ޚަބަރު

ގައުމީ އެއާލައިނަށް 99.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް!

ގައުމީ އެއާލައިން ކަމަށްވާ މޯލްޑިވިއަންގެ ބެލެނިވެރި ކުންފުނި އައިލެންޑް އޭވިއޭޝަނަށް 99.6 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބިއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީބީ) އިން މިއަހަރުގެ ދެވަނަ ކުއާޓާއަށް ހާއްސަކޮށް ނެރުނު ”ސަމަރީ އޮފް ކުއާޓަލީ ރިޕޯޓު“ ގައި ވާގޮތުން އައިލެންޑް އޭވިއޭޝަނަށް 99،595،675 (ނުވަދިހަ ނުވަ މިލިއަން، ފަސް ލައްކަ ނުވަދިހަ ފަސް ހާސް، ހަސަތޭކަ ހަތްދިހަ ފަސް ރުފިޔާ) ގެ ގެއްލުން ވަނީ ލިބިފައެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓާގައި އެ ކުންފުންޏަށް ވަނީ 110،165،694 (ސަތޭކަ ދިހަ މިލިއަން އެއް ލައްކަ ފަސްދޮޅަސް ފަސް ހާސް، ހަސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ) ގެ ގެއްލުން ވެފައެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓައިގައި އެ ކުންފުންޏަށް ވަނީ 25 މިލިއަން ރުފިޔާ ގެއްލުން ވެފައެވެ. މި އަހަރުގެ ފުރަތަމަ ހަ މަސްދުވަހަށް ބަލާނަމަ އެއީ، 124 މިލިއަން ރުފިޔާގެ ގެއްލުމެކެވެ.

ޕީސީބީގެ ރިޕޯޓުން އެނގޭގޮތުގައި އައިލެންޑް އޭވިއޭޝަނަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ އެ ކުންފުނީގެ އާމްދަނީ ބޮޑުތަނުން ދަށަށް ގޮސް ހިންގުމުގެ ހަރަދު އިންތިހާއަށް ބޮޑުވުމެވެ.

އެ ބޯޑުން ލަފާ ދީފައިވަނީ އާމްދަނީ އިތުރުކޮށް، ހިންގުމުގެ ހަރަދު ކުޑަ ކުރާށެވެ.

އައިލެންޑް އޭވިއޭޝަނަށް މިހާ ބޮޑު ގެއްލުމެއް ލިބުނީ އެންމެ ފުރިހަމައަށް ކުންފުނި މެނޭޖް ނުކުރެވުމުގެ ސަބަބުން ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑުން މީގެ ކުރިންވެސް ވަނީ ބުނެފައެވެ. ހަރަދުތައް ބޮޑުވެފައިވަނީ ކުންފުނިން ދޭ ހިދުމަތްތައް ރަނގަޅު ކުރަން ކަމަށް އެ ކުންފުނިން ބުނިކަމުގައި ވިޔަސް، އެކަންކަމުގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބިފައެއް ނެތެވެ.

ކޯވިޑް-19 އާއި ގުޅިގެން އެތެރޭގެ އުދުހުންތަކާއި ކާގޯ ހޭންޑްލިން ދަށްވުމުގެ ސަބަބުންވެސް ކުންފުންޏަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެކަމަކު ސިޔާސީގޮތުން ކުންފުނީގެ އިސް މަގާމުތަކަށް ވައްދާފައި ތިބި މީހުންގެ މުސާރަ ކުޑަކޮށްފައެއް ނުވެއެވެ. އަދި ވޭތުވެދިޔަ ދެ އަހަރު ދުވަހަށް ބަލާއިރު، އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 400 މިލިޔަން ރުފިޔާ ހަރަދު ކުރަން ޖެހެއެވެ. އައިލެންޑް އޭވިއޭޝަން އަޑިއަޅާލި އެއް ސަބަބެއްގެ ގޮތުގައި އާމްދަނީއާއި ނުބައްދަލު ހަރަދު ކުރިކަން ފާހަގަކޮށްލެވެއެވެ.

ކުންފުނީގެ ދަރަންޏާ ގުޅޭ ސުވާލުތައް އައިލެންޑް އޭވިއޭޝަނަށް އަމާޒުވުމުން ކުންފުނިން ބުނީ 2019 ވަނަ އަހަރު ކޯލް ސެންޓަރެއް ހަދައި، އެތަނުގައި 24 ގަޑިއިރު ޑިއުޓީ ކުރަން މުވައްޒަފުން ބައިތިއްބަން ޖެހުމަކީވެސް ހަރަދުތައް ބޮޑުވި ކަމެއް ކަމަށެވެ. އެކަމުގެ ސަބަބުން ޖާގައިގެ ދަތިކަން ހައްލު ކުރުމަށް އައު އިމާރާތަކަށް އެ ކުންފުނީގެ އޮފީސް ބަދަލު ކުރިއެވެ. ޑޮމެސްޓިކް އެލަވަންސްގެ ގޮތުގައި ރައްޔިތުންނަށް ޑިސްކައުންޓް ރޭޓެއްގައި ޓިކެޓް ވިއްކުމުގެ ސަބަބުންވެސް ކުންފުނީގެ އާމްދަނީ ދަށަށް ދިޔަކަމަށް މީގެ ކުރިން އައިލެންޑް އޭވިއޭޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން 2012 ވަނަ އަހަރުން ފެށިގެން އެކުންފުންޏަށް ލިބެންވާ 500 މިލިއަން ރުފިޔާ ނުލިބި ހުރި ވާހަކަވެސް ބުންޏެވެ. އެކަމަކު ވެރިކަން ބަދަލުވުމަށްފަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ޓްރާންސިޝަނަލް ކޮމެޓީއެއް އުފެއްދެވުމަށްފަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް އެ ކޮމެޓީއަށް އައްޔަން ކުރެވުނެވެ. އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ އިވެލުއޭޝަނެއް ހައްދަވާފައެވެ. އެގޮތުން އެކުންފުންޏަކީ އާމްދަނީގެ ގޮތުން އެންމެ ރަނގަޅު ޓްރެކް ރިކޯޑެއް އޮތް ކުންފުނި ކަމަށް ކޮމެޓީއަށް ފާހަގަކުރެވުނެވެ.

 

One Comment

  1. މޯލްޑީވިއަން އެއާބަސް ދެ ބޯޓުން ޗައިނާ ގެ 5 މަންޒިލަކުން ހަފުތާއަކު 4000-5000 ދޭތެރެ އަދަދަކަށް ފަތުރުވެރިން ގެންނަމުން ދިޔަ. ކޯވިޑް އާއި ގުޅިގެން އެކަން ހުއްޓުނީ. މީ ކިތައް މިލިއަން ރުފިޔާގެ ގެއްލުމެއްތޯ ނޫސްވެރިން ބަލާލަބޭ!! ދުނިޔޭގެ ކޮން އެއާ ލައިނެއްތޯ މިދިޔަ ދެއަހަރު ފައިދާގަ ހިންގީ؟؟ ޑޮމެސްޓިކު ޓިކެޓް ވިއްކަން ޖެހޭ އަގު އެނގެނީ ސަރުކާރަށް.. ސިޔާސީ މީހުން ބޭނުންވަރަކަށް ދަތރުކޮއްފަ އޮފީސް ތަކުން ބިލު ނުދައްކާ.. އާސަންދަ އަށް އެއާ އެމްބިއުލޭންސަކަށް ވެސް މި އޮންނަނީ މޯލްޑިވިއަން.. ބިލު ކުރިއަކަސް ފައިސާ ނުލިބޭ!! ސިޔާސީ ކޮން މަގާމު ތަކެއްތޯ އައިލެންޑް އޭވިއަޟަން އަށް ހަމަޖެއްސީ!؟ MD އާއި DMD ގެ މަގާމަކީ ކުންފުނީގަ އަބަދުވެސް އޮންނަ ދެމަގާމު… ކުންފުނި ނުހިންގެން ނޫޅޭ.. ޕެންޑަމިކެއްގަ އެންމެ ބޮޑު ގެއްލުން ވާނީ ކޮންމެ ގޮތަކަށް ބެލިޔަސް އެއާލައިން ތަކަށް.. އެވަރުން ވެސް ކުންފުނި ބަނގުރޫޓް ވިޔަ ނުދީ ހިފެއްޓީ މެނޭޖު މެންޓުން..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button