ޝިއާއު މަރާލާފައިވަނީ ގަސްތުގައި، މަރާލި ސަބަބު ހޯދޭނެ!

އިއްޔެ ބޭއްވެވި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމުގައި ،ޝިއާއު މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ އަލީ ޝާހިލްގެ ފޯނު ހުޅުވިފައިވާ ކަމަށާއި އެ ފޯނުގެ އެހީގައި މަރާލި ސަބަބު ހޯދޭނެ ކަމަށް ބެލެވޭ ކަމަށް ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ހެޑް، ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ސައީދު ވިދާޅުވިއެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ސާމިހް ވިދާޅުވީ ޕޯސްޓްމޯޓަމްގެ ވަގުތީ ރިޕޯޓުން ދައްކާގޮތުގައި ޝިއާއު މުހައްމަދު މަރަށް ހުށަހެޅިގެން ދިޔައީ ގަސްތުގައި ދީފައިވާ އަނިޔާތަކެއްގެ ސަބަބުން ކަމަށެވެ.
ޗީފް ސްޕްރިންޓެންޑެންޓް މުހައްމަދު ބަޝީރު ވިދާޅުވީ ޝިއާއު މަރާލުމަށްފަހު ވެސް އޭނާއަށް އަނިޔާކޮށްފައިވާ ކަމަށާއި މި މައްސަލަ ދެ ހަފްތާ ތެރޭގައި ޕީޖީ އޮފީހަށް ފޮނުވޭނެ ކަމަށެވެ.
ޝިއާއު މަރާލައިފައި އޮއްވާ ފެނުނީ ހ. ޝީރީންވިލާގެ ނުވަ ވަނަ ބުރީގެ އެޕާޓްމަންޓަކުންނެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ވަޅުލާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ފުވައްމުލަކުގައެވެ.
ޝިއާއުގެ މަރާ ގުޅިގެން މަޝްހޫރު ސްކޭޓަރު އަލީ ޝާހިލް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާއިރު، ކޯޓުންވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފައެވެ.
މި މަރަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ލާއިންސާނީ އެއް މަރުކަން ފާހަގަކުރެވެއެވެ.