢަތުގައި އަލަމްގީރްގެ ފަރާތުން އެދުނީ ވީހާވެސް ކުޑަ އަދަބެއް ކަނޑައަޅައި ދިނުމަށެވެ. އެއްޖިންސުން ގުޅުންހިންގާ މީހުންނަށް ގާނޫނުލް އުގޫބާތުގެ ދަށުން އުފުލާ ދައުވާތަކަށް އެންމެ ބޮޑު އަދަބަކަށް އަންނާނީ ނުވަމަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ. ނަމަވެސް ޖިންސީ ކުށުގެ ގާނޫނުގައި މިފަދަ ކުށްތަކަށް ހަތް އަހަރާއި ދިހަ އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އައުމުގެ ފުރުސަތު އޮންނާނެއެވެ.
މި މައްސަލައިގައި ދެން އޮންނާނީ އަދަބު ކަނޑައެޅުމުގެ އަޑުއެހުމެވެ. އެ އަޑުއެހުން މި ހަފުތާގައި ބާއްވާނެއެވެ.
ލިވާތުގެ ފާހިޝް ނުބައި އަމަލުން މަޝްހޫރުވެފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގީރް ތަހުގީގަށް ދީފައިވާ ބަޔާން ވެސް ވަނީ މިހާރު ލީކުވެފައެވެ. ފުލުހުން އަންނަނީ ބަޔާން ލީކުވި މައްސަލަ ވެސް ބަލަމުން ނެވެ.
ލިވާތު ކުރި ކަމުގެ ދައުވާ ބަންގްލަދޭޝްގެ އަލަމްގީރްގެ އިތުރުން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހުމަދު ނާޒިމް އަބްދުއްސައްތާރު، ނޮޅިވަރަން ދާއިރާގެ ކުރީގެ މެންްބަރު އަދި ޑީއާރުޕީގެ ލީޑަރު ކާނަލް މުހައްމަދު ނަޝީދު އަދި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު (ދޮންދިގު)ގެ މައްޗަށް ކޮށްފައިވެއެވެ.