ޚަބަރުސިޔާސީ

އިހަވަންދޫއަށް ރައީސް ޔާމީންގެ ގިނަ ވައުދުތަކެއް!

އިދިޮކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ހއ.އިހަވަންދޫ ރައްޔިތުންނަށް ގިނަ ވައުދުތަކެއް ވެވަޑައިގެންފިއެވެ.

ރޭ އިހަވަންދޫގައި އިދިކޮޅު ޕީޕީއެމުން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި އެމަނިކުފާނަށް ކާމިޔާބު މިންވަރު ކުރައްވައިފިނަމަ، އެރަށުގައި އައިސް ޕްލާންޓު ހަދަައި، މަސްވެރިންނަށް ތެޔޮ ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމުގައެވެ. އިހަވަންދޫ މަސްވެރިންނަށް އެރަށުން ޑީސެލް ލިބޭނެ ގޮތާއި، އައިސް ނަގަން ފެލިވަރަށް ދިއުމުގެ ބަދަލުގައި އިހަވަންދޫ މަސްވެރިންނަށް ރަށުން އައިސް ލިބޭނެގޮތް ހައްދަވައިދެއްވާނެކަން ޔާމީން ފާހަގަކުރެއްވިއެވެ.

”އިހަވަންދޫ ބަނދަރު ބޮޑު ކުރުމާއެކީ ބަނދަރުގެ މައްސަލަ ހައްލު ކޮށްދޭނަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އިހަވަންދޫ ފަދަ ބޮޑު އާބާދީއެއްގެ ފެނާއި ނަރުދަމާ އެމަނިކުފާނުގެ ސަރުކާރުގައި ހަމަޖެހިގެންދިޔަކަން ފާހަގަކުރައްވައި ރައީސް ޔާމީން ވިދާޅުވީ އިތުރު ދައުރެއް ލިބިވަޑައިގެންފި ކަމަށް ވާނަމަ، މަގު ހަދާ ފުރަތަމަ 5 ރަށުގެ ތެރޭގައި އިހަވަންދޫ ހިމަނުއްވާނެ ކަމުގައެވެ.

”އަޅުގަނޑު މިވާހަކަ ދެއްކިޔަސް ވޯޓު ދެއްވާނެ ގޮތަކަށް ތިބޭފުޅުން ވޯޓު ދެއްވާ. އަޅުގަނޑަށް އެނގޭ މިރަށުގެ އާބާދީގެ ނިސްބަތުން އެއީ ވާން ޖެހޭ ކަމެއް ކަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

އިއްޔެ ހަވީރުގެ ވަގުތެއްގައި ރައީސް ޔާމީން އިހަވަންދޫއަށް ވަޑައިގެންނެވިއިރު، މިވަގުތު އެމަނިކުފާނު ހުންނެވީ ތުރާކުނުގައެވެ. އަދި މިއަދު ހަވީރުގެ ވަގުތެއްގައި ކެލާ އަށް ޔާމީން ވަޑައިގަންނަވާނެއެވެ. އަދި ކެލާގައި އިދިކޮޅުން ބާއްވާ ހާއްސަ ޖަލްސާއެއްގައި މިރޭ ޔާމީން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button