
މިހާރުގެ ސަރުކާރު ވެރިކަމަށް އައި ދުވަސްކޮޅު ކޮވިޑް-19 ގެ ބަލިމަޑުކަން ދިމާވެ، ހާލު ބޮޑުވާ މީހުނަށް ފަރުވާ ދިނުމަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބި، މި މައްސަލަ އާބިޓްރޭޝަނަށް ފޮނުވާފައިވާއިރު މިމައްސަލަ ދަނީ ބެލެމުން ކަމަށާއި އަދި ފައިސާ ހޯދޭނެކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
”އެމްއެމްޕީއާރުސީގެ މައްސަލައިގެ ތެރެއިންވެސް ހޯދަންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް މިހާރު އޭސީސީގެ ތެރެއިން، ކުރީގަ އެސެޓް ރިކަވަރީ ކޮމިޝަނެއް ހެދި އެ މަސައްކަތް މިހާރު އޭސީސީއަށް ޓްރާންސްފާވެ، އޭސީސީގެ ތެރެއިން ޕީޖީއާ އެއްކޮށްވެސް އެ މަސައްކަތްތަކެއް އެބަ ކުރެވޭ އެ ފައިސާ ހޯދޭނެ، ހޯދުމުގެ މަސައްކަތް އެބަ ކުރޭ،“ އަމީރު ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ ހިޔާާނާތުގެ ގޮތުގައި 30.9 މިލިއަން ރުފިޔާ ފާހަގަވެފައިވާއިރު، މިއީ ދުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނި މެދުވެރިކޮށް 75 ވެންޓިލޭޓަރު ހޯދަން އެޑްވާންސްގެ ގޮތުގައި ދިން ފައިސާއެވެ.
އިއްޔެގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ ސުވާލުކުރެއްވީ މިފައިސާގެ ތެރެއިން އެއްވެސް އަދަދެއް ހޯދިފައިވޭތޯއާއި، މިސަރުކާރުން ވައުދު ވެފައިވާގޮތަށް ހިޔާނާތުގެ އެހެނިހެން މައްސަލަތަކުގެ ފައިސާ ހޯދިފައިވޭތޯއެވެ. މި ސުވާލުތަކަށް ފިނޭންސް މިނިސްޓަރު އަމީރު ޖަވާބު ދެއްވަމުން ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލަ އޮތީ އާބިޓްރޭޝަންގެ މަރުހަލާގައި ކަމަށާއި ދައުލަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ދާނެކަމަށެވެ. ނަމަވެސް ދައުލަތަށް ލިބެން ޖެހޭ ކިހާ ފައިސާއެއް އަނބުރާ ހޯދިފައިވާކަން މިނިސްޓަރު އަމީރު ވިދާޅެއްނުވެއެވެ.
ކޮވިޑް 19 ގެ ބަލީގައި ހާލު ދެރަވާ މީހުނަށް ފަރުވާކުރުމަށް ކަމަށް ބުނެ ގެންނަން އުޅުނު ވެންޓިލޭޓަރުތައް މިހާތަނަށް ލިބިފައި ނުވާއިރު އެއްބަސްވުމުގެ ޖުމްލަ އަގުގެ %90 ވަނީ ނަގާފައެވެ. އަދި ފުރަތަމަ ޝިޕްމަންޓު ކަމަށް ބުނެ ފޮނުވި 15 ވެންޓިލޭޓަރަކީ ވެސް އެއްބަސްވި ސްޕެސިފިކޭޝަންސްތަކާ އެއްގޮތް ނުވެގެން މިނިސްޓްރީން ބަލައިގެންފައި ނުވާ ވެންޓިލޭޓަރުތަކެވެ.