ފަނޑިޔާރު ހާތިފް ރިޓަޔާކުރުމުން ހައިކޯޓުގެ އިސް ފަނޑިޔާރަކަށް ޝަހީދު

އިސް ފަނޑިޔާރު ހާތިފް ހިލްމީ ރިޓަޔާވެ ވަޑައިގަތުމުން، ހައިކޯޓު ވަގުތީ ގޮތުން ހިންގުން ފަނޑިޔާރު ހުސައިން ޝަހީދާ ހަވާލުކޮށްފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރުކަމުން ރިޓަޔާ ކުރެއްވުމަށް ހާތިފް ހުށަހަޅުއްވާފައި ވަނީ މި މަހުގެ ހަވަނަ ދުވަހުގައެެވެ. ޖޭއެސްސީން މިއަދު ބުނީ، ހާތިފް ރިޓަޔާކުރަން ނިންމެވުމުން ހައިކޯޓު ވަގުތީގޮތުން ހިންގުން ފަނޑިޔާރު ޝަހީދާ ހަވާލުކޮށްފައިވާ ކަމަށެވެ.
ނޮވެމްބަރު، 2020 ގައި ހައި ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަންކުރި ހާތިފް ފަނޑިޔާރުކަމުން ރިޓަޔާވެ ވަޑައިގަތީ އަމިއްލައަށް އެދިގެންނެވެ. އޭނާ 2009 ވަނަ އަހަރުން ފެށިގެން ސިވިލް ކޯޓުގެ ގާޒީއަކަށް ހުންނެވުމަށްފަހު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވީ 2019 ވަނަ އަހަރު އެވެ.
ހާތިފްއަކީ ސިވިލް ކޯޓުގައި މުދަލާއި ފައިސާގެ ބޮޑެތި މައްސަލަތަކެއް ބެއްލެވި އަދި މަޝްހޫރު ފަނޑިޔާރެކެވެ. ހާތިފް ރިޓަޔާވެ ވަޑައިގަތުމުން ވަގުތީ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހައި ކޯޓު ހިންގުމާ ހަވާލުކުރި ފަނޑިޔާރު ޝަހީދަކީ 2018 ވަނަ އަހަރު އެ ކޯޓަށް އައްޔަން ކުރި ފަނޑިޔާރެކެވެ. އޭގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ ގާޒީއަކަށެވެ.
ޝަހީދު ވަނީ ކުއްލިއްޔާ އާއި މިސްރުގެ އަޒުހަރުން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލު ކުރެއްވުމަށް ފަހު، ރާއްޖޭގެ އިސްލާމީ ޔުނިވަސިޓީން އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީން މާސްޓާސް ހާސިލްކުރައްވާފައެވެ.