ޚަބަރު

މެދު ޒިޔާރަތުގައި ދިދަޖަހާ މުންކަރާތް ދިރުވަން ފަށައިފި

އެތައް ދީނީ ޢިލްމުވެރިންނެއް މުންކަރާތެއް ކަމުގައި ބަޔާންކުރައްވާފައިވުމުން ކުރީގެ ސަރުކާރުތަކުން މެދުޒިޔާރާތުގައި ދިދަ ޖެހުން ހުއްޓުވާފައިވަނިކޮށް މި ސަރުކާރުން ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް މެދު ޒިޔާރަތުގައި ދިދަ ޖަހައިފިއެވެ.

ޒިޔާރަތަށް ނަދުރު ބުނުމާއި މިފަދަ ބިދުޢަތައް މީގެކުރިން ހިނގަމުން އައި ނަމަވެސް އެންމެ ފުރަތަމަ ސަރުކާރުން 1957 ވަނަ އަަހަރު މަނާކޮށްފައިއޮތް މި މުންކަރާތް ދިރުވުމަށް ހެރިޓޭޖު މިނިސްޓްރީ އިން މެދުޒިޔާރަތުގައި އިއްޔެ ވަނީ ދިދަ ނަގަން ފަށާފަ އެވެ.

ރާއްޖޭގެ ސަޤާފަތާ ތަރިކަ ހިމާޔަތް ކުރުމުގެ ނަމުގައި ރައީސް ސޯލިހު އުފައްދަވާފައިވާ ހެރިޓޭޖު މިނިސްޓްރީ އިން މިކަން ފަށާފައިވާއިރު  މިކަމަކީ ރައީސް މައުމޫނުގެ ވެރިކަމުގައިވެސް ދީނީ ޢިލްމުވެރިންގެ ލަފަޔާއި އެއްގޮތަށް ހުއްޓުވާފައިވާކަމެކެވެ. މީގެ އިތުރުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް މެދު ޒިޔާރަތްދިރުވަން ސަރުކާރު ތެރެއިން ބަޔަކު އުޅުމުން އެމަނިކުފާނު ވަނީ އެކަން ހުއްޓުވައި ދެއްވާފައެވެ.

‏އެހެން ނަވެސް ރައީސް މައުމޫނުގެ ދަރިކަނބަލުން ދުންޔާ މައުމޫންގެ ވަޒީރުކަމުގައި އެ ހުރިހާ ކަމެއް އަލުން ޢިޔާދަ ކުރަންފެށުމާއިގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ދީނީ ޢިލްމުވެރިން ދަނީ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

މިގޮތުން ޖަމިއްޔަތުއް ސަލަފްގެ ރައީސް ވިދާޅުވީ ރާއްޖެއިސްލާމްވި ދުވަސް ފާހަގަކުރުމުގެ ގޮތުން މެދުޒިޔާރަތް އާއްމުންނަށް ހުޅުވާލައިގެން ދައްކާލުމުގެ ހުރިހާ ތައްޔާރީއެއް މިދިޔަ ސަރުކާރުން ކޮށްފައިވަނިކޮށް،ދީނީޢިލްމުވެރީން އެކަމަށް ނުރުހުން ފާޅުކުރުމާ ގުޅިގެން ރައީސް ޔާމީން  ވަނީ އެކަމަށް އިޖާބަދެއްވައި،އެކަން ހުއްޓުވާފައި ކަމަށެވެ. އަދި މިފަދަކަންތައްތައް މިގޮތަށް ހުރުމަކީ މިދިޔަ ސަރުކާރާއި، މިއަދުގެ ސަރުކާރުގެ ތަފާތު ރައްޔިތުންނަށްސާފުވާންޖެހޭ ކަމުގައި ޝައިޚް އަބްދުالله ވިދާޅުވިއެވެ.

މީގެ އިތުރުން ޝައިޚް ވިދާޅުވީ މިފަދަ އެތައްކަމަކަށް އަދާލަތު ޕާޓީއިން އިންކާރުނުކޮށް ތިއްބަވައި،ސަރުކާރު ދިފާޢުކުރައްވަމުން ދިއުމަކީ އަދާލަތު ޕާޓީގެ އިތުބާރު ގެއްލުނު ސަބަބެއް ކަމަށެވެ.

މީގެ އިތުރުން ދީނީ ޢިލްމުވެރިޔާ ޑރ. އިޔާޒް ވިދާޅުވީ ޒިޔާރަތަށް ނަދުރުބުނުމާއި އެކަމަށް މަގުފަހިވާފަދަ ކޮންމެ ކަމަކީ ޝިރްކުގެ ޢަމަލެއް ކަމަށާއި ކުރީގެ ރައީސް ⁦‪މައުމޫނުގެ‬⁩  ވެރިކަމުގައި މިކަންތައް ރާއްޖެއިން ފޮހެ ނައްތާލާފައިވަނިކޮށް އަލުން އެކަން ފެށިފެށުމަކީ ވަރަށް ބޮޑު ނުބަޔެއްގެ ފެށުން ކަމަށެވެ.

ދީނީ ޢިލްމުވެރިޔާ ޝައިޚް ޒައިދް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގަބުރުމަތީގައި ޒިޔާރަތް ހެދުމާއި، ދިދަދަމައި މަތިވެރި ކުރުމަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މަނާ ކުރައްވާފައިވާ ކަމެއް ކަމަށާއި އެއީ ބޮޑު މުންކަރާތެއް ކަމަށެވެ. އަދި މިފަދަ ކަންކަން ނުކުރެއްވުމަށާއި ދީނުގައިވާ ޞައްޚަ އިރުޝާދަކާއި، އެތަނެއްގެ އާދަކާދައެއް ފުށުއަރާނަމަ އިސްކުރަންވާނީ ދީނުގެ އިރުޝާދު ކަމުގައި އޭނާ ވިދާޅުވިއެވެ.

މެދު ޒިޔާރަތުގައި ދިދަ ޖެހުމާއި ގުޅިގެން ޝައިޚް ޒަމްޒަމް ފާރިޝް ވިދާޅުވީ ޒިޔާރަތްތައް ހެދުމަކީ ޝަރުޢީ ގޮތުން ހުއްދަކަމެއް ނޫން ކަމަށެވެ. އަދި އެއީ އިސްލާމްދީނުގައި ނަހީކުރެވިފައިވާ ކަމެއް ކަމަށް ވިދާޅުވެ އެކަމާއި ގުޅޭ ހަދީޘް ބަސްފުޅުވެސް ހިއްސާކުރެއްވިއެވެ.

ދިވެހިރާއްޖޭގެ ތާރީޚުގައި ވާގޮތުން މެދުޒިޔާރަތުގައި އެންމެ ފަހުން ދިދަ ނަގާފައިވަނީ މީގެ 30 ވަރަކަށް އަހަރަކަށް ކުރިން، 1970 ގެ އަހަރުތަކުގަ އެވެ.

One Comment

  1. ކޯލިސަން ސަރުކާރުގަރައިސް މައުމޫން އެބަހުންނެވި ބަސްފުޅެއްހަމަނުވިދާޅުވެ ޝެހުން ވެސްއެބަތިއްބެވި ދެންކީއްތޯ ކުރާނީ ?

Leave a Reply

Your email address will not be published. Required fields are marked *

Back to top button