ރިޕޯޓް

ބްރޯޑުކޮމުން ޖެހި ސަކަރާތެއް ވިހަވަނީ؟

ގާނޫނު ތަކާއި އުސޫލުތައް ހަދަނީ އެންމެނަށް އެއް ހަމައަކުން މިނެކިރުމަށެވެ. ވަކި ބަޔަކަށް ނުވަތަ ވަކި މީހަކަށް ހެޔޮވަރުކޮށް ހަދާ ގާނޫނެއް ނުވަތަ އުސޫލެއްގެ ސަބަބުން ކުރިމަތިވެގެންދާނީ ފޫ ނުބެއްދޭ ވަރުގެ ގެއްލުންތަކެވެ. މޮޅު މީހާއަށް މޮޅު ގޮތެވެ. ދެރަ މީހާއަށް ދެރަ ގޮތެވެ. ދައްކަން މިއުޅެނީ ވަކި ބައެއްގެ މަސްލަހަތު ހިމާޔަތް ކުރުމަށް މެދު ފަންތީގެ ބަޔަކު ކަންބަޅީގެ ގުރުބާނީއަށް ހެދި ގޮތުގެ ވާހަކައެވެ.

ރާއްޖޭގައި ރީބްރޯޑްކާސްޓް ކޮށްދޭނެ ބަޔަކު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން 2012 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 30 ވަނަ ދުވަހު އިއުލާން ކުރެވުނެވެ. އެކަމަށް ޝައުގުވެރިކަން ފާޅުކުރީ ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑް (ދިރާގު) އިން އެކަންޏެވެ. ރީ ބްރޯޑްކާސްޓު ކުރުމުގެ ގަވައިދުގައި އޭރު ވާގޮތުން ދިރާގަކީ ޝަރުތު ހަމަވާ ކުންފުންޏެއް ނޫނެވެ. އެކަމަކު އޭރުގެ ބްރޯޑްކޮމްގެ ވެރިން ނިންމީ އުސޫލު ”އެފުށް މިފުށަށް“ ޖަހައިގެންވެސް ދިރާގަށް ހުއްދަ ދިނުމަށެވެ. ބްރޯޑްކޮމްގެ ގަވައިދަށް އިސްލާހު ގެނައުމުގެ މަސައްކަތް ފެށުނީ އެ ހިސާބުންނެވެ. ރީބްރޯޑްކާސްޓިން ގަވައިދަށް އިސްލާހުތަކެއް ގެނައުމަށްފަހު އަވަސް އަވުރާލައިގެން އެކަން ކުރިއެވެ.

2013 ވަނަ އަހަރުގެ ޖަނުއަރީ މަހުގެ 30 ވަނަ ދުވަހު ބްރޯޑުކޮމުން ދިރާގަށް ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ދޫކުރިއެވެ. އެކަމަކު ރީބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ތައާރަފް ކުރީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުގައެވެ. އެއީ ދިރާގަށް ހުއްދަ ދެވުނުތާ 1 އަހަރާއި 11 މަސް ދުވަސް ފަހުންނެވެ. ”ޕްލޭ ޑޮޓް“ ނަމަކަށް ކިޔާ ވެބްސައިޓަކާ މޯބައިލް އެޕްލިކޭޝަނެއް މެދުވެރިކޮށް އިންޓަނެޓްގެ ޒަރިއްޔާއިން ދިރާގުން ފެށި ހިދުމަތަކީ މޯބައިލް ޑާޓާ ދާގޮތަށް އޮންލައިންކޮށް ސްޓްރީމްކޮށްގެން ކޮންޓެންޓުތައް ބަލާލެވޭ ހިދުމަތެކެވެ. މި ސްޓްރީމިން ސަރވިސްއަށް ދީފައިވާ ޓެކްނިކަލް ނަމަކީ ”އޯވާ ދި ޓޯޕް“ ނުވަތަ ”އޯޓީޓީ“ އެވެ. ދުނިޔޭގައި ނުވަތަ ރާއްޖޭގައި ބޭނުންކުރާ ނެޓްފްލިކްސް، ޔޫޓިއުބް ނުވަތަ ބައިސްކޯފަކީ މިފަދަ ސްޓްރީމިން ހިދުމަތްތަކެވެ. މިހުރިހާ ހިދުމަތަކީ އިންޓަނެޓް މެދުވެރިކޮށް ލިބޭ ހިދުމަތްތަކަށް ވާއިރު އިންޓަނެޓް ޑާޓާއަށް އިތުރު ހަރަދުތަކެއް ދާނެއެވެ.

އެހެން ނަމަވެސް މިއީ ރީބްރޯޑްކާސްޓް ކުރުންތޯ ނުވަތަ ނޫންތޯ ސުވާލު އުފެދޭ ހިސާބަށް ދިޔައީ އަލްޖަޒީރާ އިން 2016 ވަނަ އަހަރު ބްރޯޑްކާސްޓް ކުރި ކޮންޓެންޓެއް ރާއްޖޭގައި ރީބްރޯޑްކާސްޓު ކޮށްގެން ބްރޯޑްކޮމުން ފިޔަވަޅު އެޅުމުގައި ތަފާތުކުރުން ގެންގުޅުމުގެ ސަބަބުންނެވެ. އަލްޖަޒީރާގެ ”ސްޓީލިން ޕެރެޑައިސް“ ރީބްރޯޑްކާސްޓް ކުރުމުގެ ސަބަބުން ބްރޯޑުކޮމުން ވަނީ މީޑިއާ ނެޓް ޕްރައިވެޓް ލިމިޓެޑް ބޮޑު އަދަދަކުން ޖޫރިމަނާ ކޮށްފައެވެ. އެކަމަކު އޯޓީޓީ މެދުވެރިކޮށް ދިރާގުން އަލްޖަޒީރާގެ އެ ކޮންޓެންޓު ހަމަ އެވަގުތުގައި ދެއްކުމުން އެކުންފުންޏަށް އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިކަމާގުޅިގެން މީޑީއާ ނެޓުން ކޯޓަށް ދިޔައެވެ. ބްރޯޑްކޮމްގެ ދިފާއުގައި ބަންޑާރަ ނައިބުގެ އޮފީހުން ކޯޓުގައި ބުނީ، އެއީ ސްޓްރީމިން ހިދުމަތެއް ކަމަށެވެ. އެއީ ސްޓްރީމް ކުރުން ކަމަށާއި، ރީބްރޯޑްކާސްޓް ކުރުން ކަމަށް ނުބެލެވޭކަމަށް ބުންޏެވެ. އެ ހިދުމަތް ރެގިއުލެޓް ކުރާނީ ކޮމިއުނިކޭޝަންސް އޮތޯރިޓީއިން ކަމަށާއި، އިންޓަނެޓް ބޭސް ހިދުމަތްތަކަކީ ޓެލެކޮމިއުނިކޭޝަން ގާނޫނޫގައި ބަޔާންކުރާ ހިދުމަތެއް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.

މީޑިއާނެޓް ޖޫރިމަނާ ކުރިއިރު، ދިރާގުން ރައްޔިތުންނަށް ހިދުމަތް ދެމުން އައީ އިންޓަނެޓަށް އިތުރު ހަރަދެއް ކޮށްގެން އޯޓީޓީ އެޕްލިކޭޝަނެއް މެދުވެރިކޮށެވެ. ނަމަވެސް ޖޯއީ ބޮކްސް އެއް މެދުވެރިކޮށް އައިޕީޓީވީ އިންޓަނެޓް ޕްރޮޓޮކޯލް ޓީވީގެ ހިދުމަތް ދިރާގުން ތައާރަފްކުރީ 25 އެޕްރީލް 2017 ގައެވެ.

މިއީ ބްރޯޑްކޮމްގެ ވެރިން ނުފޫޒު ބޭނުންކޮށްގެން ވަކި ކުންފުންޏަކަށް ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދަ ދިންކަމުގެ އަލިގަދަ ހެއްކެކެވެ. ރީބްރޯޑްކާސްޓް ކުރުމުގެ ހުއްދައެއްގެ ދަށުން ދިރާގުން ސްޓްރީމިން ހިދުމަތް ދިންކަން އޮތީ އެނގި ހާމަވާށެވެ. އަދި ހިދުމަތް ދިނުމަށް ކަނޑައެޅި މުއްދަތު ފަހަނައަޅައި ދިޔަކަންވެސް އޮތީ އެނގޭށެވެ. މުއްދަތު ފަހަނައަޅާ ކޮންމެ ހުއްދައަކީ ބާތިލް ހުއްދައެއް ކަމަށް އޮންނަ އުސޫލުގެ ދަށުން މި ހާލަތުގައި އެއީ ބާތިލް ކުރަންޖެހޭ ލައިސެންސެކެވެ.

މިކަމުގެ ސަބަބުން ކޭބަލް ނެޓްވޯކް އޮޕަރޭޓަރުންގެ ހައްގުތައް ވަނީ ގެއްލިފައެވެ. ދިރާގަށް ދީފައިވާ ރީބްރޯޑްކާސްޓް ކުރުމުގެ ލައިސެންސް ބާތިލް ކޮށްދިނުމަށް އެދި އޭދަފުށީ ކޭބަލް ނެޓްވޯކުން ކޯޓަށް ދިޔައެވެ.

”އެ މައްސަލަ ކުރިޔަށް އެބަދޭ. ދިރާގަށް ހުއްދަ ދިނުމުގައި ކޮރަޕްޝަން އޮތްތޯ ބެލުމަށް އަޅުގަނޑުމެން ބޭނުން. އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް މައްސަލަ ހުށަހަޅައިފިން. އަދި ހަބަރެއް ނުވޭ. އަޅުގަނޑުމެންނާއެކު ކޭބަލް ޓީވީ އޮޕަރޭޓަރުން ތިބީ ދޫ ދޭ ގޮތަކަށް ނޫން.“ އޭދަފުށީ ކޭބަލް ނެޓްވޯކް

ހޯރަފުށީ ކޭބްލް އޮޕަރޭޓަރ ވަނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް މި މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހެޅީ މުހައްމަދު ފާއިޒެވެ.

”އެމީހުންގެ މަސައްކަތް ޓާގެޓްކޮށްފަ އިނީ ސީދާ އަޅުގަނޑުމެން ނިކަމެތިން ފުނޑާލަން. ރައުޓަރު ލައިދިނުން ހިލޭ. ކޭބަލް ލައިދިނުން ހިލޭ. އިންޓަނެޓް ބޭނުން ކުރަންޏާ އެމީހުންނަށް އޯކޭ.“ ފާއިޒު ބުންޏެވެ.

އުސޫލުން ބޭރުން ވަކި ބަޔަކަށް ޖާއިޒު ނޫން މަންފާއެއް ހޯދައިދިނުމުގެ ނިޔަތެއް އޮވެގެން ހިންގާފައިވާ ޖަރީމާއެކޭ ބުނުމުގެ ޖާގަ އޮތްކަމަށް ކޭބަލް އޮޕަރޭޓަރުން ބުނެފިއެވެ. އަދި މިކަން ހިނގާފައިވާގޮތް ރަނގަޅަށް ބަލައި އެންމެނަށްވެސް އެއް ހަމަކުން އުސޫލުތައް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އެހެން ނޫނީ ބްރޯޑްކޮމުން ޖަހާފައި އޮތް މި ސަކަރާތް ވިހަވެދާނެ އެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button