ޚަބަރުސިޔާސީ

އިސްލާމީ މަރުކަޒަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ ބަންދުން ދޫކޮށްލައިފި

ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ބޮޑުކަމުދިޔަ އިންޑިއާ މީހާ ފުލުހުންގެ ބަންދުން ދޫކޮށްލައިފިއެވެ.

”ބޮންތި“ އަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ އޭނާގެ މުއްދަތާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ދިނީ އެއް ދުވަހުގެ މުހުލަތެއް ކަމުގައެވެ.

”ދޫކޮށްލީ ބަންދަށް ދިން މުއްދަތު ހަމަ ވުމުން.“ ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު، މިކަމާ ގުޅޭ އިތުރު މައުލޫމާތު “ބޮންތި” އާއި ހިއްސާ ކުރައްވަމުން ފުލުހުން މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ އެފަދަ މައުލޫމާތެއް ލިބުމާގުޅިގެން ހައްޔަރު ކުރީ 40 އަހަރުގެ އިންޑިއާ ފިރިހެނެއް ކަމުގައެވެ.

ދޫކޮށްލި އިންޑިއާ މީހާ އާއި ގުޅޭގޮތުން އިތުރު މައުލޫމާތު ހޯދުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އާއި ”ބޮންތި“ އިން ސުވާލު ކުރުމުން ވިދާޅުވީ ފުލުހުންނާ ސުވާލު ކުރުމަށެވެ.

މިފަހަކަށް އައިސް މިސްކިތަށް ކުޑަކަމުދިޔުމާއި ބޮޑު ކަމުދިޔުމުގެ އިތުރުން، މިސްކިތްތަކުގައި ބަހައްޓާފައި ހުންނަ ހަތިމަށް ކުޅު ޖެހުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އެކަމަކު އެފަދަ ކަންކަން ކުރާ ފަރާތްތަކަކީ ނަފްސާނީ ބަލިމަޑުކަމެެއްގެ ވެރި ބައެއް ކަމުގައި ކަމާބެހޭ ފަރާތްތަކުން ބުނެއެެވެ. ހާއްސަގޮތެއްގައި އިންޑިއާ އަށް ނިސްބަތްވާ އެފަދަ ކަންކަން ކުރާ ފަރާތްތަކާއިމެދު ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މާތް ރަސްކަލާނގެ އަށާއި، މާތް ނަބިއްޔާ އަށާއި އިސްލާމް ދީނަށް ފުރައްސާރަ ކުރި އިންޑިއާ މީހަކު މީގެ ކުރިން ވަނީ ފުރުވައިލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button