ޚަބަރު

ކޯޓުުން ތިން ފަހަރަށް ހުކުމް ކުރުމުންވެސް އިނގުރައިދޫ ކައުންސިލުން މުހައްމަދަށް ފައިސާ ނުދިން

2018 ވަނަ އަހަރު ރ.އިނގުރައިދޫ ކައުންސިލުން ސ.ހުޅުދޫ މޫނިމާގޭ މުހައްމަދު ހުސައިނަށް ދޭން ޖެހޭކަމަށް ސާބިތުވެފައިވާ ދަރަނި ދިނުމަށް އެރަށުގެ މެޖިސްޓްރޭޓް ކޯޓުން އަމުރުކުރުމަށްފަހު, ކައުންސިލުން އެފައިސާ ނުދެއްކުމުގެ ސަބަބުން, ހައިކޯޓުގެ އިސްތިއުނާފް ނިންމުމާ އެއްގޮތަށް ދެވަނަ ފަހަރަށް ކޯޓުން ހުކުމް ކުރުމުންވެސް ކައުންސިލުން އެފައިސާ ނުދައްކާ ހިފަހައްޓާފައިވާކަން ހާމަވެއްޖެއެވެ.

މި މައްސަލައިގެ ޝަރީއަތް ނިމުނުގޮތުގެ ރިޕޯޓުތައް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

މުހައްމަދު ހުސައިން އެންމެ ފުރަތަމަ މި މައްސަލަ ކޯޓަށް ހުށައަޅާފައިވަނީ 2018 ވަނަ އަހަރުއެވެ. އޭނާ ދައުވާކޮށްފައިވަނީ އިނގުރައިދޫ ކައުންސިލުން އޭނާއަށް 39955.14 ރުފިޔާ ދޭން ޖެހޭ ކަމަށް ބުނެ, ބުނެވިދިޔަ ދަރަނި ސާބިތުކުރުމަށެވެ. މި މައްސަލައިގައި އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ އެފައިސާއަކީ އިނގުރައިދޫ ކައުންސިލުން މުހައްމަދު ހުސައިނަށް ދޭންޖެހޭ ދަރަނީގެ ފައިސާ ކަމަށް ހުކުމް ކޮށް އެފައިސާ އަނބުރާ ދެއްކުމަށް އަންގާފައެވެ.

އެހެން ނަމަވެސް އިނގުރައިދޫ ކައުންސިލުން ވަނީ މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކޮށްފައެވެ. އަދި ހައިކޯޓުން އިންގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމް ދެމެހެއްޓި ނަމަވެސް, ކައުންސިލުން މުހައްމަދު ހުސައިނަށް އެފައިސާ އަނބުރާ ދައްކާފައެއް ނުވެއެވެ.

މުހައްމަދު ހުސައިންގެ ފަރާތުން މި މައްސަލަ ދެވަނަ ފަހަރަށް އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅުމުން އިނގުރައިދޫ ކައުންސިލުން ވަނީ ވަކީލެއް ހަމަޖެއްސުމަށް 10 ދުވަހުގެ މުއްދަތަކަށް އެދިފައެވެ. އަދި ވަކީލު ހަމަޖެއްސުމަށްފަހު މައްސަލައަށް ޖަވާބުދާރީވުމަށް ކޯޓުން އިތުރު 5 ދުވަސް ދިނުމުންވެސް ކައުންސިލުން މައްސަލައަށް ޖަވާބުދާރީ ވެފައެއް ނުވެއެވެ.

އިނގުރައިދޫ ކައުންސިލުން މައްސަލައަށް ޖަވާބުދާރީވުމަށް ކޯޓުން ދިން މުއްދަތު ހަމަވުމުން ކޯޓުން ވަނީ ލިޔުމުން ޖަވާބުދާރީ ވުމަށް އިތުރު ފުރުސަތެއް ނުދިނުމަށް ނިންމާފައެވެ. އަދި ޝަރީއަތުގައި އަނގަބަހުން ޖަވާބުދާރީވުމަށް ކައުންސިލަށް ވަނީ އަންގާފައެވެ.

މިފަދައިން އެންގުމުން އިނގުރައިދޫ ކައުންސިލުގެ ފަރާތުން ވަކީލު ބުނެފައިވަނީ, ކައުންސިލުން މި ފައިސާ ހަވާލުކުރުމަށް ފިނޭންސް މިނިސްޓްރީގައި ލަފަޔަކަށް އެފައިވާ ކަމަށާއި, ދަރަނީގެ ފައިސާގެ އަދަކީ 35,000 ރުފިޔާއަށްވުރެ މަތީގެ އަދަކަށް ވުމުން ގާނޫނުގައިވާ ގޮތުގެ މަތިން ފިނޭންސް މިނިސްޓްރީގެ ލަފަޔަކަށް އެދެންޖެހޭ ކަމަށެވެ.

ކައުންސިލުގެ ފަރާތުން ޝަރީއަތުގައި އިތުރަށް ބުނި ގޮތުގައި މިކަމުގެ ލަފަޔަށް އެދި ފިނޭންްސަށް ފޮނުވި ސިޓީއަށް އަދި މިހާތަނަށް ޖަވާބެއް ލިބަފައެއް ނުވެއެވެ. އެހެން ނަމަވެސް ކައުންސިލުން އުންމިދުކުރަނީ ފިނޭންސުން ލަފާ ދެއްވާނީ ދެބަޔަކަށް ބަހާލައިގެން ފައިސާ އަނބުރާ ދައްކާގޮތަށް, ނުވަތަ އެމައުންޓުގެ ވެލިއުއަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނައުމަށްފަހު ދައްކާގޮތަށެވެ.

މި މައްސަލައިގައި އިނގުރައިދޫ މެޖިސްޓްރޭޓް ކޯޓުން ދެވަނަ ފަހަރަށް ވަނީ 05 ޖޫން 2022 ވަނަ ދުވަހުން 15 ދުވަހުގެ ތެރޭގައި މުހައްމަދު ހުސައިނަށް މިފައިސާ ދެއްކުމަށް އިނގުރައިދޫ ކައުންސިލުގެ މައްޗަށް އަންގައި ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް މިއަދާ ހަމައަށްވެސް ކައުންސިލުން މުހައްމަދު ހުސައިނަށް މިފައިސާ އަނބުރާ ދައްކާފައެއް ނުވެއެވެ.

އިތުރު މައުލޫމާތު ”ބޮންތި“ ނޫހަށް ދެމުން މުހައްމަދު ހުސެއިން ބުނީ ފިނޭންސުން ފައިސާ ހިފަހައްޓަންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި ނިކަމެތިންނަށް ނިކަމެތިގޮތް އަދި މަހުޖަނުންނާއި ސިޔާސީ އިސް ފަރާތްތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރުން މޮޅުގޮތް ހަދައިދެނީ ކަމުގައެވެ.

”ނުދާނަން ސަރުކާރަށް އާދޭސް ކުރާކަށް. ޝަރީއަތުން އެއޮތީ ދޭން ޖެހޭ ފައިސާކަން ކަނޑައަޅާފަ. އަޅުގަނޑު މަސައްކަތް ކުރި ބިލުތައް ހުންނާނެ.“ މުހައްމަދު ހުސެއިން ވިދާޅުވިއެވެ.

މިކަމާ ގުޅިގެން އިނގުރައިދޫ ރައްޔިތުންގެ ފާޑުކިޔުން ކައުންސިލަށް ވަނީ އަމާޒުވެފައެވެ. އެހެން ނަމަވެސް ކައުންސިލް އިދާރާއިން މިމައްސަލައަށް ޖަވާބުދާރީ ވެފައި ނުވާތަނުގައި މުހައްމަދު ހުސައިނަށް މި ކަމާބެހޭ އެއްވެސް އިތުރު މައުލޫމާތެއް ދީފައިނުވާކަންވެސް ފާހަގަކޮށްލެވެއެވެ.

 

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button