ސިޓީ ކައުންސިލުން ގަލޮޅުގައި ޕާކެއް ހަދަން އަވަށު މީހުނާ މަޝްވަރާ ކޮށްފި

މާލެ ސިޓީ ކައުންސިލުން ގަލޮޅުގައި ތަރައްޤީކުރުމަށް ނިންމާފައިވާ ޕާކާއި ގުޅޭގޮތުން ޚިޔާލު ހޯއްދެއްވުމަށް މާލެ ސިޓީގެ މޭޔަރު ޑރމުޙައްމަދު މުޢިއްޒު އަދި ގަލޮޅު ތަމްސީލް ކުރައްވާ ކައުންސިލަރުން މާލެ ސިޓީގެ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރައްވައިފިއެވެ.
މާލެ ސިޓީ ކައުންސިލުން ވަނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރުމަށްޓަކައި މީގެ ކުރިންވެސް ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކޮށްފައެވެ. އެ ބައްދަލުވުމުގައި ގަލޮޅުގެ ގިނަ ރައްޔިތުން އެދިފައިވަނީ ގަލޮޅުގައި ހިތްފަސޭހަ ކޮށްލާނެ މައިޒާނެއް ނެތުމުގެ ސަބަބުން ސިޓީ ޕާކު ބިމުގައި ޕާކެއް ތަރައްޤީ ކޮއްދިނުމަށެވެ. މި ބައްދަލުވުމުގައި ގަލޮޅުގައި ތަރައްޤީ ކުރާ ޕާކާއި ގުޅޭގޮތުން ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ އަށް ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
ގަލޮޅު ޞަލާޙުއްދީން މިސްކިތް ކައިރީގައިވާ ޕާރކްގެ 3ޑީ ރެންޑަރިންގް ޕްރެސެންޓޭޝަން އާއި ކޮންސެޕްޓް ޑިޒައިންއާއި ގުޅޭ ގޮތުން އަންގާރަ ދުވަހުގެ ރޭގައި ބެއްވުނު ބައްދަލުވުމުގައި ވަނީ މަޝްވަރާ ކޮށްފައެވެ. މި ބައްދަލުވުމުގައި ބައިވެރިވި ގަލޮޅުގެ ގިނަ ރައްޔިތުން ވަނީ ތަފާތު އެކި ޚިޔާލުތައް ހުށަހަޅުއްވާފައެވެ.
މި ބައްދަލުވުމުގައި މޭޔަރު ވިދާޅުވީ މި ޕާކް ތަރައްޤީކުރުމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށާއި، އެހެންކަމުން އެކަމަށްޓަކައި ސަރުކާރުގެ ކުންފުނިތަކުގެ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ގަލޮޅު ހުޅަނގު ދާއިރާގެ ކައުންސިލަރު މަރިޔަމް ނާޒިމާ ވިދާޅުވީ މިފަދަ މަޝްވަރާތައް ބައެއް ކުންފުނިތަކާއިއެކު ނުރަސްމީކޮށް ކުރެވިފައިވާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން ތަރައްޤީ ކުރާ ޕާކަކީ އެބިމުގައި ހުރި ބޮޑެތި ގަސްތަކަށް ގެއްލުން ނުލިބޭ ގޮތަށް ތަރައްޤީ ކުރާނެ ޕާކެކެވެ. އެ ޕާކުގައި ކުޑަކުދިންނަށް ޚާއްޞަކޮށްގެން ތަރައްޤީ ކުރާ ”ޕްލޭ އޭރިއާ“ގައި އެންމެ ތުއްތު ކުދިންނަށް ޚާއްޞަ ބަޔަކާއި ކުޑަކުދިންނަށް ޚާއްޞަ ބައެއް އެކުލެވިގެންވާނެއެވެ. އަދި މި ދެބައިގައި ބަހައްޓާ ކުޅޭ ތަކެތި ހުންނާނީ ”ޓްރީ ހައުސް ތީމް“ އަށެވެ. މީގެ އިތުރުން ޙާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ހިތްހަމަޖައްސާލާނެ ފުރުސަތެއް ތަނަވަސްކޮށް ދިނުމުގެ ގޮތުން، ފުރޮޅުލީ ގޮނޑިއާއެކު އެރޭނެ ފަދަ އުނދޯއްޔެއް ބަހައްޓާފައިވާނެއެވެ.
މި ބައްދަލުވުން ބާއްވާފައިވަނީ ޕާކު ތަރައްގީ ކުރުމަށް ނިންމާފައިވާ ގަލޮޅު ސިޓީ ޕާކުގައެވެ.