ޚަބަރުސިޔާސީ

އިންޑިއާ ހައިކޮމިޝަނުގެ ޝަކުވާ ފައްޗެއް ފޮރިން މިނިސްޓްރީއަށް!

ގިނަ ޝަކުވާތަކެއް ބަޔާންކުރުމަށްފަހު އިންޑިޔާ ހައިކޮމިޝަނުން ފޮރިން މިނިސްޓްރީއަށް ފޮނުވާފައިވާ ލިޔުމެއް އާންމުވެއްޖެއެވެ. މިލިޔުން ފޮރިން މިނިސްޓަރީއަށް ފޮނުވާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

މިލިޔުމުން ފާހަގަވާ ގޮތުން މައިގަނޑު ގޮތެއްގައި ހައިކޮމިޝަނުގެ ކަންބޮޑުވުމަކީ، ބީޖޭޕީ ސަރުކާރުގެ ގަދަރަށް އުނިކަން އަންނަ ގޮތަށް، ސޯޝަލް މީޑިޔާއާއި ބައެއް ނޫސް އާޓިކަލްތަކުގައި ޝާއިއު ކޮށްފައިވާ ލިޔުންތަކެވެ. ހައިކޮމިޝަނުގެ ބަޔާނުގައި، މިލިޔުންތަަކަކީ ހައިކޮމިޝަނުގެ ހެޑް އޮފް މިޝަން އަދި ޑިޕްލޮމެޓިކް ސްޓާފުންނަށް ސީދާގޮތުން ދީފައިވާ ޒާތީ ”އެޓޭކް’ތަކެއްގެ ގޮތުގައި ވަނީ ސިފަ ކޮށްފައެވެ.

މި ބަޔާނުގައި އިންޑިޔަން ހައިކޮމިޝަނުން ވަނީ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސް (1961) ގެ އާޓިކަލް 29 އަށް ހަވާލާދީ ގިނަ ވާހަކަތަކެއް ދައްކާފައެވެ.

”ޑިޕްލޮމެޓުން ތިބޭ ގައުމުތަކުގެ ދައުލަތުން އެމީހުންނަށް އިހުތިރާމް ކުރުމާއި، އެމީހުންގެ މިނިވަންކަމާއި ކަރާމާތާއި ގަދަރަށް އުނިކަން ނުލިބޭފަދަ ގޮތަކަށް ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ހުންނަންވާނެ.“ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްގެ މާއްދާ 29 

އިންޑިޔާ ހައިކޮމިޝަނުން ބުނެފައިވާގޮތުގައި، މީޑިއާއިން ދޭ ބަހުގެ ހަމަލާތަކަކީ އިންޑިޔާ ސަރުކާރާ ރާއްޖޭގެ ސަރުކާރާ ދެމެދު ނަފްރަތު އުފައްދަން ހިންގަމުންދާ އަމަލުތަކެކެވެ. އަދި ބައެއް މީޑިއާތަކުން ސީދާ ހައިކޮމިޝަނުގެ ސްޓާފުންނަށް އަމާޒުކޮށްގެން، އަބުރު ނަގާލުމަށްޓަކައި އަމަލުތައް ހިންގާ ކަމަށް ވަނީ ބުނެފައެވެ.

މިބަޔާނުގައި އިންޑިޔާ ހައިކޮމިޝަނުން ވަނީ މައިގަނޑު ދެކަމަކަށް ދިވެހި ސަރުކާރުގެ ކިބައިން އެދިފައެވެ. މިގޮތުން ހައިކޮމިޝަނުގެ ޑިޕްލޮމެޓިކް ސްޓާފުންގެ ގެތަކަށާއި، ހުރިހާ ސްޓާފުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ހައިކޮމިޝަނުން ވަނީ އެދިފައެވެ. މީގެ އިތުރުން ހައިކޮމިޝަނަށް އަމާޒުކޮށް މިފަދަ އަމަލުތައް، ވިއެންނާ ކޮންވެންޝަނާ ހިލާފަށް ހިންގާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށްވެސް ހައިކޮމިޝަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

މިކަމާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މަޖިލިސް މެމްބަރ ރޮޒައިނާ އާދަމްގެ ވާހަކަތަކެއް ވެސް ދަނީ ދައުރުވަމުންނެވެ. ރޮޒައިނާ ވަނީ އިންޑިއާގެ ޑެޕިއުޓީ ހައި ކޮމިޝަނަރ ގުޅުއްވިކަމަށާއި، އަދި އެބޭފުޅާ ބަދުނާމުކޮށް ދައްކައިފަ ހުރި ޒާތީ ވާހަކަތަކާއި ގުޅިގެން ސެކިއުރިޓީ އާއި މެދުވެސް ކަންބޮޑުވުން ފާޅުކުރި ކަމަށް ވިދާޅުވެފައެވެ. އަދި މިމައްސަލަ ބެއްލެވުމަށް މީޑިއާ ކައުންސިލަށް ހުށަހެޅި ކަމަށްވެސް ވަނީ ރޮޒައިނާ ބުނެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button