
ގައުމީ އެއާލައިން ކަމަށްވާ އައިލެންޑް އޭވިއޭޝަން ދަރަނިވެރިވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އާއިލީ މީހުނާ ކުންފުނި ހަވާލު ކުރުމުން ކަމަށް އެކުންފުނީގެ ކުރީގެ ބޯޑު މެންބަރު އަދި އައިލެންޑް އޭވިއޭޝަން ލިމިޓެޑްގެ ކުރީގެ ޑިރެކްޓަރ ކެޕްޓަން މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ކެޕްޓަން އަމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރާ ހަމައަށް އެ ކުންފުނި ކުރިއަރައި ދިޔަކަމުގައެވެ. އެކަން އޮޑިޓް ރިޕޯޓް ތަކުންނާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކުރިން ހެއްދެވި ޓްރާންސިޝަން ކޮމެޓީއަށް އެނގޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
”ކުންފުނި ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ ރައީސް ސޯލިހުގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއްނެތް އާއިލީ މީހުންނާ ހަވާލު ކުރުމުން.“ އަމީން ވިދާޅުވިއެވެ.
ގައުމީ އެއަރލައިން ވަނީ 2018 އާއި ހަމައަށް ކުރިއަރާ ފައިދާވެފަ!
އޮޑިޓް ރިޕޯޓް ތަކުންނާއި @ibusolih ގެ ޓްރާސިޝަން ކޮމިޓީ ރިޕޯޓްއިން އެކަން ސާފު ވާނެ.
ކުންފުނި ދަރަނިވެރިވެ ކޮންޓްރޯލް ގެއްލުނީ:@ibusolih ގެ ވެރިކަމާއެކު ތަޖުރިބާއެއް އިލްމެއްނެތް އާއިލީ މީހުންނާ ހަވާލު ކުރުމުން. pic.twitter.com/or0NbszuR7
— Mohamed Ameen (@ameen3d) August 12, 2021
އައިލެންޑް އޭވިއޭޝަންގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ބޭރު ބަޔަކާ މަޝްވަރާ ކުރަން ރައީސް ސޯލިހު ވަނީ ނިންމަވާފައެވެ.
އިއްޔެ ހަވީރު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ އައިލެންޑް އޭވިއޭޝަންގެ މާލީ ހާލާތު ރަނގަޅު ކުރުމަށް ޖޮއިންޓް ވެންޗާ އުސޫލުން ބޭރުގެ ބަޔަކާ ސަރުކާރުން މަޝްވަރާ ކުރަމުން ގެންދާ ކަމުގައެވެ.
“ރާއްޖޭގައި ގައުމީ އެއާލައިނެއް އޮންނަން އެބަޖެހޭ. ހާއްސަކޮށް ޑޮމެސްޓިކް ނެޓްވޯކެއް އޮންނަން ޖެހޭ. ސަރުކާރުން ސަބްސިޑައިޒްކޮށްގެންވެސް އެކަން ކުރަން ޖެހޭ.” ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ސީޕެލޭން އޮޕަރޭޝަން ފުޅާ ކުރުމަށް އިންވެސްޓްމެންޓް ބޭނުންވާ ކަމުގައެވެ.
ކެޕްޓަން އަމީން މީގެ ކުރިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއޭސީއެލްގެ މުވައްޒަފުންގެ އުސޫލުތައް ނުހިފެހެއްޓި، ކުންފުނީގެ އޮޕަރޭޝަންތައް މަސްހުނިވެ، ހިދުމަތް ދިނުމަށް ބުރޫ އަރާފައިވާކަމަށެވެ. އެކަމުގެ ނަތީޖާއެއް ކަމަށް އަމީން ފާހަގަކުރެއްވީ މަސައްކަތަށް ގާބިލު ދިވެހިން ބޭރުކޮށް، ބޭރު ބައެއްގެ އަތްމައްޗަށް ކުންފުނީގެ މަސައްކަތްތައް ހަވާލު ކުރުމެވެ.
“މި ސަރުކާރުގެ ޕޮލިސީތަކުގެ ސަބަބުން ދައުލަތުގެ ހުރިހާ އިންސްޓިޓިއުޝަން ތަކެއް ހަލާކު ވެއްޖެ.” އަމީން ވިދާޅުވިއެވެ.
އެމްއޭސީއެލްގައި އެމްޑީއެއް ނެތްތާ ދެ އަހަރަށްފަހު އެ މަގާމަށް އައްޔަން ކުރީވެސް ބޭރު މީހެކެވެ. އޭނާ އަކީ އިނގިރޭސި ރައްޔިތެއް ކަމަށްވާ ގޯޑަން އެންޑްރޫ ސްޓީވާޓް އެވެ.
2000 ވަނަ އަހަރު އުފެއްދި ގައުމީ އެއަރލައިން ކަމަށްވާ މޯލްޑިވިއަން އަކީ އާމްދަނީގެ ގޮތުން ޓެރްކެ ރެކޯޑު އެންމެ ރަނގަޅު އެއް ކުންފުންޏެވެ. އެކަމަކު 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހަށް އެޅުނު އިރު 442 މިލިއަން ރުފިޔާއިން އައިލެންޑް އޭވިއޭޝަން އޮތީ ދަރަނިވެރިވެފައެވެ. އަދި 2021 ވަނަ އަހަރުގެ ހިސާބުތަކުން ދައްކާގޮތުގައި އެ ކުންފުނީގެ ދަރަނި 600 މިލިއަން ރުފިޔާއަށް ގާތްކުރެއެވެ