ޚަބަރުސިޔާސީ

މަސްދަރު ހާމަކުރަން މަޖުބޫރުކުރާ ބިލު އިސްލާހު ކުރަން ހުށަަހަޅައިފި

ޤާނޫނުގެ 136 ވަނަ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެ މީހާ އަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމު މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ޤާނޫނަށް ގެންނަ އިސްލާހުގައިވާ ގޮތުން ހައިކޯޓުން މަސްދަރު ހާމަކުރުމަށް ލާޒިމުކުރެއެވެ. އަދި ލާޒިމުކުރާއިރު ބަލަންޖެހޭކަންތައްތައް ތަފްސީލުކޮށްވެއެވެ. ނޫހަކަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން ހައިކޯޓުގެ އަމުރެއް ނެރެދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް އެދޭ ހާލަތުގައި، އެފަދަ އަމުރަކަށް އެދޭ ސަބަބާއި އެ ސަބަބުތަކާ ގުޅޭ ހެކިތައް ކޯޓަށް ހުށަހެޅުން މިހާރު އޮތް އިސްލާހުގެ ދަށުން ލާޒިމުވާނެއެވެ.

އެފަދަ އަމުރެއް ނެރޭއިރުގައި ރިއާޔަތް ކުރަންޖެހޭ 6 ކަމެއް މި އިސްލާހުގައި ފާހަގަކޮށްފައިވާއިރު، އެ ކަމުގެ ތެރޭގައިި ހިމެނެނީ ޓެރަރިޒަމްގެ ކުށެއް އެކުލެވޭ ކަމެއް ކުރަން އުޅޭ، ކުރަމުންދާކަން ނުވަތަ ކޮށްފިކަމާއި، އެމައުލޫމާތު އެނގުމަކީ ޝަރީއަތުގެ ދައުވާއާއި ގުޅުންހުރި ދައުވާއަކަށް މުހިންމު މައުލޫމާތެއްކަން ސާބިތުވާން ޖެހޭނެއެވެ. އަދި މައުލޫމާތު ހާމަނުކުރުމުގެ ސަބަބުން ދަށު ކޯޓުގައި ކުރިއަށްދާ މައްސަލަ ރައްދުވާ ފަރާތަށް އިންސާފުވެރި ނޫން އަދަބެއް ލިބުމުގެ ފުރުސަތު އޮތުމާއި، ނޫހަށް މައުލޫމާތު ދިން މީހާ ހާމަކުރުމުން އެމީހާއަށް ނުވަތަ އެހެން ފަރާތަކަށް ލިބިދާނެ ގެއްލުމަކަށްވެސް ކޯޓުން ރިއާޔަތްކުރުން ލާޒިމުވާނެއެވެ.
އަދި ނޫސްވެރިޔާ މަސައްކަތްކުރާ ތަން މެދުވެރިނުކޮށް މައުލޫމާތު ދިން މީހަކީ ކާކުކަން މައުލޫމާތު ހޯދަން ކުރެވެންހުރި މަސައްކަތް އެދެވޭ މިންވަރަށް ކޮށްގެންވެސް މައުލޫމާތު ލިބިފައި ނުވުމާއި، ހަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް ހަގީގަތްތަކާއި ރައުޔު ފޯރުކޮށްދިނުމަށް އޮތް އާންމު މަސްލަހަތަށާއި، އެ މަޤުސަދަށްޓަކައި ހަގީގަތްތަކަށް ވާސިލުވާން ނޫސްވެރިންނަށް ފުރުސަތު އޮތުމުގެ އާންމު މަސްލަތަށް އަތުވެދާނެ އުނިކަމަށް ކޯޓުން ރިއާޔަތްކުރަންޖެހެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދޭ ފަރާތްތައް ހާމަކުރުން ލާޒިމުކުރާ ގޮތަށް ހެއްކާ ބެހޭ ޤާނޫނުގައި ހިމަނާފައިވާ މާއްދާއާމެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށް ހެއްކާ ބެހޭ ގާނޫނު އިސްލާހުކުރުމަށް ވަނީ މިދިޔަ ޖުލައި މަހު ރައީސް އިބްރާހީމް މުހައްމަދު ސާލިހުއަށް ޕެޓިޝަނެއް ހުށަހަޅާފައެވެ. މިހާރު މި ގާނޫނު އޮތްގޮތުން
ނޫސްވެރިންނާއި އަދި ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ނުރައްކަލަކަށް ހުށަހެޅިގެން ދާނެ ކަމަށް  ނޫސްވެރިންބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button