ޚަބަރު

މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތް: އެމްޖޭއޭ

ދާދިފަހުން ރައްޔިތުންގެ މަޖްލީހުން ފާސްކޮށް، މިއަދުގެ ވަގުތެއްގައި ތަސްދީގުކުރެވުނު ހެއްކާއި ބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި ގުޅިގެން ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ޖާނަލިސް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭއިން މިކަމާ ގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައުވަނީ، މަސްދަރު ހާމަކުރުމަށް މަޖުބުރުކުރުވޭ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ގޮވާލާ 158 ނޫސްވެރިއަކު ސޮއިކޮށް ރައީސްއަށް ޕެޓިޝަނެއް ހުށަހަޅާފައިވަނިކޮށް، އޭގައިވާކަންބޮޑުވުންތަކަށް ފަރުވާލެއް ބެހެއްޓުމެއް ނެތި އަދި އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުމެއް ވެސް ނެތި ރައީސް ސޯލިހު މިއަދު އެ ގާނޫނު ތަސްދީގުކޮށްފައި ވާތީ އެ ޖަމުއިއްޔާއިން އެކަން ނިހާޔަތަށް ކުށްވެރި ކުރާކަމަށެވެ. 

މީގެ އިތުރުން މި ބަޔާނުގައި ބުނެފައިވާ ގޮތުގައި އެ ޖަމްއިއްޔާއިން ދެކެނީ މި އިސްލާހަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަމާއި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއްގެ ގޮތުގައި ކަމަށާއި، މިކަމުން އެނގިގެން ދަނީ މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮނިޔަތް ނެތް ކަން ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. 

ހަމަ އެހެންމެ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައި މިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމުގައި އެ ޖަމްއިއްޔާއިންފާހަގަކޮށް ބުނެފައިވަނީ، މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް މި ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް އެ ޖަމްއިއްޔާއިން ދިވެހި އެންމެން ނޫސްވެރިންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާ ކުރާނެ ކަމުގެ ޔަގީންކަންދޭ ކަމަށެވެ. 

ހެއްކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ރައްޔިތުންގެ މަޖްލީހުން ފެށުމާއެކު އެމްޖޭއޭ އިން ވަނީ އެބިލުގަައި ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖްލީހާއި ހިއްސާކޮށްފައެވެ. އެހެން ނަމަވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކަށް އެއްވެސް ވަރަކަށް ރިއާޔަތްކުރުމެއްނެތި ރައްޔިތުންގެ މަޖްލީހުން ވަނީ ބިލް ފާސްކޮށްފައެވެ.

މި އިސްލާހު ތަސްދީގުކުރުމާއި ގުޅިގެން، ރާއްޖޭގެ ފުންނާބުއުސް ގިނަ ނޫސްވެރިން ވަނީ އެކަމާ ނުހަހަނު ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ފާޑުކިޔާފައެވެ. އަދި ގިނަ ނޫސްވެރިން ސިފަކޮށްފައިވާ ގޮތުގައި މިއީ ސަރުކާރުން ނޫސްވެރިކަމަށް ދިން ހަމަލާއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button