ޚަބަރު
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުޅުމީދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ހުޅުމީދޫން މީހަކު ހައްޔަރު ކޮށްފިއެވެ.
ހުޅުމީދޫގައި މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޮކްޓޯބަރ 16 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ރަށު ފަޅުގެއެއް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވެއެވެ. އަދި އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.