ޚަބަރު

ބަހުން ޒިނޭގެ ތުހުމަތު ސާބިތުވާނަމަ ގަޒުފު ސާބިތުވާނެ: ސުޕްރީމް ކޯޓު

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ ގޮތުގައި ސީދާ ޒިނޭގެ ތުހުމަތުނުކުރި ނަމަވެސް ބުނާ ބަހަކުން އެއީ ޒިނޭގެ ތުހުމަތުކުރުންކަމަށް ސަަބަބުވެރި މީހަކަށް ދޭހަވާނަމަ އެ ބަހުގެ މައްޗަށް ބިނާކޮށް ގަޒުފުގެ ކުށް ސާބިތުވާނެ އެވެ.

މިހެން ސުޕްރީމް ކޯޓުން ކަނޑައަޅާފައިވަނީ ގދ.ތިނަދޫގައި ރެސްޓީރެންޓެއްގެ ތެރޭގައި އެހެންފިރިހެނަކާއި ދިމާލަށް އޭނާގެ އަންހެނުންގެ ބަނޑުގައި އޮތީ އެމީހާގެ ދަރިއެއް ނޫންކަމަށާއި, އެއީ އެހެން ފިރިހެނެއްގެ ދަރިއެއްކަމަށް ބުނި މީޙެއްގެ މައްޗަށް ގަޒުފުގެ ކުށސް ސާބިތުވާކަަމަށް ހައިކޯޓުުން ކަނޑައެޅުމާ ގުޅިގެނެވެ.

މި މައްސަލަ އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހަޅާ ދައުވާ ރައްދުވާ ފަރާތުން ފާހަގަކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލް އުގޫބާތުގައި ގަޒުފުގެ ކުށުގެ ގޮތުގައި ތަޖުރީމުކޮށްފައިވަނީ ޒިނޭކުރިކަމަށް ބުނެ ގަޒުފުކުރުން އެކަނި ކަމަށެވެ. މީގެ އިތުރުން, މި މައްސަލާގައި އޭނާ ބޭނުންކުރި އިބާރާތަކީ ދަރީގެ ނަސަބު ނަފީކުރުުމުގެ އިބާރާތެއް ކަމުގައިވާތީ އެއީ ޤާނޫނުލް އުގޫބާތުގެ ދަށުން ތަޖުރީމުކުރެވިފައިވާ ގަޒުކރުމުގެ ކުށް ނޫންކަމުގައިވެސް އޭނާ ބުނެފައިވެއެވެ.

ސުޕްރީމް ކޯޓުގެ ހުކުމުގައި މި ނުކުތާއާއި ގުޅިގެން ވިދާޅުވެފައިވަނީ, އިސްލާމީ ފިގުހު އިލްމުވެރިންގެ ތަފާތު ރައުޔުތައް ފާހަގަކޮށް, މާލިކީ މަޒުހަބުގެ އިލްމުވެރިން މާނަކުރައްވާ ގޮތުން މީހަކު ޒިނޭކުރިކަމަށް ތުހުމަތުކުރުމާއި މީހެއްގެ ނަސަބު ނަފީކުރުމަކީ ގަޒުފުކުރުންކަމަށެވެ. އަދި ހަނަފީ މަޒުހަބުގައިވެސް މީހެއްގެ ނަސަބު ނަފީ ކުރުމަކީ ގަޒުފުގެ މާނައިގެ ތެރޭގައި ހިމެނޭކަމެއްކަމަށް ބަޔާންކޮށްފައިވެއެވެ.

ފިޤުހީ މަޛުހަބުތަކުގެ ރައުޔަތައް ބަޔާންކުރެއްވުމަށްފަހު މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ޙުސްނުއްސުއޫދު ލިޔުއްވާފައިވަނީ މީހަކު ބުނި ބަހެއް އެއީ ޤަޛުފުގެ ބަހެއްކަން ކަނޑައެޅުމުގައި ބޭނުންކުރާނީ މައުޟޫޢީ މިންގަނޑެއް ކަމަށެވެ.

އެ އަސާސްގެ މައްޗަށް ބިނާކުރައްވައި ފަނޑިޔާރު ސުއޫދުގެ ރައުޔާގައި ފާހަގަކުރައްވާފައި މި މައްސަލާގައި ދައުވާ ރައްދުވާ މީހާ ބުނި ބަހުން ޤަޛުފުގެ ކުށް ފުރިހަމަވާކަމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ތާއީދުކުރައްވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރު ޙުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުއާއި ފަނޑިޔާރު އަލީ ރަޝީދުގެ އިއްތިފާޤުން ހައިކޯޓުގެ ހުކުމް ދަމަހައްޓައި، ދައުވާ ރައްދުވާ ފަރާތުގެ މައްޗަށް ޤަޛުފުގެ ކުށް ސާބިތުވެ ޙައްދުގެ ގޮތުގައި 80 އެތިފަހަރުން ޖަލްދުކުރަންވަނީ ހުކުމް ކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button