ޚަބަރު

ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ރައީސް ސޯލިހު އެދިވަޑައިގެންފި

ބޯހިމެނުމުގެ މަސައްކަތަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފިއެވެ.

ރައީސް ސޯލިހު މިކަމަށް އެދިވަޑައިގެންފައި ވަނީ އެމަސައްކަތުގައި އިސްކޮށް ޙަރަކާތްތެރިވާ ބޭފުޅުންނާ ބައްދަލުކުރައްވާ އިއްޔެ ހެނދުނު ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސޯލިހު ރައްޔިތުންގެ ކިބައިން އެގޮތަށް އެދިވަޑައިގަތީ އެކަމުގައި ހަރަކާތްތެރިވާ ބޭފުޅުން މަސައްކަތް ކުރައްވަން ހަމަޖެހިފައިވާ ތަން ކަމުގައިވާ ދަރުބާރުގެއަށް ވަޑައިގެން، ޢަމަލީގޮތުން މަސައްކަތްކުރައްވާ ފަރާތްތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވާފަރާތްތަކާ ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ އެބޭފުޅުން އިއްޔެ ފެއްޓެވި މަސައްކަތަކީ ރާއްޖޭގެ ކުރިމަގު ރޭވުމަށް ވަރަށް މުހިންމު މަޢުލޫމާތުތަކެއް އެއްކުރެވޭ މަސައްކަތެއްކަމުގައި ފާހަގަކުރައްވާފައެވެ. އަދި ބޯހިމެނުމުގައި އެއްކުރެވޭ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކާ އިޖުތިމާޢީ ހުރިހާ ބޮޑެތި މައްސަލަތައް ފާހަގަވުމުގެ އިތުރުން އެކަންތައްތައް ޙައްލުކުރުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެކަމުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

ބޯހިމެނުން 2022 ގެ މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމް.ބީ.އެސް) ގެފަރާތުންނެވެ.

މި އަހަރުގެ ބޯހިމެނުމުގެ ލިސްޓިންގގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު މަހުގެ 13 އިން 14 ގެ ނިޔަލަށެވެ. އަދި ބޯހިމެނުމުގެ ތަފްޞީލް މަޢުލޫމާތު ނެގުމުގެ މަސައްކަތްތައް ކުރިއަށްދާނީ ސެޕްޓެންބަރު 17 އިން 25 ގެ ނިޔަލަށެވެ. މިފަހަރުގެ ބޯހިމެނުމުގެ ޢަމަލީ މަސައްކަތުގައި 4000 އަށް ވުރެ ގިނަ ފަރާތްތަކުން ބައިވެރިވެއެވެ.

ބޯހިމެނުމުގެ މި އަހަރުގެ ޝިއާރަކީ ”8 ބިލިއަން މީހުންގެ ދުނިޔެއެއް: ކެތްތެރި މުސްތަގުބަލަކާ ދިމާއަށް، ފުރުސަތުތައް ބޭނުންކޮށް އެންމެންނަށް ހައްގުތަކާއި އިހްތިޔާރުތައް ކަށަވަރުކުރުން“ މިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button