އިދިކޮޅު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އާއި މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ ނަރީޝް އާއިއެކު ހެރިޓޭޖު މިނިސްޓްރީގެ ޑިރެކްޓާގެ މަޤާމުގައި ހުންނެވި ޝަމްޢޫނު ޖަލީލު (ލޫކަސް) ފޮޓޯއެއް ނަގާ ސޯޝަލް މީޑިއާގައި އާންމު ކުރުމާއިއެކު އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލް ލޫކަސްގެ ވަޒީފާ ގެއްލިދާނެ ކަމުގެ އިންޒާރު ދީފިއެވެ.
ފައްޔާޒު މިފަދައިން ވިދާޅުވީ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ނަރީޝް އާއިއެކު ލޫކަސްގެ އުފަން ރަށް ބ.ކުޑަރިކިލިއަށް ކުރެއްވި ދަތުރުފުޅެއްގައި ނަންގަވާފައިވާ ފޮޓޯތަކެއް ރައީސް އިބްރާހީމްގެ ކެމްޕެއިނަށް ޚާއްޞަ ވަޓްސްއަޕް ގުރޫޕެއްގައި ހިއްސާކުރުމާއެކު ކުރެއްވި މެސެޖެއްގައެވެ.
އެ ފޮޓޯތަކާ ގުޅޭ ގޮތުން ނަރީޝް ވިދާޅުވެފައިވަނީ ލޫކަސްއަކީ ޒަމާންވީ އެކުވެރިއެއްކަމަށާއި، ކަމަދޫއަށް ވަޑައިގަތުމުން ލޫކަސް ދެއްވި މެހެމާންދާރީއާއި ބެހެއްޓެވި ގާތްކަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. ލޫކަސް އެ ފޮޓޯ ހިއްސާ ކުރައްވާ ވިދާޅުވީ ކުޑަރިކިލަކީ ޒަމާނުއްސުރެ މެހެމާންދާރީގެ ނަމޫނާ ރަށެއް ކަމަށާއި، އީދުތެރޭ ކުޑަރިކިލުން އެބޭފުޅުންނާއި ބައްދަލުވުމަކީ އުފަލެއް ކަމަށެވެ. އަދި ލޫކަސްގެ ގެކަމުގައިވާ ބ. ކުޑަރިކިލު ނޫރާނީމާގެ އަކީ އަބްދުރަހީމްގެ ޅައިރުގެ ވަރަށް ހާއްސަ ހަނދާންތަކަކާ ގުޅިފައިވާގެއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިއާއިއެކު ވަޓްސްއެޕް ގްރޫޕްގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓާ މުހައްމަދު ހިސާން އަލީ (ހިސްކޮ) ވިދާޅުވެފައިވަނީ ލޫކަސް ދެމިލީ ނޫންކަމަށާއި ހަތަރެސްކަން ހަމަވީ ކަމަށެވެ. އެ ގުރޫޕުގައި ލޫކަސްއަށް މީހުން ކިޔަމުންދިޔަ ފާޑުކިޔުންތަކަށް ރައްދުދީ އެކަކު ބުނެފައިވަނީ ލޫކަސް ވިއްޔާ ބަޔަކާއެކު ފޮޓޯއެއްވެސް ނަގައިގެން ނުވޭތޯއެވެ.
އެ ސުވާލަށް ފައްޔާޒު ޖަވާބުދެއްވައި ވިދާޅުވީ އިދިކޮޅު ބައެއް ބޭފުޅުންނާއެކު ލޫކަސް ފޮޓޯ ނެންގެވުމަކީ ބޮޑު މައްސަލައެއް ކަމަށެވެ. އަދި ސަރުކާރު ޕްރޮމޯޓުކުރުމުގެ މަސައްކަތްނުކުރާނަމަ އޭނާގެ މަޤާމުން އިސްތިއުފާދެއްވުމުގެ ހިތްވަރު ހުންނަންވާނެކަމަށް ފައްޔާޒު ވިދާޅުވިއެވެ.
”ސަރުކާރުގެ އެހެން މީހުން މި މީހުންނާއެކު [އިދިކޮޅު ޕާޓީތަކުގެ ބޭފުޅުން] ފޮޓޯ ނެގިޔަސް ސަރުކާރު ޕްރޮމޯޓުކުރަން ނުކެރިފައި ނުތިބޭ. މިކަންވެސް ކޮށްފައި ސަރުކާރު ޕްރޮމޯޓުކޮށްލަން ކެރޭނަމަ ރަނގަޅު،“ ފައްޔާޒު ވިދާޅުވިއެވެ.
އެމްޑީޕީގެ މި ހިނގާ ފަސް އަހަރަކީ ވަޒީފާގެ ބިރުވެރިކްނ ނައްތާލާނެ ކަމަށާއި، ވަކި ފިކުރެއް ވެގެން ވަޒީފާގެ ބިރު ނޯންނާނެ ކަމަށްބުނެ އުފެދިގެން އައި ވެރިކަމެކެވެ. އެހެންނަމަވެސް އެމްޑީޕީގެ ސަރުކާރު ފެށުމާއިއެކު ނިމިދިޔަ ސަރުކާރުގެ ވަޒީފާތަކުގައި ތިބި އެތައް ސިވިލް މުވައްޒަފުން ވަޒީފާއިން ވަކިކުރިއެވެ. އަދި މިހާރު އެމްޑީޕީ ތެރޭގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކާއިއެކު ރައީސް ނަޝީދަށް ތާއީދުކުރާ ގިނަ ބަޔަކު ވަޒީފާއިން ވަކިކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.