ޚަބަރު

ރާއްޖެއިން ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅާ: ސަބްރާ

ރާއްޖެއަކީ އަބަދުވެސް ދެމެހެއްޓެނިވި މަސްވެރިކަމަށް ބާރުއަޅުމަށް ވަކާލާތުކުރާ ގައުމެއްކަމަށް ރާއްޖޭގެ ސްޕެޝަލް އެންވޯއީ ފޮރ ކްލައިމެޓް ޗޭންޖް ސަބްރާ އިބްރާހީމް ނޫރައްދީން ވިދާޅުވެއްޖެއެވެ.

ސަބްރާ މިހެން ވިދާޅުވީ، ކޮމަންވެލްތް އެންޓަރޕްރައިސް އެންޑް އިންވެސްޓްމަންޓް ކައުންސިލުގެ ”30×30“ ވެބިނަރގައި ބައިވެރިވެވަޑައިގެން، ވާހަކަަދައްކަވަމުންނެވެ.

ސަބްރާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަހައްދުގެ 99 އިންސައްތައަކީ ކަނޑުގެ ސަރަހައްދުކަން ފާހަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ އެހެން ޖަޒީރާ ރަށްތަކުގެ އަހުލުވެރިން ފަދައިން ކަނޑުގެ ދިރުންތަކުގެ މައްޗަށް ދިރިއުޅުން ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެއްކަން ވެސް ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ކަނޑުތަކުގެ 30 އިންސައްތައަކީ ހިމާޔަތްކުރެވިފައިވާ ތަންތަނުގެ ގޮތުގައި ހަމަޖެއްސުމަށް 30×30 ޕްރޮޖެކްޓް އިން ކުރާ މަސައްކަތް ރާއްޖެއަށް މުހިންމުވަނީ އެ ސަބަަބުތަކަށްޓަކައި ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ކަނޑުތަކަކީ ދުނިޔޭގެ އެންމެބޮޑު އެއް ”ނެޗުރަލް ކާބަން ސްޓޯރޭޖް ސިސްޓަމް“ ކަން ފާހަގަކުރައްވައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކަނޑުތަކަށް ނުރައްކާ ކުރިމަތި ކުރުވާކަމަށާއި، އެހެންކަމުން ކަނޑުތައް ހިމާޔަތްކުރުން ވެގެންދާނީ މުސްތަގުބަލުގައި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ދުރާލާ އެޅޭ މުހިންމު ފިޔަވަޅަކަށްކަން ސަބްރާ ފާހަގަކުރެއްވިއެވެ.

ސަބްރާ ވަނީ ރާއްޖެއިން ކުރަމުންގެންދާ ދޮށީގެ މަސްވެރިކަމުގެ މައްޗަށްވެސް އަލިއަޅުވާލައްވާފައެވެ.

”ރާއްޖޭގައި ދޮށީގެ މަސްވެރިކަން ކުރާގޮތަކީ ތިމާވެއްޓާ އެންމެ ރަޙުމަތްތެރި އަދި ދެމެހެއްޓެނިވި ގޮތް. އެގޮތަށް ކުރަ މަސްވެރިކަމުން ކަނޑުއަޑީގެ ދިރުންތަކަށް ގެއްލުމެއް ނުފޯރާނެ.“ ސަބްރާ ވިދާޅުވިއެވެ.

ރާއްޖެއިން މިޔަރުގެ މަސްވެރިކަން މަނާކޮށްފައިވާކަމާއި، ބ.އަތޮޅު ބަޔޮސްފިޔާ ރިޒާރވެއްގެ ގޮތުގައި ކަނޑައަޅާފައިވާކަމާއި، އަދި އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ބޭނުންކުރުން 2023 ގެ ނިޔަލަށް ރާއްޖެއިން ހުއްޓާލުމަށް ކަނޑައަޅާފައިވާ ލަނޑުދަނޑި ސަބްރާ ހާމަކުރެއްވިއެވެ. އަދި ”ހައި ލީކޭޖް ސިންގަލް ޔޫސް ޕްލާސްޓިކް“ އުފެއްދުންތައް ރާއްޖެ އެތެރެކުރުން މަނާކުރުން މިމަހުން ފެށިގެން ތަންފީޒުކުރަން ފަށާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button